Roadha Mihaaru
ރޮބޯތިންކުގެ ދެ ކޭމްޕް ނިންމާލައިފި

ސްކޫލް ބަންދަށް ރޮބޯތިންކުން ހިންގި ދެ ކޭމްޕެއް ނިންމާލައިފި

08 އެޕްރީލް 2022

ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" އިން ސްކޫލް ބަންދާ ދިމާކޮށް ހިންގި ދެ ކޭމްޕް މިއަދު ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" އިން ސްކޫލް ބަންދާ ދިމާކޮށް ހިންގި ދެ ކޭމްޕް މިއަދު ނިންމާލައިފި އެވެ.

އެ ޕްރޮގްރާމުގެ ދަށުން ބޭއްވީ "އިންޖިނިއާ އެއާޕްލޭންސް" ތީމުގެ ކޭމްޕަކާއި "އެނިމަލް ސަފާރީ" ތީމުގެ ކޭމްޕެކެވެ. މި ދެ ކޭމްޕުގައި 60 ކުދިން ބައިވެރިވި އެވެ.

ސަފާރީ ތިީމަށް ރޮބޯތިންކްގެ ސްޓޫޑިއޯ ތައްޔާރުކޮށްފައި-- ފޮޓޯ: ނެކްސްޖެން

ސަފާރީ ތިީމަށް ރޮބޯތިންކްގެ ސްޓޫޑިއޯ ތައްޔާރުކޮށްފައި-- ފޮޓޯ: ނެކްސްޖެން

އެ ކޭމްޕުގައި ބައިވެރިވި ކުދިންނަށް ތީމާ ގުޅޭގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އިންޖިނިއާ އެއާޕްލޭންސް ކޭމްޕުގައި ބައިވެރިވި ކުދިންނަށް އޭވިއޭޝަނާއި އިންޖިނިއަރިން ދާއިރާގެ މައުލޫމާތާއި އެ ދާއިރާއިން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ކޮންމެ ދުވަހަކު ތަފާތު ވައްތަރެއްގެ، އުދުހޭ އުޅަނދެއްގެ މޮޑަލްއެއް ތައްޔާރު ކުރަން ވެސް ކުދިންނަށް ވަނީ ދަސްކޮށްދީފަ އެވެ. މީގެ ތެރޭގައި މަތިންދާބޯޓާއި ޕްރޮޕެލާ ޕްލޭނާއި ހެލިކޮޕްޓަރު އަދި ފްލައިން ކާރުގެ މޮޑެލް ވަނީ ތައްޔާރު ކޮށްފަ އެވެ.

ރޮބޯތިންކުގެ ކޭމްޕުގައި ބައިވެރި ކުދިންތަކެއް ތަފާތު އެއްޗެހި ހަދާނެ ގޮތް ދަސްކުރަނީ-- ފޮޓޯ: ނެކްސްޖެން

ރޮބޯތިންކުގެ ކޭމްޕުގައި ބައިވެރި ކުދިންތަކެއް ތަފާތު އެއްޗެހި ހަދާނެ ގޮތް ދަސްކުރަނީ-- ފޮޓޯ: ނެކްސްޖެން

ސަފާރީ ތީމުގެ ކޭމްޕުގައި ބައިވެރިވި ކުދިންނަށް އެކި ޖަނަވާރުތަކާ ގުޅުންހުރި މައުލޫމާތުތަކާއި ޒޫލޮޖީ ފަދަ ދާއިރާތަކުން ކުރިއަށްދެވެން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި އެ ކޭމްޕުގެ ބައިވެރިންނަށް ތަފާތު ވައްތަރުގެ ޖަނަވާރު ރޮބޮޓުތައް ހަދާނެ ގޮތް ދަސްކޮށްދީފައިވާއިރު އަމިއްލަ ޒުލެއް ހަދާނެ ގޮތް ވެސް ކުދިންނަށް ވަނީ ދަސްކޮށްދީފަ އެވެ.

މިއީ ސްކޫލް ޗުއްޓީ ބޭނުންތެރި ގޮތުގައި ހޭދަ ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ހިންގާ ކޭމްޕުތަކެކެވެ. މިއީ ރޮބޯތިންކުގެ ބައިނަލްއަގުވާމީ ފޯމެޓަށް ހިންގާ ކޭމްޕެކެވެ.

ރޮބޯތިންކް ކޭމްޕުގައި ކުދިންތަކެއް ތައްޔާރު ކޮށްފައިވާ ރޮބޮޓުތަކެއް--

ރޮބޯތިންކް ޕްރޮގްރާމަކީ "ނެކްސްޖެން އެޑިއުކޭޝަން" އިން މިދިޔަ އަހަރު ރާއްޖެއަށް ތައާރަފުކުރި ޕްރޮގްރާމެކެވެ. އެއީ ކޯޑިން އާއި ރޮބޮޓިކްސް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން ކުޑަކުދިންނަށް ކިޔަވައިދޭ ދުނިޔޭގެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގައި ސްޓެމްގައި ހިމެނޭ ދާއިރާތައް ކަމަށްވާ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް ގެ ޕްރޮގްރާމްތައް ކިޔަވައިދޭނެ އެވެ.

ރޮބޯތިންކް ކޭމްޕުގައި ކުދިންތަކެއް ހެލިކޮޕްޓަރު ހަދަނީ-- ފޮޓޯ: ނެކްސްޖެން

ރޮބޯތިންކް ކޭމްޕުގައި ކުދިންތަކެއް ހެލިކޮޕްޓަރު ހަދަނީ-- ފޮޓޯ: ނެކްސްޖެން

އެ ޕްރޮގްރާމުގެ ދަށުން މިދިޔަ ޑިސެމްބަރު މަހު ވެސް ކޭމްޕް ބޭއްވި އެވެ. އަދިވެސް އިތުރު ކޭމްޕުތައް ބާއްވައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ނެކްސްޖެން އިން ބުންޏެވެ.