Roadha Mihaaru
ރަންބީރާއި އާލިއާގެ ކައިވެނީގެ ދައުވަތު 28 މީހަކަށް

ރަންބީރާއި އާލިއާގެ ކައިވެންޏަށް ދައުވަތު ދިނީ އެންމެ 28 މީހުންނަށް

13 އެޕްރީލް 2022

ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ހަފުލާގައި ދައުވަތު ދީގެން ބައިވެރިވާނީ އެންމެ 28 ގެސްޓުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ހަފުލާގައި ދައުވަތު ދީގެން ބައިވެރިވާނީ އެންމެ 28 ގެސްޓުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާލިއާ ކައިވެނިކުރަން ނިންމާފައި ވަނީ މި މަހު 20 ގައި ކަމަށް އޭނާގެ ބޭބެ، ރާހުލް މީޑިއާތަކަށް ކަށަވަރުކޮށްދެ އެވެ. އޭނާއާ ހަވާލާދީ އީޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި ކުރިން އޮތީ މި މަހު 13 ނޫނީ 14 ގައި ކައިވެނިކުރާ ގޮތަށެވެ. އެކަމަކު މީޑިއާ އަށް އެ މައުލޫމާތު ލީކުވެ، ވަރަށް ބޮޑު ޕްރެޝަރަކަށް ވެއްޓުމުން ކައިވެނި ފަސްކުރީ އެވެ.

"މި މަހު 20 ގައި ކައިވެނި އޮތީ އަހަންނަށް އެނގިފައިވާ ގޮތުގައި. އެކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ،" އޭނާ ބުންޏެެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ކައިވެނީގައި ބައިވެރިވާނީ ވެސް އެމީހުންގެ އެންމެ ގާތް މީހުން އެކަންޏެވެ. އެހެންވީމަ 28 މީހުންގެ ލިސްޓަކީ މަދު އަދަދެއް ނޫނެވެ. އެކަމަކު ކައިވެންޏަށް ފަހު ވަރަށް ކުލަގަދަކޮށް ޕާޓީއެއް ބާއްވާނެ ކަމަށްވެ އެވެ.

ކައިވެނީގެ އަޑު ގަދަވިޔަސް، އެކަމާ ގުޅިގެން އަދި އާލިއާ އާއި ރަންބީރް ވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ހޯމަ ދުވަހު އާލިއާ ވަނީ މަޝްހޫރު ޔޫޓިއުބާ ނިކުންޖް ލޮޓިއާ އިންސްޓަގްރާމް ކުރި ކައިވެންޏާ ބެހޭ ވީޑިއޯއަކަށް ކޮމެންޓްކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ ނިކުންޖް، ހުދު ކުލައިގެ ކުރުތާއެއް ލައިގެން، ކާރެއްގެ ފަހަތުން ދުވާ މަންޒަރެވެ. އެ ކާރުގެ ފަހަތުގައި "އާލިއާ ވެޑްސް ރަންބީރް" ލިޔެފައިވާ ބެނާއެއް ހަރުކޮށްފައިވެ އެވެ. އެމީހުންގެ ކައިވެނީގެ ދުވަހު އެއީ އޭނާ އުޅޭނެ ގޮތް ކަމަށް ބުނެ އާންމުކުރި ވީޑިއޯ އަށް އާލިއާ ވަނީ ލާފިން އިމޯޖީއަކާ އެކު "ޑެޑް" ޖެހުމަށް ފަހު، ކޮމެންޓްކޮށްފަ އެވެ. އެއީ އާލިއާ ދިން ކައިވެނީގެ އިޝާރާތަކަށް ވެސް ވެދާނެ އެވެ.

އެ ކައިވެންޏަށް ރަންބީރްގެ ބޮޑުބޭބެ ކްރިޝްނާ ރާޖް ބެންގްލޯ ވެސް ތައްޔާރުކުރަން ވަނީ ފަށައިފަ އެވެ. އަދި އިއްޔެ ރަންބީރުްވެސް ސްކިން ކެއާ ކްލިނިކަކަށް ގޮސްފައިވާއިރު، ކައިވެނީގައި އެމީހުން ލާނެ ކަމަށް ބުނެފައިވާ ސަބްޔަސަޗީގެ ހެދުންތައް ވެސް އިއްޔެ އެ ގެއަށް ވައްދަނިކޮށް ޕަޕަރާޒީންނަށް ފެނިފައިވެ އެވެ.