Roadha Mihaaru
ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ޔޫސުފް މުގުރާލައިފި

ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ޔޫސުފް މުގުރާލައިފި

01 ޖުލައި 2023

އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް ހާފް މެރަތަންގައި ވާދަކޮށް ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ޔޫސުފް އިބްރާހިމް މިއަދު މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް ހާފް މެރަތަންގައި ވާދަކޮށް ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ޔޫސުފް އިބްރާހިމް މިއަދު މުގުރާލައިފި އެވެ.

ކުރިން ޝިފާޒު މުހައްމަދު އަތުގައި އޮތް ރެކޯޑް ޔޫސުފް މުގުރާލީ، 1:9:58 (1 ގަޑިއިރާއި ނުވަ މިނެޓް 58 ސިކުންތު) އިންނެވެ. މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، އޭރު ޝިފާޒު ރެކޯޑް ހެދީ 1:10:55 ންނެވެ.

ރާއްޖޭގެ ދިގު ރާސްތާ ދުވުންތަކުގެ ތެރެއިން ޝިފާޒު އަތުގައި މިވަގުތު އޮތީ މެރަތަން ރެކޯޑް އެކަންޏެވެ.

ޔޫސުފް ތަމްރީން ހަދަމުން އަންނަނީ، ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ ކޯޗު ކަމުގެ ދަށުންނެވެ. އޭނާގެ ބެލުމުގެ ދަށުން ތަމްރީން ހަދަމުން އަންނަ، ރާއްޖޭގެ ހާފް މެރަތަން އާއި މެރަތަންގެ ރެކޯޑް އޮތް އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ވެސް ގޯލްޑްކޯސްޓްގެ ހާފް މެރަތަންގައި މިއަދު ވާދަ ކުރި އެވެ.

އިރުފާން، ނަސްރު، ޔޫސުފް، ޝަމްހާ: މިއަދު ގޯލްޑްކޯސްޓް ހާފް މެރަތަން އަށް ފަހު ގައުމީ ދިދަ އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން

އިރުފާން، ނަސްރު، ޔޫސުފް، ޝަމްހާ: މިއަދު ގޯލްޑްކޯސްޓް ހާފް މެރަތަން އަށް ފަހު ގައުމީ ދިދަ އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން

މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ޑާކާ މެރަތަންގައި ވާދަކޮށް 1:26:42 ން ހާފް މެރަތަންގެ ގައުމީ ރެކޯޑް ހެދި ޝަމްހާ މިއަދު ރޭސް ނިންމީ އެ ރެކޯޑަށް ވުރެ 40 ސިކުންތު ލަހުންނެވެ. ޝަމްހާ މިއަދު ރޭސް ނިންމީ 1:27:44 ންނެވެ.

ނަސްރު ބުނީ، ޖަރުމަނުން، ގޯލްޑްކޯސްޓަށް ޝަމްހާ ދިޔައީ 30 ގަޑިއރު ދަތުރުގައި ހޭދަ ކުރުމަށް ފަހު ކަމަށެވެ. އަދި ދަތުރަށް ފަހު އަރާމުކުރަން އެއް ދުވަސް ވެސް ނުލިބި މިއަދު ރޭހުގައި ވާދަކޮށް ރޭސް ނިންމި ޓައިމިން އާ މެދު ހިތްހަމަޖެހޭ ކަމަށް ނަސްރު ބުންޏެވެ. ޝަމްހާ ދިރިއުޅެމުން އަންނަނީ ޖަރުމަނުގަ އެވެ.

"ދިގު ދަތުރަކަށް ފަހު މިކޮޅަށް އައިސްފަ ވެސް އަރާމުކުރަން ފުލު އެއްދުވަސް ވެސް ނުލިބި ރޭހުގައި ވާދަކުރީ. އެހެން ނޫންނަމަ ޝަމްހާ މިފަހަރު ވެސް އެ ރެކޯޑް މުގުރާލާނެ،" ނަސްރު ބުންޏެވެ.

ނަސްރުގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ މުހައްމަދު އިރުފާން މިއަދު ގޯލްޑްކޯސްޓް ހާފް މެރަތަންގައި ވާދަކޮށް ރޭސް ނިންމީ 1:13:39 ންނެވެ. ނަސްރު ބުނީ ރާއްޖޭގެ މިވަގުތު ތިބި އެކްޓިވް ދުވުންތެރިންނަށް ބަލައިރު އިރުފާންގެ ޓައިމް ރަނގަޅު ކަމަށެވެ.

"މި ވަގުތު އެކްޓިވްކޮށް ހާފް މެރަތަންގައި ވާދަކުރާ ދުވުންތެރިންގެ ތެރެއިން ރާއްޛޭގެ ދެވަނައިގައި އިރުފާން އެ އުޅެނީ،" އޭނާ ބުންޏެވެ.

ނަސްރު ބުނީ އޭނާގެ ތިން ދުވުންތެރިންގެ މިއަދުގެ ޓައިމިން އާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ނަސްރުގެ 91 ވަނަ މެރަތަންގައި މާދަމާ ގޯލްޑްކޯސްޓްގައި ވާދަކުރާނެ އެވެ.