Roadha Mihaaru
އެސްއޯއީތަކުގެ ދަތުރު ހަރަދުތަކުގެ މައްސަލަ ބޮޑު!

އެސްއޯއީތަކުގެ ދަތުރު ހަރަދުގެ މައްސަލަ ބޮޑު، އުސޫލެއް އެކުލަވާލަން ލަފާދީފި

13 އެޕްރީލް 2022

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކި ބޭނުންތަކަށް ކުރާ ދަތުރުތަކަށް ކަނޑައަޅާ ފައިސާ އިން ބާކީވާ ބައި އަނބުރާ ދައުލަތާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައެއް ކުންފުނިތަކަށް ލަފާދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކި ބޭނުންތަކަށް ކުރާ ދަތުރުތަކަށް ކަނޑައަޅާ ފައިސާ އިން ބާކީވާ ބައި އަނބުރާ ދައުލަތާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައެއް ކުންފުނިތަކަށް ލަފާދީފި އެވެ.

ދައުލަތުގެ އޮފީސްތަކުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކަށް ހަރަދުކުރެވޭނެ ގޮތް މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައި އޮވެ އެވެ. އެކަމަކު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ދަތުރު ހަރަދާ ގުޅޭ ގޮތުން ނުވަތަ އެލަވަންސް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް ނޯވެ އެވެ. ބައެއް ކުންފުނިތަކުގައި އުސޫލެއް އޮތަސް ބޯޑުން ނުވަތަ ކުންފުނީގެ އިސް ބޭފުޅުންނަށް ބޭނުން ގޮތަކަށް ބަދަލުކުރުމުގެ އިހްތިޔާރު އޮވެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކުރާ ދަތުރުތަކުގެ ހަރަދާ ގުޅޭ އުސޫލެއް ނުވަތަ ހަރުދަނާ ނިޒާމެއް އެކުލަވާލައި އަމަލުކުރަމުން ނުދާ ކަން އެނގުނީ އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުން އައި މައްސަލަތަކަކުން ކަމަށެވެ. ބައެއް ކުންފުނިތަކުން އުސޫލެއް ނުހަދައި ދައުލަތުގެ ފައިސާ ދަތުރުތަކަށް ހޭދަކުރާ ކަން ތަހުގީގަށް އެނގުނު ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށާއި ދައުލަތުގެ ފައިސާ އިސްރާފުވުން އަދި އަމިއްލަ މަންފާއަށް ބޭނުންކުރުން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން އުސޫލެއް އެކުލަވާލަން އޭސީސީން ބައެއް ކުންފުނިތަކަށް ލަފާ ދީފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭސީސީން މި ލަފާދީފައިވާ އިރު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ދަތުރުތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރަމުންދާ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. އިދާރީ ނުވަތަ އެ ކުންފުންޏެއްގެ ޓެކްނިކަލް މުވައްޒަފުން ދާން ޖެހޭ ދަތުރުތަކުގައި ކުންފުނީގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުން ވަޑައިގެން ބޭކާރު ހަރަދުކުރުން ވެސް ބައެއް ކުންފުނިތަކުގައި ހިނގަ އެވެ. މިގޮތަށް ކުރާ ދަތުރުތަކަށް ކަނޑައަޅާފައި އޮންނަ ދަތުރު އެލަވަންސަށް ވުރެ ބޮޑު އެއްޗެއް ބޯޑުން ފާސްކޮށްގެން ނުވަތަ މާލީ ކަންކަމާ ގުޅޭ އިސް ބޭފުޅާގެ ހުއްދައާ އެކު ކުރެ އެވެ.

ދަތުރު ހަރަދުތަކުގެ އުސޫލް ހަރުދަނާކުރަން ލަފާދިނީ މިފަދަ ދަތުރުތަކުގައި އަމިއްލަ މަންފާ ހޯދުން ހުރަސްއެޅިގެންދާނެތީ ކަމަށް އޭސީސީން ބުންޏެވެ.