Roadha Mihaaru
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް

ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް

22 ސެޕްޓެމްބަރ 2022

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ އަހަރީ އިންފްލޭޝަން ރޭޓް، މިދިޔަ އޮގަސްޓް މަސް ހުސްވި އިރު 70 ޕަސެންޓަށް މައްޗަށް އަރާފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތައް ދައްކައިފި އެވެ.

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ އަހަރީ އިންފްލޭޝަން ރޭޓް، މިދިޔަ އޮގަސްޓް މަސް ހުސްވި އިރު 70 ޕަސެންޓަށް މައްޗަށް އަރާފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ލަންކާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރެއްހާ ދުވަހާ އަޅައި ބަލާއިރު، ކާބޯ ތަކެތީގެ އަގުތައް މިހާރު ހުރީ 84.6 ޕަސެންޓަށް މަތިވެފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން މުޅި ގައުމު ފުރަބަންދުކޮށް، އިމްޕޯޓް އެކްސްޕޯޓް ހުއްޓައިލުމާ ގުޅިގެން، ބޭރު ފައިސާ ލިބުން ހުއްޓި އަހަރެއްގެ ތެރޭގައި އިގްތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފަ އެވެ.

އާބާދީގައި 22 މިލިއަން މީހުން ދިރިއުޅޭ ސްރީ ލަންކާއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހަކަތައިގެ ބާވަތްތަކާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުވެސް އެތެރެކުރުމަށް ހުރަސްއެޅިފައިވުމުން، ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ލަންކާގެ އިންފްލޭޝަން ރޭޓް 70 ޕަސެންޓަށް އަރާފައިވަނިކޮށް، އެ ގައުމުގެ މަރުކަޒީ ބޭންކުން މިދިޔަ މަހު ބުނެފައިވަނީ، އިންފްލޭޝަން ރޭޓް ވަރަށް އަވަހަށް ރަނގަޅުވާން ފަށާނެ ކަމަށެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން، ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓް ވަނީ 8.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ސްރީ ލަންކާގައި 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް ފެތުރެން ފެށުމާ ހަމައަށް، އެ ގައުމަށް ބޭނުންވާ އެމެރިކާ ޑޮލަރާއި ބޭރު ފައިސާ ހޯދާ މައިގަނޑު ވަސީލަތަކީ ޓޫރިޒަމެވެ. ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށް ޓޫރިޒަމްގެ ހަރަކާތްތައް ހުއްޓައިލުމާ ގުޅިގެން، ބޭރު ފައިސާ ލިބޭނެ ހުރިހާ ވަސީލަތްތަކެއްހެން ބަންދުވެގެން ދިޔައީ އެވެ.

އޭގެ އިތުރުން އެ ދުވަސްވަރު ލަންކާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ހިންގެވި ކޮރަޕްޝަންގެ އަމަލުތަކާއި، ސަރުކާރު ހިންގުމުގައި ހުރި ދޯދިޔާކަމުގެ ސަބަބުން، އާމްދަނީ ދަށްވެ ޚަރަދުތައް އިންތިހާ އަށް މައްޗަށް ގޮސް، ބޭރުގެ ދަރަނި އިތުރުވެގެން ދިޔަ އެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ފިލުވުމުގެ ގޮތުން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް، ލަންކާ ސަރުކާރާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ ދެމެދު މިހާރު ވަނީ އުސޫލެއްގެ ގޮތުން އެއްބަސްވެފަ އެވެ. އެ އެއްބަސްވުން ތަންފީޒު ކުރެވޭނެ ދުވަހެއް އަދި ނޭނގޭ އިރު، ލަންކާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިތުރު އެހެން ގޮތްގޮތުން ފައިސާ ހޯދުމަށެވެ. އެ ގޮތުން އިންޑިއާ ސަރުކާރާ އެކު ވާހަކަ ދައްކައިގެން ލޯނު އަދާކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.