Roadha Mihaaru
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގެ މައްސަލަ ފާހެއްނުވި

ހިއުމަން ރައިޓްސް ވޮޗްގެ ކަންބޮޑުވުންތައް އިސްލާހުކުރަން ގޮވާލާ މައްސަލަ ބޭރުކޮށްލައިފި

19 އެޕްރީލް 2022

އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ސަރުކާރުން އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ސަރުކާރުން އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހަޅުއްވާފައިވާ އެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ. އަދި ބަހުސްކުރަން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ މައްސަލާގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި، މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ކުރި ތަހުގީގުން ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް މިއަދާ ހަމަޔަށް އެކަން ކޮށްފައިނުވާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އިސްލާހު ނުކުރާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ނަމަވެސް އަދިވެސް އެ ގާނޫނުތައް އުވާ ނުލާ ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާތަކަށް ހުރަސް އަޅަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

"...ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރިޕޯޓުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އިސްލާހު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" މެމްބަރު ހުސެއިން ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކުއްލި މައްސަލަތާއި ގަރާރުތައް ފާސް ނުކުރާތީ އެމްޑީޕީގެ ބައެއް މެމްބަރުން ފަހަކަށް އައިސް ކަންބޮޑުވުން ފާޅު ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފަދަ މައްސަލަތަކަށް ބަހުސްކުރަން ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.