Roadha Mihaaru
އެމެރިކާގެ ޖެވްލިން މިސައިލް ޔޫކްރޭނަށް ފޮނުވަނީ

އެމެރިކާގެ ޖެވްލިން މިސައިލް ޔޫކްރޭނަށް ފޮނުވަނީ

07 އެޕްރީލް 2022

ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިތުރު 100 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ހަދިޔާ ކުރަން އެމެރިކާ އިން ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިތުރު 100 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ހަދިޔާ ކުރަން އެމެރިކާ އިން ނިންމައިފި އެވެ.

އެމެރިކާ އިން މިފަހަރު ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ، ޔޫކްރޭންގެ ދޮންބާސް ސަރަހައްދަށް ޖަމާވަމުންދާ ރަޝިޔާ ސިފައިންނާ ދެކޮޅަށެވެ. ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް މަސައްކަތް ކުރި ރަޝިޔާގެ ލަޝްކަރުތަކަށް ނާކާމިޔާބުވުމާ ގުޅިގެން، އެ ލަޝްކަރުތައް މިހާރު ޖަމާވަމުން ދަނީ، ދޮންބާސް ސަރަހައްދަށެވެ.

ދޮންބާސް ސަރަހައްދަކީ ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ސަރަހައްދަކަށް ވާތީ، ރަޝިޔާ ސިފައިން މިހާރު އަމާޒު ހިފާފައިވަނީ ހަނގުރާމަވެރިންނާ ގުޅިގެން، ޔޫކްރޭން ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީ، ދޮންބާސް ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިކޮށްލުމަށެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ގަބޫލުކޮށްފައިވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަކީ ވެސް ދޮންބާސް ސަރަހައްދުގެ ބައެކެވެ.

އެމެރިކާ އިން ޔޫކްރޭނަށް ދިނުމަށް އެންމެ ފަހުން މި ނިންމި 100 މިލިއަން ޑޮލަރުގެ އަސްކަރީ އެހީއާ އެކު، ޔޫކްރޭން ހަނގުރާމަ ފެށި ފަހުން އެމެރިކާ އިން ޔޫކްރޭނަށް ދިން އަސްކަރީ އެހީގެ މިންވަރު 1.7 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔައީ އެވެ. މިފަހަރު ފޮނުވާ އަސްކަރީ އެހީގެ ސާމާނުގެ ތެރޭގައި ގިނައިން ހިމެނޭނީ ޓޭންކުތަކަށް ހަމަލާ ދިނުމަށް އުފައްދާފައިވާ، ޖެވްލިން މަރުކާގެ މިސައިލެވެ.

ޖެވްލިން މަރުކާގެ މިސައިލަކީ، ކޮނޑުމަތީގައި ބާއްވައިގެން ފޮނުވައިލެވޭ ގޮތަށް ހަދާފައިވާ، ލުއި އަދި އަމާޒަށް ހަމަލާ ދިނުމުގައި ވަރަށް ބަރާބަރު ހަތިޔާރެކެވެ. ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާގެ އެއްގަމު ސިފައިން ކުރި މަސައްކަތް ވެސް ނާކާމިޔާބުކޮށްލީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ދިން، މިޒާތުގެ މިސައިލްތަކުގެ އެހީގައި ރަޝިޔާގެ އެއްގަމު ސިފައިންގެ ގިނަ އަދަދެއްގެ ޓޭންކުތައް ހަލާކުކޮށްލައިގެންނެވެ.

ޔޫކްރޭންގައި އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަނީ ކުރީގެ ސޮވިއެޓް ޔޫނިއަންގައި އުފައްދާފައިވާ ހަތިޔާރު ކަމަށްވާތީ، އެމެރިކާ އާއި ހުޅަނގުގައި އުފައްދާފައިވާ ހަތިޔާރުތައް ބޭނުންކުރުމުގައި، ޔޫކްރޭން ސިފައިންނަށް ދަތިތަކާ ކުރިމަތިވާ ކަމަށްވެ އެވެ. އެހެންކަމުން، ހުޅަނގުގެ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ވެސް، ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުންގެ އެހީގައި، ޔޫކްރޭން ސިފައިންނަށް އަންނަނީ ދެމުންނެވެ.

އެމެރިކާ އިން މިހާތަނަށް ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި ހިމެނޭ ސްވިޗްބްލޭޑް "ކަމިކާޒޭ" ޑްރޯން ބޭނުންކުރާނެ ގޮތުގެ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް، ޔޫކްރޭންގެ ސިފައިންގެ އޮފިސަރުންތަކެއް މިހާރު ތިބީ އެމެރިކާގަ އެވެ. މި ޑްރޯނަކީ، ދެ ފޫޓު ދިގުމިނުގައި ހަދާފައިވާ، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންއެކެވެ.

ކަމިކާޒޭ ޑްރޯންގައި ހަރުކޮށްފައިވާ ކެމެރާގެ އެހީގައި އޭގެ އަމާޒު ދެނެގަނެވުމުން، އެ އަމާޒާ ދިމާލަށް ބާރު ދުވެލީގައި ވެއްޓިގަނެ އެވެ. އަދި ވެއްޓި ޖެހުމާއެކު އޭގައިވާ ގޮވާތަކެތި ގޮވުމުން އެތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ޔޫކްރޭން ސިފައިން މިހާރު ވެސް އަންނަނީ، މިބާވަތުގެ ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ އެއްގަމު ލަޝްކަރުގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.