Roadha Mihaaru
ގައްބަރޭއާ ދެކޮޅަށް ޒަރީރު ދިން ބަޔާން ބަދަލުކޮށްފި

ޒަރީރަށް ދިން ހަމަލާ: ގައްބަރޭއާ ދެކޮޅަށް ޒަރީރު ދިން ބަޔާން ބަދަލުކޮށްފި

08 އޯގަސްޓް 2023

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އިބްރާހިމް (ގައްބަރޭ) އާ ދެކޮޅަށް ޒަރީރު ދެއްވި ބަޔާން ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އިބްރާހިމް (ގައްބަރޭ) އާ ދެކޮޅަށް ޒަރީރު ދެއްވި ބަޔާން ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ކެފޭއެއްގެ ތެރޭގައި ޒަރީރުގެ ބޮލަށް ހަމަލާދީ އޭނާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތުގެ އިތުރު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ ހަމަލާދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު ބަޔާން ދެއްވުމަށްފަހު ފަހުން ދެއްވި ބަޔާނުގައި، އެއީ ގައްބަރޭ ކަން ޔަގީން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަޔާން ބަދަލުކުރީ އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

"ފަހުން ބުނީ ކަށަވަރުނުވާ ކަމަށް، ފުރަތަމަ ބުނީ ކަށަވަރުވާ ކަމަށް." ތަހުގީގުކުރާ ފުލުސް މީހާ ބުންޏެވެ.

ގައްބަރޭ --- ފޮޓޯ/ޕޮލިސް

ގައްބަރޭ --- ފޮޓޯ/ޕޮލިސް

ބަޔާން ބަދަލުކުރި ސަބަބާ ބެހޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ އެކަމުގެ ނުރައްކާތެރިކަމުން އޭގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އެއީ ނުރައްކާތެރި ކަމެއް ކަމަށާއި އެކަމުގެ ބިރު އަދިވެސް އެބައޮތް ކަމަށާއި އެފަދަ ޝަކުވާތަކެއް އިންޓަވިއު ރެކޯޑިންގައި އެކަން ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އޮންނާނެ." އެ ފުލުސް މީހާ ބުންޏެވެ.

ގައްބަރޭގެ އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރު ކުރުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ. އެ އެންމެންގެ ބައި އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.