Roadha Mihaaru
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބުރައީސަށް

ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބުރައީސަށް ހަދިޔާ ކުރަނީ

05 މާޗް 2024

ތުރުކީގެ އަނަޓޯލިޔާގައި އާދިއްތަ ދުވަހު ބޭއްވި މެރަތަންގައި ވާދަކޮށް، ނަސްރުﷲ އަހްމަދު ފުރިހަމަ ކުރި އޭނާގެ 95 ވަނަ މެރަތަންގެ ފިނިޝިން މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިތާ ކުރަން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ތުރުކީގެ އަނަޓޯލިޔާގައި އާދިއްތަ ދުވަހު ބޭއްވި މެރަތަންގައި ވާދަކޮށް، ނަސްރުﷲ އަހްމަދު ފުރިހަމަ ކުރި އޭނާގެ 95 ވަނަ މެރަތަންގެ ފިނިޝިން މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިތާ ކުރަން ނިންމައިފި އެވެ.

މި އަހަރު 100 ވަނަ މެރަތަން ފުރިހަމަ ކުރުމުގެ އަމާޒުގައި ހުރި ނަސްރު ބުނީ، އޭނާގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް ހަދިޔާ ކުރަން ނިންމައިގެން ހުރި ކަމަށެވެ.

"މިއީ ކުރިން ވެސް ނިންމާފައި އޮތް ނިންމުމެއް. 95 ވަނަ މެރަތަންގެ މެޑަލް ރާއްޖޭގެ ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ހަދިޔާ ކުރުން،" އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ނަސްރު ބުންޏެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ، އާއިލީގޮތުން ވެސް ގާތް ނަސްރު ބުނީ، ނައިބުރައީސަށް މެޑަލް ހަދިޔާ ކުރާ އިވެންޓް ކުރިއަށްދާނީ އެމްއެންޑީއެފް މެދުވެރިކޮށް ކަމަށެވެ.

ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް، 2022 ގައި އޭނާ ހަދިޔާ ކުރީ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، މެރަތަންގެ ރޭހަށް ނުކުތް ނަސްރުގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ވާދަކޮށް އެ ހުރިހާ މެރެތަންއެއް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންއިން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.

އޭނާ ބުނީ 100 ވަނަ މެރަތަންގައި ދުވާނީ ޓޯކިޔޯ ނުވަތަ ލަންޑަންގެ ތެރެއިން ކޮންމެ ވެސް އެއް މެރަތަންއެއްގައި ކަމަށެވެ. ސަތޭކަވަނަ މެރަތަންގައި އޭނާ އާއެކު ދުވަން ބޭނުންވާ ދިވެހިންނަށް މެރަތަންގެ ތަމްރީންތައް ފޯރުކޮށް ދޭން، ލޯންގް ޑިސްޓެންސްގެ ދުވުންތެރިންނަށް ކޯޗުކަން ވެސް ކޮށްދޭ ނަސްރު ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖޭގެ އަންހެނުން އަދި ފިރިހެން މެރަތަން އަދި ހާފް މެރަތަން ރެކޯޑް ވެސް އޮތީ ނަސްރު ކޯޗުކޮށްދޭ ދުވުންތެރިންގެ އަތުގަ އެވެ. އާދިއްތަ ދުވަހު އަނަޓޯލިއާޔާ މެރަތަންގައި، ޔޫސުފް އިބްރާހިމް ވަނީ ރާއްޖޭގެ މެރަތަން ރެކޯޑް މުގުރާލައިފަ އެވެ.

ފިރިހެނުންގެ ހާފް މެރަތަން ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. ނަސްރުގެ ކޯޗުކޮށްދޭ، ދުވުންތެރިންގެ ތެރެއިން ޝަމްހާ އަހްމަދު އަތުގައި ރާއްޖޭގެ މެރަތަން އަދި ހާފް މެރަތަންގެ ރެކޯޑް ވެސް އެބައޮތެވެ.