Roadha Mihaaru
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް

ބޭރުން ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދަން އިދިކޮޅުން މަޖިލީހަށް

07 ޖޫން 2020

ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް މި ދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް އެދިވަޑައިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް މި ދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް އެދިވަޑައިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޯރިގު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު އޮޅުންބޮޅުން ވެފައިވާ ކަމަށެވެ. މި ހާލަތުގައި ކޮވިޑް-19 އަށް ހާއްސަ ސަމާލުކަމެއް ދޭން އުޅުމުގެ ސަބަބުން، މީގެ ކުރިން އަޅާލައި، ފަރުވާދީގެން ރަނގަޅު ކުރެވޭ އެތައް ބައްޔަކަށް ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވެ، އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ނުދެވިފައި ގިނަ އަދަދެއްގެ ދިވެހިން ވަރަށް ނާޒުކު ހާލަތުގައިވެ އެވެ. ފާއިތުވެގެން ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެފަދަ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ދުނިޔެ ދޫކޮށްފައިވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބަލި މީހުންނަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރެވޭނެ ކަމުގެ މައުލޫމާތު އާއިލާތަކަށް ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާތާ މިހާރު ވެސް ދެ މަސް ފާއިތުވެއްޖެ އެވެ. އެކަމަކު، މިއަދާ ހަމައަށް އެއްވެސް ބަލި މީހަކު ފަރުވާއަށް ފުރުވާލެވިފައި ނެތް ކަމަަށް ތޯރިގްގެ ސިޓީގައި ވެ އެވެ.

ދިވެހި އެތައް އާއިލާއަކަށް ދިމާވެފައިވާ މި ހިތްދަތިކަން ފިލުވައިލުމަށް އެދި އަވައްޓެރި ގައުމުތަކަށް ފުރުވައިލުމުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބުތައް ބަލައި ތަހުގީގުކޮށް، އިހްމާލުވެފައިވާ ފަރާތްތެއްވާ ނަމަ އެ ބަޔަކާ މެދު އެޅެން ހުރި ފިޔަވަޅުތައް މަޖިލީހުންނާއި ކަމާ ގުޅޭ ކޮމިޓީތަކުން އެޅުމަށް ތޯރިގު އެދިވަޑައިގެންފައި ވެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންއެއްގައި އާސަންދަ ކުންފުނިން ބުނެފައި ވަނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި ފަރުވާ އަށް ނުދެވިފައި ތިބި، ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލިތަކުގެ ހާލު ބޮޑު 33 މީހަކު ސަރުކާރުގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އެ ރޭ ވިދާޅުވި ގޮތުން ނަމަ ހާލު ބޮޑު މީހުން ފަރުވާ އަށް ގެންދަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވާހަކަ ދައްކަނީ އިންޑިއާ އާއި ސްރީ ލަންކާއާ އެވެ. އެކަމަކު، އެ ވާހަކަތަކުން ނަތީޖާއެއް ނެރެވި، އެއްވެސް މީހަކު ފަރުވާ އަށް ފޮނުވި ކަމެއް އަދި ސަރުކާރަކުން ނުބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އެހެނިހެން ބަލިތަކުގެ މީހުން ސިއްހީ ހޯދުމުގައި ދަތިވެފައިވާ ކަމުގެ ޝަކުވާ އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.