Roadha Mihaaru
ޖޭލޯ އާއި އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ

ޖޭލޯ އާއި އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ

10 އެޕްރީލް 2022

ޕޮޕް މިއުޒިކްގެ އައިކަންއެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި މަޝްހޫރު އެކްޓަރު ބެން އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ޕޮޕް މިއުޒިކްގެ އައިކަންއެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި މަޝްހޫރު އެކްޓަރު ބެން އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ އެވެ.

މީގެ ކުރީން އެންގޭޖުވުމަށް ފަހު، ކައިވެނި ކުރުމުގެ ކުރީން ވަކިވި އެ ދެމީހުން އަލުން ދިމާވެ، އާ ގުޅުމެއް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ދެ މީހުންގެ އެންގޭޖުމެންޓް ރޫޅާލިތާ 17 އަހަރު ފަހުން އަނެއްކާ ވެސް އެކީގައި ފެނުމުން ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ.

އަނެއްކާ ވެސް އެ ދެމީހުން އެންގޭޖްވިކަން ޖޭލޯ އިއުލާންކުރީ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގައި ޖޭލޯގެ އިހުސާސްތައް ދައްކަ އެވެ.

އެ ދެމީހުން ވަނީ މިދިޔަ މަހު ގެއެއް ވެސް ގަނެފަ އެވެ. ދެމީހުންގެ އާއިލާއާ އެކު ދިރިއުޅުމަށް ގަތް އެ ގޭގެ އަގަކީ 55 މިލިއަން ޑޮލަރެވެ.

ޖޭލޯ އާއި އެފްލެކް އެންމެ ފުރަތަމަ އެންގޭޖުވެފައި ވަނީ 2002 ވަނަ އަހަރުގަ އެވެ. ނަމަވެސް، އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން، 2004 ވަނަ އަހަރު ވަކިވި އެވެ.