Roadha Mihaaru
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާގެ ރޮކެޓް ފޮނުވަނީ

އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާގެ ރޮކެޓް ފޮނުވަނީ

28 ނޮވެމްބަރ 2022

ޔޫކްރޭނުގެ މިނިވަންކަމަށް އެ ގައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެދިނުމުގެ ގޮތުން، ދުރު ރާސްތާގެ ރޮކެޓް ޔޫކްރޭނަށް ފޮނުވުމާ މެދު ވިސްނަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޔޫކްރޭނުގެ މިނިވަންކަމަށް އެ ގައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެދިނުމުގެ ގޮތުން، ދުރު ރާސްތާގެ ރޮކެޓް ޔޫކްރޭނަށް ފޮނުވުމާ މެދު ވިސްނަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މިހާރު ވެސް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނާއި ހަތިޔާރު ޔޫކްރޭނަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭނަށް ވިއްކި ހަތިޔާރާއި ހިލޭ ދިން ބައެއް ހަތިޔާރު ހިމެނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ކެނޑިނޭޅި ފޮނުވަމުންދާ ހަތިޔާރުތަކުގެ ބޭނުންކޮށްގެން ވެސް، ރަޝިޔާ ސިފައިން ފަހަތަށް ނުޖެއްސިގެން އުޅޭއިރު، ޔޫކްރޭނަށް ފޮނުވާނެ އިތުރު ހަތިޔާރު ހޯދާނެ ގޮތްތަކަކާ މެދު ހުޅަނގުގެ ގައުމުތަކުން މިހާރު ދަނީ ވިސްނަމުންނެވެ. ހަތިޔާރު ހޯދުމަށް ޔޫކްރޭން ސަރުކާރުން އެދެމުން ދާވަރަށް ވިލާތުގެ ގައުމުތަކުން ހަތިޔާރު ނުދޭތީ، ޔޫކްރޭން އޮތީ ހިތްހަމަނުޖެހިފަ އެވެ.

ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ އިން މިހާރު ތައްޔާރުވަމުން ދަނީ، ގްރައުންޑް-ލޯންޗްޑް ސްމޯލް ޑައިމީޓަރ ބޮމް އެވެ. މިއީ ސެޓެލައިޓްގެ އެހީގައި އަމާޒަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ ރޮކެޓެއްގެ ކުރީގައި ހަރުކޮށްފައި ފޮނުވައިލާ ޒާތުގެ ބޮމެކެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން ލަފާކުރާ ގޮތުގައި މި ބާވަތުގެ ހަތިޔާރު ޔޫކްރޭނަށް ފޮނުވޭވަރު ވާނީ މިއަންނަ އަހަރުގެ އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގަ އެވެ.

މި ބޮމަކީ އަގު ހެޔޮ އަދި ސައިޒުގެ ގޮތުން ވެސް ކުޑަ ހަތިޔާރެކެވެ. އެމެރިކާގެ ހަތިޔާރު ގުދަނުގައި މިބާވަތުގެ ބޮން ގިނަ އަދަދަކަށް ހުރުމާއެކު، ބޮއިން ކުންފުނިން އެމެރިކާ ސަރުކާރަށް ހުށަހަޅާފައިވަނީ، އެމެރިކާގެ އަސްކަރީ ގުދަންތަކުގައި މިހާރު ވެސް ގިނަ އަދަދަކަށް ހުރި އެމް26 މަރުކާގެ ރޮކެޓްގައި މި ބާވަތުގެ ބޮން ހަރުކޮށް ޔޫކްރޭނަށް ފޮނުވުމަށެވެ. މިއީ 160 ކިލޯމީޓަރު ދުރުމިނުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ރޮކެޓެކެވެ.

މި ބާވަތުގެ ހަތިޔާރުގެ އިތުރުން، 155 މިލިމީޓަރުގެ ބޮޑުބަޑީގެ އުންޑަ އުފައްދާ މިންވަރު އިތުރު ކުރުމަށް ވެސް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. މި ބާވަތުގެ އުންޑަ މިހާރު އެމެރިކާގައި އުފައްދަމުން އަންނަނީ ސަރުކާރުގެ ކުންފުނިތަކުން އެކަންޏެވެ. ނަމަވެސް، ޔޫކްރޭނަށް ފޮނުވުމަށްޓަކައި ގިނަ އަދަދެއްގެ އުންޑަ ބޭނުންވާތީ، އެމެރިކާ ސަރުކާރާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން މި ބާވަތުގެ އުންޑަ އުފެއްދުމުގެ ހުއްދަ އަމިއްލަ ކުންފުނިތަކަށް ދިނުމަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އެމެރިކާގެ ދުވަހު ނޫސް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން، މި ދުވަސްވަރަކީ އެމެރިކާގެ ހަތިޔާރަށް ވަރަށް ޑިމާންޑް ބޮޑު ދުވަސްވަރެކެވެ. އެއްކޮޅުން ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ހަތިޔާރު ހޯދުމަށް އެދެމުން އަންނަ އިރު، ޗައިނާ އިން ދީފާނެ އުދުވާނީ ހަމަލާއަކުން ދިފާއުވުމަށް ތައިވާނުން ވެސް އަންނަނީ ހަތިޔާރަށް އެދެމުންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ޔޫކްރޭނަށް އެހީވުމުގެ ގޮތުން ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވާފައިވާތީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އަސްކަރީ ގުދަންތައް ވަނީ ވަރަށް ބޮޑަށް ހުސްވެފަ އެވެ.