Roadha Mihaaru
އާލިއާ އަބަދުވެސް ބޭނުންވީ ރަންބީރްއާ އިންނަން

އާލިއާ އަބަދުވެސް ބޭނުންވީ ރަންބީރްއާ އިންނަން

07 އެޕްރީލް 2022

ކައިވެނިކުރަން އެންމެ ބޭނުންވަނީ ކާކާތޯ އަހައިފި ނަމަ، ކޮންމެ އިންޓަވިއުއެއްގައި ވެސް އާލިއާ ބަޓް ބުނަމުން އައީ، އެއީ ރަންބީރް ކަޕޫރް ކަމަށެވެ. އާލިއާގެ އެ ހުވަފެން ހަގީގަތަކަށް ވާން ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ.

ކައިވެނިކުރަން އެންމެ ބޭނުންވަނީ ކާކާތޯ އަހައިފި ނަމަ، ކޮންމެ އިންޓަވިއުއެއްގައި ވެސް އާލިއާ ބަޓް ބުނަމުން އައީ، އެއީ ރަންބީރް ކަޕޫރް ކަމަށެވެ. އާލިއާގެ އެ ހުވަފެން ހަގީގަތަކަށް ވާން ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ.

އާލިއާ އަދި ރަންބީރްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ، އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކުރި ގޮތުގައި އެ ދެތަރިންގެ ކައިވެނި އޮތީ މި މަހު 17 ގަ އެވެ.

އެ ކައިވެންޏަށް ހަފުތާއެއްހާ ދުވަސް ބާކީ އޮތްއިރު، ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކަ އަކީ އާލިއާގެ ނަސީބު ގަދަ ކަމެވެ. މީގެ ދިހަ އަހަރުކުރިން ބޮލީވުޑަށް ނިކުތް އާލިއާއާ، އެކި އިންޓަވިއުތަކުގައި އޭނާ އެންމެ ކައިވެނިކުރަން ބޭނުންވަނީ ކާކާތޯ ސުވާލުކޮށްފައިވެ އެވެ. އެކި ފިލްމުތަކުގެ ޕްރޮމޯޝަން އިވެންޓްތަކުން ފެށިގެން ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި އެ ސުވާލުކުރުމުން ވެސް އޭނާ ބުނީ އެއީ ރަންބީރް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަރަށް ކުރިން ފެށިގެން އާލިއާ އަށް ރަންބީރު ކަމުދެ އެވެ. ރަންބީރްގެ ފިލްމުތަކުގައި އޭނާ މާ މޮޅު އެކްޓިންއެއް ދައްކާ ކަމަށް، އާލިއާ އަށް ގަބޫލުކުރޭތީ، އޭނާގެ ހިތް އޮތީ މާކުރިން ވެސް ރަންބީރަށް ދީފަ އެވެ.

ރަންބީރާއި އާލިއާ ރައްޓެހިވީ އެމީހުން އެކުގައި ކުޅެމުން އަންނަ ފިލްމު "ބްރަހްމަސްތުރާ" ގެ ޝޫޓިންތަކުގައި އުޅުމުގެ ތެރެއިންނެވެ. މިއީ އެ ދެތަރިން އެކުގައި އުޅޭ ފުރަތަމަ ފިލްމެވެ. ކުރިން އޮތީ އެ ފިލްމު ރިލީޒްކުރުމުން ކައިވެނިކުރާ ގޮތަށް ނަމަވެސް، އާލިއާގެ މަންމަގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ، އެ އާއިލާއިން ބޭނުންވީ ކައިވެނި އަވަސްކުރާށެވެ.

ރަންބީރާއި އާލިއާ.

ރަންބީރާއި އާލިއާ.

އެހެންވެ މި މަހު 17 ގައި ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ ރަންބީރްގެ ބޮޑު ބޭބެ، ރަންދީރް ކަޕޫރްގެ ގޭގަ އެވެ. އެކަމަކު މި މަހު 13 ގައި ކައިވެނީގެ ކުރިން އޮންނަ އެކި ހަފްލާތައް ފަށާނެ އެވެ.

އާލިއާ އާއި ރަންބީރު އެމީހުންގެ ކައިވެނި އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރީގައި މިހާރު ކުރިއަށްދާ ކަމަށްވެ އެވެ.

ކައިވެނީގެ އެކި ހަފުލާތަކުގައި އާލިއާ ފެންނާނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ އާއި މަނީޝް މަލޯތުރާގެ ލެހެންގާގަ އެވެ.

އެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ އެމީހުންގެ ގާތް މީހުންނަށް އެކަންޏެވެ. އާލިއާ އާއި ރަންބީރާ ވެސް ގާތް ގުޅުމެއް އޮންނަ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް އަށް ވެސް އެމީހުންގެ ރިސެޕްޝަންގައި ބައިވެރިވާން ދައުވާތުދީފައިވާ ކަމަށްވެ އެވެ. އެކަމަކު، ދީޕިކާ ކައިވެންޏަށް ރަންބީރަށް ދައުވަތު ދިނުމުން އޭނާ ގޮސްފައެއް ނުވެ އެވެ. އެހެންވެ، ދިޕިކާ އެ ހަފުލާއިން ފެނިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.