Roadha Mihaaru
ޝެފް ކުރިން ވެސް މާރާމާރީ ހިންގި، ތިންތަނަށް ވަޅިިހެރި

ޝެފަކީ ކުރިން ވެސް މާރާމާރީ ހިންގި ރުޅިގަދަ މީހެއް، ތިން ތަނަކަށް ވަޅި ހެރި!

16 އެޕްރީލް 2022

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހަމައެކަނި މީހާ އަށް ވަޅިން ހަމަލާދީ މަރައިލި އެ ރެސްޓޯރަންޓުގެ ޕާކިސްތާނުގެ ޝެފް ކުރިން ވެސް މާރާމާރީ ހިންގާފައިވާކަން އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހަމައެކަނި މީހާ އަށް ވަޅިން ހަމަލާދީ މަރައިލި އެ ރެސްޓޯރަންޓުގެ ޕާކިސްތާނުގެ ޝެފް ކުރިން ވެސް މާރާމާރީ ހިންގާފައިވާކަން އެނގިއްޖެ އެވެ.

ނިރޮޅުމަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝްގެ މީހާ އާއި ޕާކިސްތާނުގެ ކައްކާ މީހާއާ ދެމެދު ބަދިގެ ތެރޭގައި މާރާމާރީ ހިންގީ މިއަދުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝްގެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު ބަދިގެ ތެރޭގައި ޒުވާބެއް ހިންގައި ބަންގްލަދޭޝް މީހާގެ ގަޔަށް ޝެފް ވަޅިން ހަމަލާ ދިން ކަމަށެވެ.

ވަޅި ހަރާފައި ވަނީ ބަންގްލަދޭޝްގެ މީހާގެ މޫނާއި ކަރާއި ފަޔަށް ކަމަށް އޭނާ ބުންޏެވެ.

"މާރަމާރީ ހިންގި އަޑަށް ރެސްޓޯރަންޓުތެރެއަށް ވަތް އިރު އެހެން މީހުން ވެގެން ބަންގްލަދޭޝްގެ މީހާ ބަދިގެ އިން ނެރެނީ. އޭނާ އޮތީ ހުއްޓުން އަރާފައި. އަހަރެން އޭނާ އަށް ނޭވާ ލައްވަން މަސައްކަތް ކުރިން. އެކަމަކު އޭނާ އޮތީ އޮތް ގޮތަށް،" ޓީޝާޓުގައި ބަންގްލަދޭޝް މީހާގެ ލޭ ހޭކިފައި ހުރި މުވައްޒަފަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ބަންގްލަދޭޝްގެ މީހާ އަށް ހަމަލާ ދިނުމަށް ފަހު ޝެފް ވަގުތުން އެ ތަނުން ފިލި އެވެ.

"އޭގެ ފަހުން އޭނައެއް ނުދެކެން."

ޕާކިސްތާނުގެ ޝެފް، މި ހަމަލަ އަށް ފަހު ފިލާފައިވާތީ އޭނާ ހޯދަން ފުލުހުން ވަނީ މިހާރު އިއުލާނުކޮށްފަ އެވެ. އުމުރުން 26 އަހަރުގެ އެ ފިރިހެންމީހާ އަކީ ނުރައްކާތެރިމީހެއް ކަމަށާއި އޭނާއާ ކުރިމަތިނުލައި ފުލުހުންގެ ނަމްބަރު 119 އަށް ގުޅަން ފުލުހުން އެދެ އެވެ.

ހާންޖީ ރެސްޓޯރަންޓްގައި ހިންގި މާރާމާރީ އަށް ފަހު ފިލައިގެން އުޅޭ ޕާކިސްތާނުގެ މީހާ

ހާންޖީ ރެސްޓޯރަންޓްގައި ހިންގި މާރާމާރީ އަށް ފަހު ފިލައިގެން އުޅޭ ޕާކިސްތާނުގެ މީހާ

"މިހާރު" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ރެސްޓޯރަންޓުގައި ކަސްޓަމަރުން ތިއްބާ މުވައްޒަފަކާ މާރަމާރިީ ހިންގި ކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު މިއަދު ޒުވާބުކޮށް، މާރަމާރީ ހިންގި ސަބަބެއް ސީދާ ސާފެއް ނުވެ އެވެ. ދެ މީހުން ދެމެދު ފައިސާގެ މައްސަލަތަކެއް ޖެހުނު ކަމަށް އަޑުފެތުރުނަސް އެކަމުގެ މައުލޫމާތު އެނގޭ މީހުން އެކަން ދޮގުކުރެ އެވެ.

ހަމަލާގައި މަރުވި ބަންގްލަދޭޝްގެ މީހާ މަސައްކަތް ކުރަނީ ކާންޖީގައި ކިޗަން ހެލްޕަރެއް ގޮތުގަ އެވެ. ދެން އުޅޭ އެހެން ހުރިހާ މުވައްޒަފުންނަކީ ޕާކިސްތާނުގެ މީހުންނެވެ.

ފުލުހުން ދަނީ އެ ރެސްޓޯރަންޓު ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ އަދިވެސް އޮތީ ހުޅުމާލޭ ހޮސްޕިޓަލްގެ އީއާރްގަ އެވެ.