Roadha Mihaaru
އިންޑިއާ ރުއްސަން ގާނޫނު ހެދުމަކީ އަނިޔާވެރިވުން:ސައީދު

އިންޑިއާ ރުއްސަން ގާނޫނު ހެދުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެއް: ސައީދު

31 ޖެނުއަރީ 2022

އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުން ހުއްޓުވަން ގާނޫނެއް ހަދައި ގާނޫނުއަސާސީއާ ހިލާފު އަމަލުތައް ހިންގުމަކީ ރައްޔިތުންނަށް މި ސަރުކާރުން ދޭ އަނިޔާއެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުން ހުއްޓުވަން ގާނޫނެއް ހަދައި ގާނޫނުއަސާސީއާ ހިލާފު އަމަލުތައް ހިންގުމަކީ ރައްޔިތުންނަށް މި ސަރުކާރުން ދޭ އަނިޔާއެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ސައީދު ވަނީ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގޮތަށް ފާސްކުރަން ތައްޔާރުވަމުން އަންނަ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ބިލް އެކުލަވާލާފައި އޮތީ ހާރިޖީ ގުޅުމަށް ބުރޫއަރާ ވާހަކަތައް ދައްކާ ނަމަ ބޮޑު ޖޫރިމަނާއަކާއި ޖަލު އަދަބު ދޭ ގޮތަށެވެ.

ސައީދު އެ ބިލް ސިފަކުރެއްވީ އިންޑިއާ ރުއްސަން ދިވެހިންގެ ދުލުގައި ތަޅުއަޅުވަން ހުށަހަޅާ ބިލެއްގެ ގޮތުގަ އެވެ. އެކަމަކު ރައްޔިތުން ކުރަން ޖެހޭ ކަމަކީ ކޮންމެ އަގެއް ދައްކާފައި ނަމަވެސް އަމިއްލަ ގައުމު ހިމާޔަތްކުރުން ކަމަށް ވިދާޅުވި އެވެ.

"ބީޖޭޕީ ރުއްސަން، ޕްރައިމް މިނިސްޓަރު މޯދީ ރުއްސަން ގާނޫނެއް ހަދައިގެން ތި ބޭފުޅުންގެ އަނގަބަންދުކުރަން މިއުޅެނީ. ގާނޫނެއް ހަދައިގެން ދުލުގައި ތަޅުއަޅުވަން މި އުޅެނީ،" ސައީދު ވިދާޅުވި އެވެ.

ހާރިޖީ ގުޅުމަށް އަސަރުކުރާ ފަދަ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ގާނޫނު ހަދާއިރު އެއީ އިންތަކަކާއި މިންތަކެއް ކަނޑައެޅިފައި އޮންނަ ގުޅުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހާރިޖީ ގުޅުމަކީ އިންތަކެއް މިންތަކެއް އިހްތިރާމްތަކެއް ކަނޑައެޅި ގައުމުތަކަށް އެކަން އެނގޭ އެއްޗެއް. ވަކި ހުދޫދެއްގެ ތެރޭގައި ގެންގުޅެން ޖެހޭނެ އެއްޗެއް،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރ. ދުވާފަރުގައި ބޭއްވި އިންޑިޔާ އައުޓް ހިނގާލުން.

އިދިކޮޅު ފަރާތްތަކުން ރ. ދުވާފަރުގައި ބޭއްވި އިންޑިޔާ އައުޓް ހިނގާލުން.

މި ވެރިކަން ގެނައީ އިންޑިއާގެ އެހީއާ އެކުގައި ކަމަށް އިދިކޮޅުން ކުރާ ތުހުމަތަށް ބާރު ދެއްވައި ސައީދު ވިދާޅުވީ މި ސަރުކާރުން އިންޑިއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ފަހަތުގައި ވެސް އޮތީ އެ ސަބަބު ކަމަށެވެ.

"އަޅުގަނޑު ދައްކާވާހަކައެއް ނޫން މިއީ. ރައީސް ނަޝީދު އަމިއްލަފުޅަށް ވިދާޅުވި ތިމަންނަމެންނަށް ހުޅުވުނު ކުޑަދޮރަކުން ލިބުނު ފުރުސަތެއްގައި ވަދެއޭ އިންތިހާބު ކާމިޔާބުކުރީ. މިކަން ކޮށްދިނީ އިންޑިއާގެ ބައެއް ޑިޕްލޮމެޓުންނޭ،" ސައީދު ވިދާޅުވި އެވެ.

"މިއަށް ދޭ އުޖޫރައެއްގެ ގޮތުން ރާއްޖޭގެ 26 ސަރަހައްދެއްގައި ރާޑަރު ބަހައްޓައި ރާއްޖޭގެ އިންޑިއާގެ ސިފައިން ބޭތިއްބުން، އަސްކަރީ ނޭވަލް ބޭސްއެއް ގާއިމްކުރުން މިއީކީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދޭން އަންނަ ސަރުކާރަކުން ކޮށްގެންވާނެ ކަންކަން ނޫން."

ސައީދު ވިދާޅުވި ގޮތުގައި ގާނޫނެއް ހަދައިގެން އިންޑިއާ އައުޓް ގޮވުން މަނާކުރިއަސް ގާނޫނުއަސާސީގެ ބާރު މާގަދަވާނެ އެވެ. ރައީސް އޮފީހާއި ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މާ އަޑުހަރުކޮށް އިންޑިއާ އައުޓް ދެން ގޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިކުރާ ކަންކަމާ ދެކޮޅު ކަން ރައްޔިތުންނަށް ބުނެދޭން ލިބިފައި އޮތް ފުރުސަތަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބު ކަމަށާއި އެ އިންތިހާބުގައި އިންޑިއާ އައުޓް ހަަރަކާތް ހިންގޭނެ ކަން ވޯޓުން ދައްކައިދޭން ސައީދު ގޮވާލެއްވި އެވެ.