Roadha Mihaaru
ލަންކާގެ 51 ބިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވެއްޖެ

ލަންކާގެ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވެއްޖެ

12 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 12) - އިގްތިސާދު އަޑިގަނޑަކަށް ވެއްޓިފައިވާ ސްރީ ލަންކާގެ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ދަރަނި މިއަދު ޑިފޯލްޓް ވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 12) - އިގްތިސާދު އަޑިގަނޑަކަށް ވެއްޓިފައިވާ ސްރީ ލަންކާގެ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ދަރަނި މިއަދު ޑިފޯލްޓް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ލޯނުތައް ޑިފޯލްޓް ކުރަން ނިންމުމުން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މިއަދު މެންދުރު ފަހުން ފެށިގެން ކެޕިޓަލައިޒް ކުރުމުގެ އިޚްތިޔާރު ކްރެޑިޓަރުންނަށް، ބޭރުގެ ސަރުކާރުތައް ހިމެނޭ ގޮތަށް، ލިބޭނެ ކަމަށެވެ. ނޫން ނަމަ ސްރީ ލަންކާ ރުޕީސް އިން ދެއްކޭނެ ގޮތް އިޚްތިޔާރު ކުރެވިދާނެ ކަމަށެވެ.

"ލަންކާގެ އިގްތިސާދީ ހާލަތު މިހާރު އޮތް މިންވަރަށް ވުރެ ދަށަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ އިމަޖެންސީ ފިޔަވަޅުތައް އަޅަމުން،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލަންކާ ސަރުކާރުން މިހާރު ދަނީ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ މަޝްވަރާ ކުރަމުންނެވެ.

އިންޓަނޭޝަނަލް ރޭޓިން އެޖެންސީތަކުން މިދިޔަ އަހަރު ވަނީ ލަންކާ ޑައުންގްރޭޑްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އިމްޕޯޓަށް ފައިސާ ދައްކަން އިތުރު ލޯނު ހޯދަން ބޭރުގެ ކެޕިޓަލް މާކެޓްތަކަށް ވަނުމަށް ލަންކާ އަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ. ދަރަންޏަށް ލުޔެއް ހޯދުމަށް ލަންކާ އިން ވަނީ އިންޑިއާ އާއި ޗައިނާ އިން ކްރެޑިޓް ލައިނެއް ހޯދައިފަ އެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން ލަންކާގެ ބޭރުގެ ދަރަނީގެ ތެރޭން ޗައިނާ އާއި ޖަޕާނުން، ކޮންމެ ގައުމަކުން 10 ޕަސެންޓް ހިއްސާކުރެ އެވެ. އިންޑިއާގެ ދަރަނީގެ ހިއްސާ އުޅެނީ ފަސް ޕަސެންޓަށް ވުރެ ދަށުގަ އެވެ.

ލަންކާ އިން ބޭރުގެ ދަރަނި ދައްކަން މި އަހަރު އެކަނިވެސް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެސްޓިމޭޓްތަކުން ދައްކަ އެވެ. ނަމަވެސް މާޗު މަސް ނިމުނުއިރު އެ ގައުމުގެ ރިޒާވްގައި ހުރީ 1.9 ބިލިއަން ޑޮލަރެވެ.