Roadha Mihaaru
ޣައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރުކުރަނީ

ޣައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރުކުރަނީ

17 އެޕްރީލް 2022

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާއާ ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުވާން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާއާ ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުވާން އަންގައިފި އެވެ.

މިދިޔަ މަހުގެ 25 ގައި އިދިކޮޅުން ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ވެސް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު، ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ދުވަހުގެ މުޒާހަރާއާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް ސައީދަށް އެންގީ މިރޭ 9:30 އަށް ކަމަށެވެ. ޣައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އެންގީ މިރޭ 10:30 އަށެވެ.

އެ ބޭފުޅުން އެ އިދާރާ އަށް ހާޒިރުވުމަށް އަންގަވާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.

މުޒާހަރާގެ ތެރެއިން މަސްވެރިންގެ ޕާކް ސަރަހައްދުން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ފުލުހުން ހައްޔަރުކުރަނިކޮށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މުޒާހަރާގެ ތެރެއިން މަސްވެރިންގެ ޕާކް ސަރަހައްދުން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ފުލުހުން ހައްޔަރުކުރަނިކޮށް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެ ދުވަހު ސައީދާއި ޣައްސާން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔަ ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި، އެ ދުވަހު އިދިކޮޅުން މުޒާހަރާ ކުރަން ރޭވުމާ އެކު ފުލުހުން ވަނީ އެ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރޭވި އެވެ. އެހެންވެ، އެ ހަރަކާތް ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ކައިރިއަށް ދެވެން އޮތް މަގުތައް ބަންދުކޮށް ފުލުހުން އެއްވުމަށް ހުރަސް އެޅި އެވެ.

އެކަމަކު ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީ ހަރަކާތަށް ނުކުތުމުން އެ އެއްވުމުން 17 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ އެންމެން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.