Roadha Mihaaru
ލަންކާ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި

ލަންކާ އިގްތިސާދީ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި ކަމަށް ބުނެ އޭނާ ފުރުން މަނާކޮށްފި

08 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 8) - ސްރީ ލަންކާގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ވެއްޓުނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތު ކަބްރާލްގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު އޭނާ ގައުމުން ބޭރަށް ފުރައިގެން ދިއުން ކޯޓުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 8) - ސްރީ ލަންކާގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ވެއްޓުނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތު ކަބްރާލްގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު އޭނާ ގައުމުން ބޭރަށް ފުރައިގެން ދިއުން ކޯޓުން މަނާކޮށްފި އެވެ.

ކޮލަމްބޯގެ މެޖިސްޓްރޭޓް ކޯޓަކުން މިހާރު ވަނީ އަޖިތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް މި މަހު 18 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފަ އެވެ. ކޯޓުން ވަނީ އޭނާ ފުރައިގެން ދިއުން ހުއްޓުވުމަށް އިމިގްރޭޝަން އޮތޯރިޓީ އަށް ވެސް އަންގައިފަ އެވެ.

މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި އަޖިތަކީ މަރުކަޒީ ބޭންކު ހިންގުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ އިޚްތިޔާރު ކުރެއްވި ފަރާތެކެވެ. އެކަމަކު ބައެއް އެކްޓިވިސްޓުން މިހާރު ތުހުމަތު ކުރަނީ ގައުމުގައި ބޭރު ފައިސާގެ ތާށިކަން އިންތިހާ ދަރަޖައަށް ކުރިމަތިވެ މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ޒިންމާ އަޖިތު އުފުއްލަވަން ޖެހޭނެ ކަމަށެވެ.

އަޖިތު އިސްތިއުފާ ދެއްވީ ކެބިނެޓް އިސްތިއުފާ ދިންތާ އެއް ދުވަސް ފަހުންނެވެ. ސަރުކާރުގެ ބައެއް ފަރާތްތަކުން ވެސް ތުހުމަތު ކުރަނީ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ރައީސް އަށް ވެސް އަޖިތު ސައްހަ މައުލޫމާތު ނުދެއްވާ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބެއިލްއައުޓް ޕެކޭޖެއް ދުރާލައި ހޯދުމަށް ވެސް އޭނާ ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އައިއެމްއެފްގެ އެހީ އަށް އެދޭނެކަން ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެ މަޝްވަރާތައް އަދިވެސް ނުފަށަ އެވެ.

އަޖިތު ކުރިން ވިދާޅުވަމުން ގެންދެވީ ފޮރިން ރިޒާވް އިތުރު ކުރުމަށް ގައުމުގެ އެތެރޭން އޭނާ އަށް ހައްލު ހޯއްދެވޭނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެންމެ އަސާސީ ތަކެތި އެތެރެކުރުމަށް ވެސް ލަންކާގައި މިހާރު ޑޮލަރު ނެތް ކަމެވެ.