Roadha Mihaaru
އަނެއްކާވެސް ބެން އެފްލެކަށް ހާއްސަ ޖޭލޯގެ އަލްބަމެއް

ޖޭލޯ އާއި ބެން އެފްލެކްގެ ލޯބީގެ ހަޔާތަށް އަނެއްކާވެސް އަލްބަމެއް ނެރެނީ!

30 ނޮވެމްބަރ 2022

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް (ޖޭލޯ) އާއި ފިރިމީހާ ބެން އެފްލެކްގެ ލޯބީގެ ހަޔާތަސް ހާއްސަކޮށްގެން، 20 އަހަރު ފަހުން އަނެއްކާވެސް އަލްބަމެއް ނެރެން ޖޭލޯ ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް (ޖޭލޯ) އާއި ފިރިމީހާ ބެން އެފްލެކްގެ ލޯބީގެ ހަޔާތަސް ހާއްސަކޮށްގެން، 20 އަހަރު ފަހުން އަނެއްކާވެސް އަލްބަމެއް ނެރެން ޖޭލޯ ތައްޔާރުވެއްޖެ އެވެ.

ޖޭލޯ އާއި ހޮލީވުޑްގެ މަޝްހޫރު ތަރި ބެން ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ 2002 ވަނަ އަހަރު އެވެ. ހަތަރު ވަރަކަށް މަސްދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، އެންގޭޖު ވެސް ވި އެވެ. އެކަމަކު، ކައިވެނީގެ ކުރިން 2004 ވަނަ އަހަރުގެ ކުރީކޮޅު އެ ގުޅުން ނިމުނީ އެވެ.

އޭގެ 18 އަހަރު ފަހުން ބެން އަދި ޖޭލޯ ދެވަނަފަހަރަށް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރު އެވެ. އަދި މި އަހަރުގެ ޖުލައި މަހު އެ ދެ ތަރިން ވަނީ ކައިވެނިކޮށްފަ އެވެ.

ޖޭލޯ އަދި ބެން ލޯބީގެ ގޮތުން ފުރަތަމަ ގުޅުނު އިރުގެ ފޮޓޯ (ވ) އަދި މި އަހަރު އެ ދެ ތަރިންގެ ކައިވެނީގެ ފޮޓޯ އެއް

ޖޭލޯ އަދި ބެން ލޯބީގެ ގޮތުން ފުރަތަމަ ގުޅުނު އިރުގެ ފޮޓޯ (ވ) އަދި މި އަހަރު އެ ދެ ތަރިންގެ ކައިވެނީގެ ފޮޓޯ އެއް

ސްޓޫޑިއޯއެއްގައި ރެކޯޑުކުރި ޖޭލޯގެ ތިން ވަނަ އަލްބަމް، "ދިސް އިޒް މީ… ދެން" ވެގެންދިޔައީ ވަރަށް ބޮޑު ހިޓަކަށެވެ. ލޯބިވެރިޔާ ބެންއާ އެކު ފުރަތަމަފަހަރު ހޭދަކުރި ދުވަސްވަރު ލިއުނު އެ އަލްބަމް ރިލީޒް ކޮށްފައިވަނީ 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ އަލްބަމްގައި 12 ލަވަ ހިމެނޭ އިރު، "ޖެނީ ފްރޮމް ދަ ބްލޮކް" ފަދަ މަޝްހޫރު ބައެއް ލަވަތަކުގެ ވީޑިއޯތަކުން ޖޭލޯ އާއި ބެންގެ ލޯބީގެ ހަޔާތުގެ ބައެއް މަންޒަރުތައް ފެނެ އެވެ. އެ އަލްބަމަކީ ބެން އަށް ހާއްސަކޮށްގެން ޖޭލޯ ނެރުނު އަލްބަމެކެވެ.

ފުރަތަމަ ފަހަރަށް ޖޭލޯ އަދި ބެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރުގެ ފޮޓޯ އެއް

ފުރަތަމަ ފަހަރަށް ޖޭލޯ އަދި ބެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރުގެ ފޮޓޯ އެއް

"ދިސް އިޒް މީ..ދެން" އަލްބަމަށް މިދިޔަ ހުކުރު ދުވަހު 20 އަހަރު ފުރިފައިވާއިރު، އެ ދުވަހު ޖޭލޯ ވަނީ އަންނަ އަހަރު އަނެއްކާވެސް އާ އަލްބަމެއް، ބެން އަދި އޭނާގެ ދިރިއުޅުމަށް އަމާޒުކޮށްގެން ނެރޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. "ދިސް އިޒް މީ... ނައު" ގެ ނަމުގައި ނެރޭ އެ އަލްބަމަކީ އޭނާގެ ކައިވެނީގެ ހަޔާތަށް ހާއްސަކޮށްގެން ހަދާ އަލްބަމެއް ކަމަށް ޖޭލޯ ބުންޏެވެ.

"ކުރީގެ އަލްބަމް، 'ދިސް އިޒް މީ.. ދެން' އިން ވަރަށް ރަނގަޅަށް އަހަރެންގެ ހަޔާތުގެ ބައިވެރިޔާއާ ލޯބިވެވުނު މަންޒަރުތައް ސިފަކޮށްދޭ،" އެޕަލް މިއުޒިކަށް ދިން އިންޓަވިއުއެއްގައި ޖޭލޯ ބުންޏެވެ.

ޖޭލޯ ކިޔައިދިން ގޮތުގައި، އެ އަލްބަމްގެ ހުރިހާ ލަވައެއް ވެސް ބެން އަށް އެނގޭނެ އެވެ. އަދި އޭނާ ވަރަށް ގަޔާވި ކަމަށް ވެސް ޖޭލޯ ބުންޏެވެ.

ޖޭލޯ އަދި ބެންގެ ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް

ޖޭލޯ އަދި ބެންގެ ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް

"އޭނާ (ބެން) އަކީ އަހަރެންގެ އެންމެ ބޮޑު ފޭން އަދި ސަޕޯޓަރު،" ޖޭލޯގެ މަސައްކަތަށް ބެން ދޭ އެއްބާރުލުން ފާހަގަކޮށް ޖޭލޯ ބުންޏެވެ. އޭރު ބެންއާ ރުޅިވުން ޖޭލޯ ސިފަކޮށްދިނީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަމުގެ ގޮތުގަ އެވެ.

"އަނެއްކާވެސް އަހަރެންގެ ހަޔާތަށް އޭނާ އައުމުން، ކުރިއެކޭ އެއްގޮތަށް، ވަރަށް އިންސްޕަޔާވި، އަދި ވަރަށް އުފާވެސް ވި." ޖޭލޯ ކިޔައިދިނެވެ.

ގިނަ އަހަރުތަކަށް ފަހު ހޮލީވުޑްގެ މަޝްހޫރު އެ ޖޯޑު އަނެއްކާވެސް ގުޅުން ވެފައިވަނީ ޖޭލޯގެ ގިނަ ހިޓު ލަވަތަކެއް ނިކުތުމަށް މަގުފަހިކޮށްދޭނެ ކަމަކަށެވެ.