Roadha Mihaaru
ޖޭލޯގެ  ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ

ޖޭލޯގެ އިންސްޓަގްރާމުން ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ

17 އޯގަސްޓް 2021

އެމެރިކާގެ ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ކުރީގެ ބޭސްބޯލް ތަރި އެލެކްސް ރޮޑްރިގޭޒް އެންގޭޖް ވެސް ވެފައި ވަނިކޮށް މި އަހަރުގެ ކުރީކޮޅު އެންގޭޖްމަންޓް ރޫޅާލައި، ޖޭލޯ ކުރީގެ ލޯބިވެރިޔާ ބެން އެފްލެކާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިންސްޓަގްރާމްގައި ހުރި އެލެކްސްގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ކުރީގެ ބޭސްބޯލް ތަރި އެލެކްސް ރޮޑްރިގޭޒް އެންގޭޖް ވެސް ވެފައި ވަނިކޮށް މި އަހަރުގެ ކުރީކޮޅު އެންގޭޖްމަންޓް ރޫޅާލައި، ޖޭލޯ ކުރީގެ ލޯބިވެރިޔާ ބެން އެފްލެކާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިންސްޓަގްރާމްގައި ހުރި އެލެކްސްގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްފި އެވެ.

ފޮޓޯތައް މި ހަފުތާގެ ތެރޭގައި ޑިލީޓްކުރި އިރު މިދިޔަ މަހުގެ 24 ގައި 52 އަހަރު ފުރުމާ ދިމާކޮށް އިންސްޓަގްރާމްގައި ޖޭލޯ އާންމުކުރި ފޮޓޯތަކުގެ ތެރޭގައި އެފްލެކާ އެކު ނަގާފައިވާ ގައިގޯޅި ފޮޓޯއެއް ވެސް ހިމެނެ އެވެ. އެލެކްސްގެ ހަނދާންތަކާ މުޅިން ދުރުވާން އިންސްޓަގްރާމްގައި ހުރި ދެ މީހުންގެ ފޮޓޯތައް ޑިލީޓްކުރި އިރު، ދެ މީހުން 2017 ގައި ރައްޓެހިވި ފަހުން އެކީގައި ނަގާފައި ހުރި ގިނަ ފޮޓޯތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެލެކްސްގެ ދަރިންނާ އެކީ ޖޭލޯ ނަގާފައިވާ ފޮޓޯތަކާއި އެންގޭޖްމަންޓް ފޮޓޯތަައް ވެސް ހިމެނެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެންގޭޖްމަންޓް ރޫޅައިލިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ ދެ ލޯބިވެރިންގެ ގޮތުގައި ނެތަސް އެ މީހުންގެ މެދުގައި އަބަދު ވެސް ގާތް އެކުވެރިކަން އޮންނާނެ ކަމަށެވެ.

އެލެކްސްއާ ވަކިވި ފަހުން ޖޭލޯ އާއި އެފްލެކްގެ ގުޅުމުގެ ވާހަކަ ވަރަޑް ހޫނުކޮށް ދެކެވުނަސް ރަސްމީކޮށް އެ ދެ މީހުން އަދި މިހާތަނަށް ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. ދެ ތަރިން ކުރިން ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ވަކިވީ 2004 ގަ އެވެ. އަދި އެފްލެކާއި އޭނާގެ ދަރިންގެ މަންމަ ޖެނިފާ ގާނާ ކައިވެނިކުރީ 2005 ވަނަ އަހަރު އެވެ. އެ ކައިވެނީ ރޫޅައިލީ 2018 ގަ އެވެ.

ދެ ކުދިން ތިބި ޖޭލޯ މިހާތަނަށް ތިން ކައިވެންޏެއްކުރި އެވެ.