Roadha Mihaaru
އިތުރު 800 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް

އިތުރު 800 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް

14 އެޕްރީލް 2022

ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން، ޔޫކްރޭނަށް އިތުރު 800 މިލިއަން ޑޮލަރުގެ އަގު ހުރި އަސްކަރީ ސާމާނު ދިނުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން، ޔޫކްރޭނަށް އިތުރު 800 މިލިއަން ޑޮލަރުގެ އަގު ހުރި އަސްކަރީ ސާމާނު ދިނުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

މިކަން އިއުލާންކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށް އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ފަހު، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިފަހަރު އެމެރިކާ އިން ޔޫކްރޭނަށް ދޭ އަސްކަރީ އެހީގެ ތެރޭގައި މިސައިލާއި މިސައިލް ފޮނުވައިލަން ބޭނުންކުރާ ނިޒާމުތަކާއި ސިފައިން އުފުލާ އެއްގަމު އުޅަނދުތަކާއި ހެލިކޮޕްޓަރު ހިމެނޭނެ އެވެ.

އެމެރިކާ ސަރުކާރުން ބުނި ގޮތުގައި މިފަހަރު މިފޮނުވާ ހަތިޔާރުތަކަކީ، ރަޝިޔާ އިން މިހާރު ދިނުމަށް ތައްޔާރުވަމުންދާ ހަމަލާތަކުން ދިފާއުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ހަތިޔާރުތަކެކެވެ. އަދި ޔޫކްރޭން ސިފައިންގެ ދިފާއީ ގާބިލުކަން އިތުރުކޮށްދޭނެ ކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެ އެވެ.

"އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ފަރާތުން މެދުކެނޑުމެއް ނެތި ޔޫކްރޭނަށް ފޯރުކޮށްދެމުން މިދާ އަސްކަރީ މަދަދުގެ ސަބަބުން، ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭން ސިފައިން ކުރަމުންދާ ހަނގުރާމަ ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ."

ޔޫކްރޭނަށް އިތުރު އަސްކަރީ ސާމާނު ދިނުމަށް އެމެރިކާ އިން މި ނިންމީ، ރަޝިޔާގެ އުދުވާނުން ދިފާއުވުމަށްޓަކައި، އިތުރު ބަރު ހަތިޔާރު ދިނުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައި ވަނިކޮށެވެ.

"އިތުރު ހަތިޔާރު ނެތި، މި ހަނގުރާމަ ވެގެން ދާނީ ނިމުމެއް ނެތް ލޭ އޮހޮރުވުމަކަށް. ފެތުރެމުން ދާނީ އިތުރު ހިތްދަތިކަމާއި ވޭނާއި ފަނާކުރުންތައް. މަރިއުޕޯލް، ބޫޗާ، ކްރަމަޓޮރްސްކާ – މި ލިސްޓު ދާނީ ދިގުވަމުން. އިތުރު ހަތިޔާރާ ލިބިގެން، ޔޫކްރޭނަށް ނޫނީ ރަޝިޔާ ނުހުއްޓުވޭނެ،" ރައީސް ޒެލެންސްކީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމެރިކާ އިން މިފަހަރު ޔޫކްރޭނަށް މި ދޭ އަސްކަރީ އެހީގެ ސާމާނުތައް ދިނުމަށްޓަކައި، ކޮންގްރެސްގެ ރުހުން ހޯދަން ނުޖެހޭނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން މިހާރު ފޮނުވާ ބައެއް ހަތިޔާރުތަކުގެ ބޭނުން ހިފުމަށްޓަކައި ޔޫކްރޭން ސިފައިންނަށް އެ ހަތިޔާރުތަކާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ދޭންޖެހޭ ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި އެވެ.