Roadha Mihaaru
އައްމަޓީ މައްސަލާގައި ޕީޖީ ފާޑުކިޔުން ހުއްޓުވަން އެދެފި

އައްމަޓީގެ މައްސަލާގައި ޕީޖީ ފާޑުކިޔުން ހުއްޓުވުމުގެ އަމުރަކަށް އެދެފި

18 އެޕްރީލް 2022

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ނިމެންދެން، އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށް ބުނެ އެކަން މަނާކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ނިމެންދެން، އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށް ބުނެ އެކަން މަނާކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައި ވަނިކޮށް ޝަރުތުތަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލި މައްސަަލަ ހައި ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީގެ މައްސަލާގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓްވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިދިޔަ އަހަރު ކުރެއްވި ޓްވީޓެވެ. އެއީ ވެސް މިދިޔަ އަހަރު އައްމަޓީ ބަންދުން ދޫކޮށްލުމާ ބެހޭގޮތުން އޭނާ ކުރެއްވި ޓްވީޓެކެވެ.

އެ ޓްވީޓާ ހަވާލާ ދެއްްވައި، ނިހާޔަތު ވިދާޅުވީ ކަފާލާތުގައި މީހުން ބަންދުން ދޫކުރުމާއި ޖާމިނުކޮށް މީހުން ދޫކުރުމުގެ އުސޫލުތައް ރާއްޖޭގެ ފަނޑިޔާރުންނަށް ނޭނގޭ ކަމަށް ދޭހަވާ އިބާރާތަކުން ޝަމީމް ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. އަދި އައްމަޓީގެ މައްސަލާގައި ދައުލަތުގެ ވަކީލުން ދަށު ކޯޓުގެ ފަނޑިޔާރަށް ހައި ކޯޓުގައި ތުހުމަތުތައް އަމާޒުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްމަޓީ މިފަހަރު ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމާ އެކު، ޝަމީމްގެ އަމިއްލަ ބްލޮގްގައި އެކަމާ ބެހޭ ގާނޫނީ ވާހަކަތައް ލިޔެފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އެ ބްލޮގްގައި ލިޔެފައިވަނީ އިލްމީ ބަހުސެއް ކުރުމުގެ ބަދަލުގައި ވަކި މައްސަލައަކާ ސީދާ ގުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް ވާހަކަ ދެއްކުމުން ވަކި މީހަކީ ކުށްވެރިއެއް ކަން އާންމުންނަށް ގަބޫލު ކުރެވި އަދި މައްސަލަ ނިންމުމުގެ ކުރިން ފަނޑިޔާރުންނަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވަން މަގުފަހިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނާ މެދު ކިތަންމެ އިތުބާރެއް އޮތަސް، ފަނޑިޔާރުންނަށް ނުފޫޒުތަކެއް އައިސްދާނެ ކޮންމެ ކަމެއް ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދައުލަތުން ކުރި ކަމެއް ނުދެއްކޭތީ މި މަރުހަލާގައި އެފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށެވެ. އަދި ވަކި މީހަކު އަމިއްލަ ހައިސިއްޔަތުން އެފަދަ ކަމެއް ކޮށްފި ނަމަ، އަމުރަށް އެދެންޖެހޭނީ އެ މީހަކާ ދެކޮޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުން މިހާރު ކުރިއަށް ދާއިރު، އެ އަމުރާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.