Roadha Mihaaru
ބެންގަލޫރުގެ ހާފް މެރަތަންގައި ރިޝްމީ ގަދަ 10 އަށް

ބެންގަލޫރުގެ ހާފް މެރަތަންގައި ރިޝްމީ ގަދަ 10 އަށް

11 އެޕްރީލް 2022

އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ބޭއްވި މެރަތަންގެ އަންހެނުންގެ ހާފް މެރަތަން ކެޓަގަރީގައި ދުވި ރާއްޖޭގެ އައިޝަތު ރިޝްމީ ގަދަ 10 ގައި ރޭސް ނިންމައިފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ބޭއްވި މެރަތަންގެ އަންހެނުންގެ ހާފް މެރަތަން ކެޓަގަރީގައި ދުވި ރާއްޖޭގެ އައިޝަތު ރިޝްމީ ގަދަ 10 ގައި ރޭސް ނިންމައިފި އެވެ.

މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ރިޝްމީ ރޭސް ނިންމީ 1:47:48 (އެއް ގަޑިއިރާއި 47 މިނިޓް 48 ސިކުންތު) އިންނެވެ. އޭނާ ރޭސް ނިންމީ ނުވަ ވަނައިގަ އެވެ. އަންހެނުންގެ 35 އަހަރާއި 45 އަހަރާ ދެމެދު އުމުރުފުރާގެ ކެޓަގަރީން އޭނާ ދިޔައީ ތިން ވަނަ އަށެވެ.

އަންހެނުންގެ ހާފް މެރަތަން އިން އެއްވަނަ އަށް ދިޔަ ޕްރީން ޔަދޭވް އާއި ދެވަނަ ހޯދި ފަރްހީން ފިރުދޯސް ރޭސް ނިންމީ ދާދި ހަމަހަމަ ކޮށެވެ. ޕްރީން ރޭސް ނިންމީ 1:33:00 އިންނެވެ. ފަރްހީން ރޭސް ނިންމީ 1:33:08 އިންނެވެ. ތިން ވަނަ ހޯދި ނިރާ ކަޓްވާލް ރޭސް ނިންމީ 1:39:20 އިންނެވެ.

ރިޝްމީ ވާދަ ކުރި އަންހެނުންގެ ހާފް މެރަތަންގެ ގަދަ 10 ގެ ނަތީޖާތައް: އޭނާ ވަނީ ނުވަ ވަނައިގައި ރޭސް ނިންމާފައި.

ރިޝްމީ ވާދަ ކުރި އަންހެނުންގެ ހާފް މެރަތަންގެ ގަދަ 10 ގެ ނަތީޖާތައް: އޭނާ ވަނީ ނުވަ ވަނައިގައި ރޭސް ނިންމާފައި.

ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި ބޭއްވި މެރަތަންގައި ނަސްރު ވަނީ ފުލް މެރަތަންގައި ވާދަކޮށް އޭނާގެ 80 ވަނަ މެރަތަން ފުރިހަމަ ކޮށްފަ އެވެ. ނަސްރު ބުނީ މެރަތަންގެ ބޮޑު ބައެއް އޭނާ ދުވީ ރޯދައަށް ހުރެ ކަމަށެވެ. ރޭސް ފެށީ ފަތިހު 4 ޖެހިއިރު އެވެ.

"މިކޮޅަށް (ބެންގަލޫރަށް) ފަތިހު 5:02 ގައި ބަންގި ގޮވާ. އޭގެ ކުރިން ކޮންމެ ވެސް ވަރަކަށް ދިޔާ އެއްޗިހި ބޭނުން ކުރިން. ރޭހުގެ 60 ޕަސެންޓް ދުވީ ރޯދަ އަށް ހުރެ،" އެންމެ ގިނަ މެރަތަންގައި ދުވި ރާއްޖޭގެ ދުވުންތެރިޔާ ބުންޏެވެ.

"ރޯދަ އަށް ހުރެ ދުވުމަކީ މައްސަލައެއް ނޫން. އަދި މި ކަމަކީ އަޅުގަނޑަށް އާ ކަމެއް ވެސް ނޫން. އެއްފަހަރު ސިންގަޕޫރު މެރަތަންގައި ވެސް ވާދަކުރިން ރޯދަ އަށް ހުރެ."

ނަސްރު މެރަތަން ފުރިހަމަ ކުރީ 3:48:53 އިންނެވެ. އޭނާގެ މި ހާއްސަ މެރަތަންގެ މެޑަލް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ހަދިޔާ ކުރުމަށް ވަނީ ނިންމައިފަ އެވެ. ބެންގަލޫރު މެރަތަން އަކީ މި އަހަރު ނަސްރު ވާދަކުރި ދެވަނަ މެރަތަން އެވެ. މި އަހަރު އޭނާ އެންމެ ފުރަތަމަ ދުވީ ތުރުކީގެ އަނަޓޯލިޔާގެ ރަންޓޯލިޔާ މެރަތަންގަ އެވެ.

ނަސްރު ރޭސް ނިންމުމަށް ފަހު ދިވެހި ދިދައާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ބަންގަލޫރގުގައި އޭނާ ފުރިހަމަ މިކުރީ 80 ވަނަ މެރަތަން

ނަސްރު ރޭސް ނިންމުމަށް ފަހު ދިވެހި ދިދައާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ބަންގަލޫރގުގައި އޭނާ ފުރިހަމަ މިކުރީ 80 ވަނަ މެރަތަން

އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ނަސްރު ބުނިގޮތުގައި މިނިސްޓަރު މާރިޔާ އަށް މެޑަލް ހަދިޔާ ކުރަން ބޭނުން ވަނީ އޭނާގެ ކެރިއާ އަށް މާރިޔާ ދެއްވާ އެއްބާރުލެއްވުމަށް ޝކުރު އަދާކުރުމުގެ ގޮތުންނެވެ. މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޔުނިޓް ކޮމާންޑަރު އަހްމަދު ޝާރިމް އޭނާގެ ކެރިއާ އަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ނަސްރު ފާހަގަކުރި އެވެ.

ނަސްރު އެންމެ ފުރަތަމަ މެރަތަންއެއްގައި ދުވީ 1999 ގައި މާލޭގައި ބޭއްވި އެމްޓީސީސީ މެރަތަންގަ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 12 މެރަތަން ފުރިހަމަކޮށްފަ އެވެ.