Roadha Mihaaru
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޔޫކޭއިން ލުއިދީފި

ވެކްސިން ފުރިހަމަކުރި މީހުން ޕީސީއާރު ނުހަދައި އިނގިރޭސި ވިލާތަށް އެތެރެވެވޭ ގޮތް ހަދައިފި

27 ޖެނުއަރީ 2022

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފި އެވެ.

މި ބަދަލަށް އަމަލު ކުރަން ފެށުމާ އެކު ވެކްސިން ފުރިހަމަ ކޮށްފައި ތިބޭ މީހުން އެ ގައުމަށް ދާން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހޭނެ އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަރަންޓީނުގައި ތިބެން ޖެހޭ މުއްދަތު ދެ ދުވަހަށް ބަދަލުވާނެ އެވެ.

މިހާރު އޮންނަ ގޮތުން ވެކްސިން ފުރިހަމަ ކުރި ނަމަވެސް އިނގިރޭސިވިލާތަށް ވަދެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާނަމަ އަށް ދުވަހަށް ކަރަންޓީން ވާން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުން މި ލުއިތައް ދޭން ފެށުމާއެކު ޔޫރަޕުގެ އެންމެ ފަސޭހަ ކަމާއެކު ދަތުރު ކުރެވޭ ގައުމަށް އެ ގައުމު ވެގެންދާނެ އެވެ، މިއީ ކޮވިޑުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ސިފަ ކުރެ އެވެ.

އިނގިރޭސިވިލާތުން މިހާރު 180 ގައުމެއްގެ ވެކްސިނޭޝަން ސެޓްފިކެޓް ގަބޫލު ކުރެ އެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެއް ހިމެނެ އެވެ.

ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯން ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުން އައި ނަމަވެސް އިނގިރޭސިވިލާތުން ފިޔަވަޅުތައް ވަރުގަދަ ނުކުރަން ނިންމީ އެ ގައުމުގެ ވެކްސިނޭޝަން ޕްރޮގްރާމް ކާމިޔާބުވެފައި ވާތީ އެވެ. އަދި މިހާރު ފަށާފައިވާ ބޫސްޓާ ޕްރޮގްރާމް ވެސް ކާމިޔާބު ކަމަށް އެ ގައުމުން ބުނެ އެވެ.