Roadha Mihaaru
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް

ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް ހަދިޔާ ކޮށްފި

13 އޯގަސްޓް 2024

ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރަތަންގައި ދުވުމުގެ ރެކޯޑް އޮންނަ ނަސްރުﷲ އަހްމަދުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިޔާ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރަތަންގައި ދުވުމުގެ ރެކޯޑް އޮންނަ ނަސްރުﷲ އަހްމަދުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިޔާ ކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މެރަތަންގައި ނަސްރު ބޭނުން ކުރި ޖޯޒީ ވެސް ހަނދާނެއްގެ ގޮތުގައި އޭނާ ވަނީ ނައިބު ރައީސަށް ހަދިޔާ ކޮށްފަ އެވެ.

ނަސްރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ދުވުންތެރިޔާ އަށް ވުމެވެ. އެ އަމާޒު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ބަދަލެއް ނުވެ ކުރިއަށް ދިއުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ މިއަދު ނަސްރު އަށް ހިތްވަރު ދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މެރަތަންގެ ދާއިރާގައި ކުރިއަށް ދިއުމުގައި ބޭނުންވާ ކަންކަމަށް ސަރުކާރަށް ދެވޭނެ އެއްބާރުލުމާ ބެހޭގޮތުން ނައިބު ރައީސް، މިއަދުގެ ރަސްމިއްޔާތުގައި މަޝްވަރާ ކުރި ކަމަށެވެ.

ނަސްރުގެ 95 ވަނަ މެރަތަން ފުރިހަމަ ކުރީ މާޗް މަހު ތުރުކީގެ އަނަޓޯލިޔާގައި ބޭއްވި ރަން އަނަޓޯލިޔާ މެރަތަންގަ އެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، މެރަތަންގެ ރޭހަށް ނުކުތް ނަސްރުގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ވާދަކޮށް އެ ހުރިހާ މެރެތަންއެއް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންއިން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.

އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ، ނަސްރުގެ 80 ވަނަ މެރަންގެ މެޑަލް، 2022 ގައި އޭނާ ހަދިޔާ ކުރީ، އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށެވެ.