Roadha Mihaaru
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް

މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް

02 އޯގަސްޓް 2023

ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

ނަމަވެސް މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރު ނެރުނީ އޭނާގެ އާއިލީ ޒިންމާއަކާ ގުޅިގެން ކަމަށް ވީ ނަމަވެސް އެ ނޫން ގޮތަކަށް އެކަން ކުރެވޭނެތޯ ކޯޓުން ބަލާފައިނުވާ ކަމަށެވެ. އަދި މަންޑޭ ފިލައިގެން ގޮސްފައިވާނެ ކަމަށް ބެލެވޭ ހެކި ހުރިއިރު، އެގޮތަށް ޕާސްޕޯޓް ދޫކޮށްލަން ޖެހޭނީ އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ދީފައި ނުވަނީ ވެސް ގާނޫނާ ހިލާފަށެވެ. އަދި މިފަދަ ކޯޓު އަމުރުތަކާ ގުޅޭ ކަންކަމުގައި އެ ފުރުސަތު ޕީޖީއަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި އަމުރު ބާތިލް ކުރުމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.

އެ މައްސަލާގައި މަންޑޭ ކުރިން ހައްޔަރު ވެސް ކުރި އެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.