Roadha Mihaaru
ލޯންޗުގެ ނިޒާމަކުން ހޮސްޕިޓަލްތައް ގުޅާލަައިފި

ލޯންޗުގެ ނިޒާމަކުން ހޮސްޕިޓަލްތައް ގުޅާލުމުގެ ހިދުމަތް ފަށައިފި

04 ސެޕްޓެމްބަރ 2023

ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި "މޯލްޑިވްސް ހެލްތު ލައިން" މިއަދު އިފުތިތާހުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި "މޯލްޑިވްސް ހެލްތު ލައިން" މިއަދު އިފުތިތާހުކޮށްފި އެވެ.

މޯލްޑިވްސް ހެލްތު ލައިންއާ އެކު ރަށުގައި ތިބެގެން ސެޕަޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ލެބް ޓެސްޓްތައް ހެދުމާއި އައުޓްރީޗްގެ ހިދުމަތް ފަދަ ފުރުސަތުތަކަށް ފަހިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ހިދުމަތުގެ ދަށުން އަތޮޅު ހޮސްޕިޓަލްތަކަށް ވަނީ ބާރު ސްޕީޑްގެ ލޯންޗުތަކެއް ހަދިޔާކޮށްފަ އެވެ. ހޮސްޕިޓަލްތަކުން އޮޕަރޭޓްކުރާ އެ ލޯންޗުތައް ބޭނުން ކުރާނީ ކައިރި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށާއި ލެބް ސާމްޕަލް ފަދަ ތަކެތި އުފުލުމަށެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލްތަކަށް ހެލްތު ލައިންގެ ލޯންޗުތައް ހަދިޔާކުރި އެވެ. ހިދުމަތް ފެށީ 8 ލޯންޗާ އެކު އެވެ. އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ހިދުމަތަށް 20 ލޯންޗު ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއާ އެކު ހއ. އަތޮޅު ހޮސްޕިޓަލުން ފެށިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލާ ހަމައަށް ހިދުމަތް ފުޅާވާނެ އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެ ހިދުމަތާ އެކު ސެޕަޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ރަށްރަށަށް ކަށަވަރު ކޮށްދެވޭނެ ކަމަށާއި ބަލި މީހުން އުފުލަން ޖެހޭ ހާލަތުގައި އެކަން ކުރެވޭނެ ވަސީލަތްތައް ވެސް ލޯންޗުތަކުގައި ހުންނާނެ ކަމަށެވެ.

މޯލްޑިވސް ހެލްތު ލައިންގެ ލޯންޗުތައް ހޮސްޕިޓަލްތަކަށް ހަދިޔާ ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

މޯލްޑިވސް ހެލްތު ލައިންގެ ލޯންޗުތައް ހޮސްޕިޓަލްތަކަށް ހަދިޔާ ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

"އަމާޒަކީ ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން ދަތުރު ކުރަން ޖެހޭ މިންވަރު ވީހާ ވެސް ކުޑަކުރުން. ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ތެރެއިން އަވަހަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮބައިލް ލެބޯޓްރީގެ ހިދުމަތް ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ހިދުމަތުގެ ތެރެއިން ލެބޯޓްރީ ނުހުންނަ ރަށްރަށާއި ކުދި ލެބޯޓްރީތައް ހުރި ރަށްރަށުން އަތޮޅު ހޮސްޕިޓަލްތަކަށް ސާމްޕަލްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވސް ހެލްތު ލައިންގެ ދަށުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޑްރޯން މިނިސްޓަރު ބައްލަވާލައްވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

މޯލްޑިވސް ހެލްތު ލައިންގެ ދަށުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޑްރޯން މިނިސްޓަރު ބައްލަވާލައްވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ޑްރޯންގެ ހިދުމަތް ފެށުމަށް ސިވިލް އޭވިއޭޝަނާއި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކޮށް، އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"މި ހިދުމަތް ފެށުމުން ރައްޔިތުން މި ކަމަށް ކުރަމުން އައި ތަކުލީފުތަކަށް ލުއި ލިބި، ދައުލަތުން ކުރަމުން އައި ބޮޑު ހަރަދު އެތައް ތަނަކުން ކުޑަ ކުރެވޭނެ. މިސްރާބު މި ޖަހަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ސިއްހީ ނިޒާމު އިންގިލާބީ ބަދަލަކާ ދިމާ އަށް،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެސްފަ އެވެ. ކުރިން ނުލިބޭ އެތައް ހިދުމަތް، އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.