Roadha Mihaaru
އެމްއާރުޑީސީގެ ބޯޑުމެމްބަރުންނަށް ކޮރަޕްޝަނުގެ ދައުވާ

އެމްއާރުޑީސީގެ ބޯޑުގެ ހަތަރު މެމްބަރަކަށް ކޮރަޕްޝަންގެ ދައުވާ

29 ސެޕްޓެމްބަރ 2020

މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ހިންގިއިރު، އެ ކުންފުނީގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިބި ހަތަރުމީހަކަށް ކޮރަޕްޝަނުގެ ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ހިންގިއިރު، އެ ކުންފުނީގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިބި ހަތަރުމީހަކަށް ކޮރަޕްޝަނުގެ ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިރޭ ބުނީ އެމްއާރުޑީސީގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިބި މއ. އެލީޒިއަމް، އިބްރާހީމް ނަޒީމާއި ވ. ނަލަދުވެލި، މުހައްމަދު ރިޔާޒާއި މއ. ޔެލޯޑައިމަންޑް، އަހުމަދު ރަޝީދު އަދި ގ. މާބަދި، މުހައްމަދު ޢަލިދީދީއާ ދެކޮޅަށް ދައުވާ ކުރަން ފޮނުވީ ލޭންޑިން ކްރާފްޓެއް ހޯދަން ބަޔަކާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަން ޝައްކެއް ނެތް ވަރަށް ތަހުގީގަށް ސާބިތުވެފައި ވާތީ ކަމަށެވެ.

އޭސީސީން ތުހުމަތުކުރާ ގޮތުގައި ލޭންޑިން ކްރާފްޓެއް ގަންނަން ނިންމި އަގުގެ 50 ޕަސެންޓް ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސްކޮށް ދިނުމަށް އެއްބަސްވުމަށް ބަދަލު ގެނައީ ބޯޑުގެ އެ ހަތަރު މީހުންނަށް އެނގި ތިބެ، ނާއިޒު ފައިދާ ހޯދައިދިނުމަށެވެ. ހަތަރު މީހުންނާ ދެކޮޅަށް ވެސް އޭސީސީން ކުރަން އެދުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އެމްއާރުޑީސީ އަށް ގަންނަން އުޅުނު ލޭންޑިން ކްރާފްޓްގެ އަގުގެ ދެބައިކުޅަ އެއް ބަޔަކީ 7.9 މިލިޔަން ރުފިޔާ އެވެ.

އޭސީސީން ބުނިގޮތުގައި އެމްއާރުޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގައިވާ ކަމަށް ކުރި ތުހުމަތު ސާބިތުނުވާ ކަމަށް، އެ ކޮމިޝަންގެ ކުރީގެ މެމްބަރުން ތިއްބެވި އިރު އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލަ އަލުން ބަލަން ނިންމީ އޭރުގައި އެ މައްސަލައިގެ ތަހުގީގު ހިންގި ޓީމުން އެދިގެންނެވެ. އެ މައްސަލައިގައި ކޮރަޕްޝަން އެކުލެވިފައި ނުވާ ކަމަށް ނިންމީ އޭސީސީގެ ކުރީގެ މެމްބަރުން ތިއްބެވި އިރު 2018ގެ ކުރީކޮޅުގަ އެވެ. އޮކްޓޫބަރު، 2018 ގައި ފައިލް ކޮށްފައިވާ އެ މައްސަލަ އަލުން ހުޅުވައިގެން ބަލަން ފެށީ މިދިޔަ ފެބްރުއަރީ މަހު ކަމަށް ވެސް އޭސީސީން ބުންޏެވެ.