Roadha Mihaaru
މަނީލޯންޑަރިން ތުހުމަތަށް ހިފެހެއްޓި އެކައުންޓް ދޫކޮށްފި

މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ހިފެހެއްޓި އެކައުންޓްތަކެއް ދޫކޮށްލަން އަންގައިފި

10 އެޕްރީލް 2022

ބްލެކް މާކެޓްގައި ބޭރު ފައިސާގެ ވިޔަފާރި ކުރުމާއި އަދި ރާއްޖެ އިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައިގެން މަނީ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް، ކުންފުންޏެއްގެ ބޭންކް އެކައުންޓްތަކެއް ހިފަހައްޓާފައި ވަނިކޮށް، އެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލެކް މާކެޓްގައި ބޭރު ފައިސާގެ ވިޔަފާރި ކުރުމާއި އަދި ރާއްޖެ އިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައިގެން މަނީ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް، ކުންފުންޏެއްގެ ބޭންކް އެކައުންޓްތަކެއް ހިފަހައްޓާފައި ވަނިކޮށް، އެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާ އިން ވިޔަފާރިި ކުރުމާއި އަދި ވަކި ކުންފުންޏެއްގެ އެކައުންޓްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނީގެ ފަސް އެކައުންޓެއް ތިން މަސް ދުވަހަށް ހިފަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

އެ ކުންފުނިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ އަމުރު ގޯސް ކަމަށް ދައުލަތުން ވެސް ކޯޓުގައި އެއްބަސްވި އެވެ.

ހައި ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކަމަށް ވިޔަސް، އަމުރަށް އެދިފައި އޮތީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ނޫން ކަމަށެވެ. އަދި އެ އަމުރު އޮތީ އެކައުންޓްތައް ހިފަހައްޓަން އަމުރު ނެރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ވެސް ޚިލާފަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ކުންފުނީގެ ހުރިހާ އެކައުންޓްތަކެއް ހިފެހެއްޓިއިރު، އެ ހުރިހާ އެކައުންޓްތަކެއްގައި ހުރީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ކުށްކޮށްގެން ހޯދި ކަމަށް ލަފާކުރެވޭ ވަރަކީ ކޮބައިކަމެއް ނުވަތަ ހުރިހާ ފައިސާއަކީ ކޮށްގެން ހޯދި އެއްޗެއް ކަމަށް ތުހުމަތުކުރި ސަބަބެއް އަދި މަނީ ލޯންޑްރިންގެ ކުށާ އެކަމާ ގުޅޭ ގޮތެއް ވެސް ދެއްކިފައި ނުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ އަމުރު ގޯސް ކަމަށް ދައުލަތުން އެއްބަސްވާތީ، އެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު ހުސައިން ޝަފީއު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.