Roadha Mihaaru
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"

އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"

14 އެޕްރީލް 2024

އައިމިނަތު މިޔާދާ (އާނަ) އެންމެންނަށް މީގެ އެތައް އަހަރެއް ކުރިން އެނގެން ފެށީ ހިނިތުންވެފައިވާ މޫނުންނެވެ. މީހުންނާ ބައްދަލުކުރާއިރު، ހިތްހަމަޖެހުމާއި އުފާވެރިކަން ނޫން ކަމެއް ނުދައްކަ އެވެ. ކޮންމެ ކަމެއްގައި އޭނާގެ ގާތަށް ދިޔައަސް މާޔޫސް ނުކުރުވަ އެވެ. އޭނާ އަށް އެ ކަމެއްގައި ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. ޓީވީއެމްގައި ޕްރޮގްރާމް ހުށަހަޅައިދިން އިރު އޭނާއަކީ އެތައް ދަރިވަރުންނާއި ބެލެނިވެރިންނެއްގެ ގާތް އެކުވެރިޔާ އެވެ.

އައިމިނަތު މިޔާދާ (އާނަ) އެންމެންނަށް މީގެ އެތައް އަހަރެއް ކުރިން އެނގެން ފެށީ ހިނިތުންވެފައިވާ މޫނުންނެވެ. މީހުންނާ ބައްދަލުކުރާއިރު، ހިތްހަމަޖެހުމާއި އުފާވެރިކަން ނޫން ކަމެއް ނުދައްކަ އެވެ. ކޮންމެ ކަމެއްގައި އޭނާގެ ގާތަށް ދިޔައަސް މާޔޫސް ނުކުރުވަ އެވެ. އޭނާ އަށް އެ ކަމެއްގައި ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. ޓީވީއެމްގައި ޕްރޮގްރާމް ހުށަހަޅައިދިން އިރު އޭނާއަކީ އެތައް ދަރިވަރުންނާއި ބެލެނިވެރިންނެއްގެ ގާތް އެކުވެރިޔާ އެވެ.

އާންމުންނަށް ފެންނަ ކޮންމެ ފަހަރަކު ބޮލުގައި މަލެއް ޖަހައިގެން ހުންނަ އެއް ސަބަބަކީ ވެސް އެހެން މީހުން ހިތްހަމަޖައްސައިދޭށެވެ. އަމިއްލަ ނަފުސަށް ލިބޭ ހިތްހަމަ ޖެހުމާ އެއްވަރުގެ ހިތްހަމަޖެހުމެއް އެހެން މީހުންނަށް ލިއްބައި ދިނުމަށެވެ

"23 އަހަރުވީ މި ގޮތަށް މާ ޖަހައިގެން އުޅޭތާ. އެއީ ހެޕިނަސް. އަމިއްލަ އަށް އެކަންޏެއް ނޫން. އެހެން މީހުންނަށް ވެސް ހިނިތުންވުން ގެނެސްދޭން،" އާނަ ބުންޏެވެ.

ތައުލީމީ ދާއިރާގެ ހިދުމަތުގެ ތެރެއިން އާނަ އެ އަށް ވުރެން މީހުންނާ ގާތްވީ ސިއްހީ ދާއިރާއިންނެވެ.

ފަހަކަށް އައިސް ދިރިއުޅުމުގެ ބޮޑު ބައި އާނަ ހޭދަކުރީ އެކިއެކި ކަންކަމުގައި މީހުންނަށް އެހީތެރިވުމުގަ އެވެ. ސްރީ ލަންކާ އަށް ބޭސްފަރުވާ އަށް ދާ މީހެއް ވެއްޖިއްޔާ އާނަ ނުފެނި ރާއްޖެ އަށް އަނބުރާ ނާދެވޭނެ އެވެ. ނަވަލޯކާ ނުވަތަ އާސިރީ ސެންޓްރަލް އަށް ޑޮކްޓަރަށް ދައްކަން ދާ ދިވެހިންގެ އެންމެ ބޮޑު ހިިތްހަމަޖެހުމަކަށް ވެފައި އޮތީ އާނަ އެވެ. އޭގެ ފަހުން ދާދި ފަހަކާ ޖެހެންދެން އޭނާ ފެނުނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފްލޯ މެނޭޖަރެއްގެ ގޮތުގައި އުޅެނިކޮށެވެ.

އާނަ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އަދި އެހެން ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަގަނީ.

އާނަ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އަދި އެހެން ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަގަނީ.

އެކަމަކު، މުޅިން އެހެން ދިމާއަކަށް އާނަގެ ވިސްނުން އަނބުރާލައިފި އެވެ. އެއީ މިހާތަނަށް އޭނާއާ އެންމެ ދުރު ދާއިރާ އެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އަށް އާނަ ވާދަކުރައްވަ އެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތަސް ސަރުކާރުން އެންމެ ފަހުން ވަނީ އާނަގެ ފަހަތަށް އަރައިފަ އެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ އާނަ އަށެވެ.

"އަޅުގަނޑު ހަމަ ބޭނުންވަނީ ބަޔަކަށް އެހީތެރިވެ ދޭން. މަޖިލިހުގެ ތެރެއިން ވެސް އެ އެހީތެރިކަން ފޯރުކޮށްދެވޭނެކަން ޔަގީން ވާތީ މި ކަމުގެ ތެރެއަށް މި ނުކުތީ. އާއިލާގެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް ހައިރާން ވެފައި އަޅުގަނޑު ސިޔާސީ ދާއިރާ އަށް ނުކުތީމާ،" ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލްގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އަދާކުރި އާނަ ބުންޏެވެ.

"އެކަމަކު އަޅުގަނޑު ހިތަށް އެރީ މިއީ ރަނގަޅު ފުރުސަތެކޭ މީހުންނަށް އެހީތެރިވާން."

އާނަގެ ތަޖުރިބާ ބޮޑަށް ހުރީ އެންސްޕާ އާއި އާސަންދައިގެ ހިދުމަތާ ގުޅޭ ދާއިރާގަ އެވެ. ހައެއްކަ އަހަރު ހޭދަކުރެއްވީ ޑޮކްޓަރުންނާ ވަރަށް ގާތުގައި ކަމަށް ވާތީ މައްސަލަތައް އެނގެ އެވެ. ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާ ދިވެހިންގެ ހާލު އޭނާ އަށް ވަނީ ވަރަށް ކައިރިން ފެނިފަ އެވެ. ބައެއް ބޭސްތައް އާސަންދައިން ކަވަރު ނުކުރުމުން ބައެއް ދިވެހިން އުޅޭ ހާލުން ވަރަށް ގާތުން ފެނުނެވެ. ޑޮކްޓަރުގެ އެޕޮއިންޓް ހޯދުމާއި ޓެސްޓުތައް ހެދުމުގައި ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ހުރި ދޯދިޔާ ކަންކަން ވެސް އާނަގެ ތަޖުރިބާގައި އެބަހުއްޓެވެ.

"އެއީ އަޅުގަނޑު އެންމެ އިސްކަން ދޭނެ އެންމެ މުހިންމު ބައި،" އޭނާ ބުންޏެވެ.

އާނަގެ މަސައްކަތުން އެތައް ބަޔަކަށް އާސަންދައިގެ ހިދުމަތް ހޯދައި ދީފައި ވެ އެވެ. އާސަންދަ ލިބުން ލަސްވުމުން ސިއްހީ ހިދުމަތް ފަށާ މީހުންނަށް ފަހުން އޭނާގެ މަސައްކަތުން އާސަންދަ ފަހިކޮށްދީ، ރިފަންޑު ވެސް ހޯދައި ދެ އެވެ.

"އެންމެ ރުފިޔާއެއް ވެސް އެފަދަ ކަންކަމަށް އަޅުގަނޑު ހޯދާފައެއް ނޯންނާނެ. ހޯދި ނަމަ މި ސޯޝަލް މީޑިއާ ޒަމާނުގައި އެ ވާހަކަ ނުދައްކާ ތިބޭނެތޯ؟ ނުކެރޭނެ ޝޯޝަލް މީޑިއާގައި އުޅޭ މީހުންނަށް އެ ވާހަކަތައް ހޯދާކަށް. ނުފެންނާނެ،" އާނަ ބުންޏެވެ.

ދެން އޮތީ މާލޭގެ އެންމެ އާންމު މައްސަލަ އެވެ. ގޯތިގެދޮރުގެ ދަތިކަމެވެ. އާނައަކީ މާލޭގެ މީހަކަށް ވުމުން އެ މީހުންގެ ހާލު ވެސް ވަރަށް ގާތުން ފެނެ އެވެ. މިހާރު ވެސް ބައެއް ގޭގެ އަށް ޒިޔާރަތްކޮށް ހަމަ ލޮލުން ބަލައިފި އެވެ. މީހުންގެ ޝަކުވާތައް އަޑުހައި ސިކުނޑި އަށް އެ ކަންކަން ނަގައިފި އެވެ.

އާނަ، އުމުރުން ދުވަސްވީ މީހަކާ އެކު ފޮޓޯއެއް ނަގަނީ.

އާނަ، އުމުރުން ދުވަސްވީ މީހަކާ އެކު ފޮޓޯއެއް ނަގަނީ.

"މައިންބަފައިންނާއި ދަރިންނާއި އަދި މާމަ، ކާފަ ދަރިން ނިދަނީ އެއް ކޮޓަރީގައި. ނިދުމާއި ކެއުމާއި ފާހާނާކުރުން މި އޮންނަނީ 20 ފޫޓު 20 ފޫޓު ހަމަނުވާ ކޮޓަރީގައި. ބައެއް ގޭގެ މުޅި ފުރާޅުގައި އެބަހުއްޓޭ ލޯވަޅު އެޅިފައި. އެ ގެތަކުގެ މީހުން ނިދަނީ ވާރޭ ތެރޭގައޭ. އެއީ ގަލޮޅުގެ ހާލަތު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލޭގެ އެހެން ދާއިރާތަކުގެ ހާލަތަކީ ވެސް އެއީ،" އާނަ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދައްކަނީ އަންހެނުން ނިދާ ތަނެއްގެ ވާހަކަ. ވާރޭ ތެރޭގައި އެ މީހުން އެ ނިދަނީ. އަޅުގަނޑުމެން އަމިއްލަ އަށް އިހުސާސް ކޮށްބަލަ ތެމިފޯވެގެން ވާރޭ ތެރޭގައި އަޅުގަނޑުމެން ނިދަން ޖެހުނީމާ ވާނެ އުނދަގޫ. އަދި ހާއްސަކޮށް އަންހެނުން. އެއީ ފިރިހެނުންނާ ބަލާއިރު ވަރަށް ނިކަމެތި ބައެއް."

އޭނާ ބުނިގޮތުގައި، އެ ގޭގެ ފުރާޅުގެ ލޯވަތަކުގެ ތެރެއިން ފެން ފައިބައި ގޮދަޑި ވެސް އޮތީ ތެމިފޯވެފަ އެވެ. ކާގެ އަށް ވަން އިރު ސީލިން އޮތީ ވެއްޓިފަ އެވެ.

އެކަމަކު، އާނަ އަށް އޮތް ޔަގީންކަމަކީ އޭނާ އަށް ރައްޔިތުންގެ މަޖިލިހަށް ވަދެވިއްޖެ ނަމަ އެ ހާލަތުގައި މާ ގިނަ ދުވަހަކު އެ މީހުންނަށް އުޅެން ނުޖެހޭނެ ކަމެވެ. އަޑު އުފުލައި ކޮންމެވެސް އަލިމަގެއް އެ އާއިލާތަކަށް އޭނާ ހޯދައި ދޭނެ އެވެ.

އަޅުގަނޑު މި ދައްކަނީ އަންހެނުން ނިދާ ތަނެއްގެ ވާހަކަ. ވާރޭ ތެރޭގައި އެ މީހުން އެ ނިދަނީ. އަޅުގަނޑުމެން އަމިއްލަ އަށް އިހުސާސް ކޮށްބަލަ ތެމިފޯވެގެން ވާރޭ ތެރޭގައި އަޅުގަނޑުމެން ނިދަން ޖެހުނީމާ ވާނެ އުނދަގޫ. އަދި ހާއްސަކޮށް އަންހެނުން.--- އާނަ

"އިންޝާ ﷲ އަޅުގަނޑު ހޮވިއްޖިއްޔާ އިރާދަކުރެއްވިއްޔާ މި ހާލަތުގައި މާ ގިނަ ދުވަހަކު އުޅުނުކަ ނުދޭނަން. އަޅުގަނޑަކީ ފައްޓައިފިއްޔާ އެ ކަމެއް ކޮޅެއްގައި ނުޖެހެނީސް ހުއްޓާލާ މީހެއް ނޫން. އަޅުގަނޑު ދަންނަ ބަޔަކަށް ވެއްޖިއްޔާ އެކަން އެނގޭނެ. އަޅުގަނޑު ފައިޓް ކުރާނަން،" ވަރަށް ޔަގީންކަމާ އެކު އާނަ ބުންޏެވެ.

މީހުންގެ މީހެއް

އާނަ އަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ މިިދިޔަ ދުވަސްތަކުގައި ސިއްހީ ކަންކަމުގައި އެތައް ހާސް ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މީހުންގެ އިތުބާރެވެ. އެ މީހުންގެ މީހެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމެވެ. ސިއްހީ ކަމެއްގައި ކުރިއަށް ދާނެ މަގެއް ހޯދަން އާނަ ކައިރި އަށް ދިޔަ މީހެއް ނަމަ ހުސްއަތާ އެނބުރި ދާން ނުޖެހޭނެ ކަމެވެ.

"އަޅުގަނޑަކީ މީހުންގެ މީހެއް. އެ އިތުބާރު އަޅުގަނޑަށް ކުރާނެކަން ވަރަށް ޔަގީން. ހުރިހާ ކަމަކީ މީހުންނާ މެދު އެ މީހާ ދެކޭ ގޮތް. މީހާގެ އަޒުމް، ތެދުވެރިކަން. މީހާގެ އަޚުލާގު،" އާނަ ބުންޏެވެ.

"މި ކަންކަން ރަނގަޅިއްޔާ މަޖިލިސް ނޫން އަދި ކޮންމެ ތަނެއްގައި ވެސް މަސައްކަތް ކުރެވޭނެ. އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް. އިތުބާރު އެބައޮތް."

އާނަގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ މުޅި އުމުރު ހޭދަކުރެއްވީ މީހުންގެ ވާހަކަތައް އަޑުއެހުމުގައި ކަމަށް ވާތީ އެވެ. ކޮންމެވެސް މަގެއް ދައްކައި ދެ އެވެ. އޭނާގެ އޭރުގެ ދާއިރާއަކީ ބަލިމީހުން ޑޮކްޓަރަށް ދައްކައި ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ކަމަށް ވާތީ އެ މީހުންގެ ކަންކަން ކޮޅެއްގައި ޖައްސާފައި ނޫނިއްޔާ ހަމަ ނޭވާއެއް ނުލަ އެވެ. ނުނިދަ އެވެ.

އާނަ: ބުނީ ތެދުވެރިވާނެ ކަމަށް، އަބަދު ފެންނާނެ ކަމަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު

އާނަ: ބުނީ ތެދުވެރިވާނެ ކަމަށް، އަބަދު ފެންނާނެ ކަމަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެ ކަން އަޅުގަނޑު ބޭނުން މަޖިލިހަށް ހޮވިއްޖިއްޔާ ވެސް ދައްކަން. އަޅުގަނޑަކީ އަބަދުވެސް ފެންނާނެ މީހެއް. ކަންކަން ކޮށްފައި ދައްކާނަން. އެއީ އަޅުގަނޑު އިއްޔެއަކު މިއަދަކު ކުރާ ކަމެއް ނޫން. މި ގޮނޑި އަށް އަރަން އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މިއީ. މި ގޮނޑި އަށް އަރަން އަޅުގަނޑު ދައްކާނެ އާ ވާހަކައެއް ނޯންނާނެ. އަޅުގަނޑު މިހާތަނަށް ދައްކަމުން އައި ވާހަކަ އިތުރަށް ދައްކަން ފުރުސަތު އޮތީ،" އާނަ ބުންޏެވެ.

ރައްޔިތުންގެ މަޖިލިހަށް ހޮވޭ މެމްބަރުން "ގެއްލޭ" މައްސަލަ ބޮޑުވެފައިވާއިރު އާނަ އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ސުވާލަކީ ވެސް އެއީ އެވެ. ހާއްސަކޮށް މާލެ ދާއިރާގެ ގޮނޑިތަކުގެ މެމްބަރުންނެވެ. ފަސް އަހަރު ނިންމާފައި ދެން ފެންނަނީ އިންތިހާބަށް ކުރިމަތިލާ ނަމަ އެވެ. އޭގެ ކުރިން ގޭގެ އަށް ވަދެ ހާލު ނުބައްލަވާ މެމްބަރުން ތިއްބަވާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އަޅުގަނޑަކީ މީހުންގެ މީހެއް. އެ އިތުބާރު އަޅުގަނޑަށް ކުރާނެކަން ވަރަށް ޔަގީން. ހުރިހާ ކަމަކީ މީހުންނާ މެދު އެ މީހާ ދެކޭ ގޮތް. މީހާގެ އަޒުމް، ތެދުވެރިކަން. މީހާގެ އަޚުލާގު،"--- އާނަ

އާނަ ބުނީ، "އާނަ ވާނީ އާނަ އަށް" ކަމަށެވެ. މިހާރު ވެސް އޮންނަ އެކުވެރިކަމާއި ގާތްކަން ހަމަ އެ ގޮތުގައި ބޭއްވުމަކީ އާނަގެ ވައުދެކެވެ.

"އަޅުގަނޑާ ގުޅޭނެ ހޮވިގެން ދާ ހުރިހާ ދުވަހަކު ވެސް އިންޝާﷲ. އަޅުގަނޑަށް ގުޅައިފިއްޔާ އެ ވަގުތަކު ނުނެގިދާނެ. އެކަމަކު ކޯލްބެލް ކުރާނެ. މެސެޖެއް ކޮށްފިއްޔާ ރިޕްލައި ކުރާނެ. އަޅުގަނޑާ ބައްދަލު ނުވެވިގެން، ނުގުޅިގެން އުޅޭކަށް ނުޖެހޭނެ،" އާނަ ބުންޏެވެ.

އޭނާ އަކީ މިހާތަނަށް އެއްވެސް ވިޔަފާރިއެއް ކުރި މީހެއް ނޫނެވެ. ސަރުކާރުގެ ކުންފުންޏެއްގައި މިހާރު އުޅުނަސް އެއީ މާ ބޮޑު އާމްދަނީއަކަށް ނުބަލަ އެވެ. ވިސްނާފައި އޮތީ ވެސް މަޖިލިހަށް އިންތިހާބު ވެއްޖެ ނަމަ ލިބޭ މުސާރަ އާއި އިނާޔަތްތަކުން ދާއިރާ އަށް ހަރަދު ކުރާށެވެ.

އާނައަކީ ކާކު؟

- މަޖިލިސް އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ތާއީދު އޮތް ކެންޑިޑޭޓް.

- ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލްގައި ޕްރައިމަރީ ޓީޗަރުކަން ކުރި.

- ޕްރައިމަރީ ޓީޗިން- ޑިގްރީ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން- މާސްޓާސް

- ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާއި އާސިރީ ސެންޓްރަލް- އެސިސްޓެންޓް މެނޭޖަރު، އިންޓަނޭޝަނަލް މާކެޓިން.

- ޓްރީ ޓޮޕް ހޮސްޕިޓަލް- ފްލޯ މެނޭޖަރު.

"އަޅުގަނޑު ކައިރިއަށް އައިސްފައި ތިބޭނެ ރާއްޖޭގެ އެކި ކަންކޮޅުތަކުން. އެކި ސަރަހައްދުތަކުން އެކި ކުލައިގެ އެކި ފިކުރުގެ މީހުން. އަޅުގަނޑުގެ ކައިރިއަށް މީހަކު އަތުވެއްޖިއްޔާ ނޫނެކޭ ބުނެފައި ނޯންނާނެ. އިމިގްރޭޝަނުން ޕާސްޕޯޓެއް ނިންމުން ކަމަށް ވިޔަސް ޑޮކްޓަރަށް ދައްކަން ކަމަށް ވިޔަސް ސްކޫލް ކުއްޖެއްގެ ޖާގަ ވިޔަސް. ކޮންމެ ކަމެއް އޮންނާނީ ކޮށްދީފައި،" އާނަ ބުންޏެވެ.

އާނަ ވަނީ ޕްރައިމަރީ ޓީޗިން އިން ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހަދައިފަ އެވެ. ތައުލީ ދާއިރާގައި އެންމެ ފަހުން އަދާކުރެއްވީ އިމާދުއްދީން ސްކޫލްގެ ސުޕަވައިޒަރެއްގެ މަގާމެވެ. ލަންކާގެ ނަވޮލޯކާ އާއި އާސިރީ ސެންޓްރަލްގައި ހަ އަހަރު ވަންދެން އުޅުނީ އެސިސްޓެންޓް މެނޭޖަރު، އިންޓަނޭޝަނަލް މާކެޓިންގެ މަގާމުގަ އެވެ.

އާނަ "މިހާރު" އާ ވަހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އާނަ "މިހާރު" އާ ވަހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖެ އިން ބޭރުގައި ދިވެހިންގެ މާކެޓް ފުޅާވުމުގައި އިސްދައުރެއް އަދާކުރި މީހަކީ އާނަ އެވެ.

"ދަންވަރު ހޭލެވުނަސް ބެލޭނީ މިސް ކޯލެއް އައިސްފައި އޮތްތޯ؟ ދިވެއްސަކަށް ބޮޑު ކަމެއް ވެފައި ވޭތޯ ބެލޭނީ. އެ ކަން ކޮށްފައި އަޅުގަނޑަށް ނިދޭނީ. އާޖަންޓް ކޭސަސް، ކްރިޓިކަލް ކޭސަސް ވަރަށް ބައިވަރު އަންނާނެ. ހޮސްޕިޓަލުން ބަލާނެ ޑޮކްޓަރާއި ރިސީވް ކުރަން ދާނެ މީހާ އާއި އެ ހުރިހާ މައުލޫމާތެއް އާސަންދަ އަށް ދީފައި އަޅުގަނޑު ނިދާނީ،" އޭނާ ބުންޏެވެ.

އިތުބާރު ކުރޭ، ގުޅޭނެ، ދިމާވާނެ

އާނަގެ ހުރިހާ ވެސް އެދުމަކީ އޭނާ ހޮވައި ދިނުމެވެ. އެކަން ކޮށްދީފި ނަމަ އެހެން މީހުންނާ ހުރި ތަފާތަކީ ނުގެއްލޭނެ ކަމެވެ. އަބަދުވެސް ދިމާވާނެ ކަމެވެ. ބަދަލު ނުވާނެ ކަމެވެ.

"އަޅުގަނޑެއް ނުގެއްލޭނެ. މިއީ ވައުދެއް. މިހާތަނަށް އަޅުގަނޑު ވައުދެއް ނުކުރަން. އެއީ އަޅުގަނޑު ބުނާ ބަހުގެ އިތުބާރު އެންމެން ވެސް ކުރާތީ. އަޅުގަނޑު އެނގޭ މީހަކު ނުބުނާނެ އަޅުގަނޑަކީ ދޮގު ހަދާ މީހެކޭ، އޮޅުވާލާ މީހެކޭ،" އާނަ ބުންޏެވެ.

އެންމެ ފަހުން މަސައްކަތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ މީހުންނަށް ވެސް އޭނާ ދެއްކީ އެ މޫނެވެ. ފްލޯ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރިއިރު ދެއްކީ އުފާވެރިކަމުގެ މޫނެވެ. އުމުރުން ދުވަސްވީ މީހެއް، ކުޑަކުއްޖެއް، ވެރިއެއް ތަފާތެއް ނުކުރެ އެވެ.

"އެ ކަން ވެސް ވަރަށް ގިނަ މީހުން ބަލައިގަތް. ވަރަށް ފަހުން ދިމާވި މީހަކު ވެސް ބުނީ އެހެން ފްލޯ މެނޭޖަރުން އެހެންނެއް ނޫޅޭއޭ. ނުފެނެއޭ އާނަ އުޅޭ ގޮތަކަށް" އާނަ ބުންޏެވެ.

އާނަ އަށް އަބަދުމެ ލިބޭ ހިތްހަމަޖެހުމަކީ އެންމެންނާ އެކު އޮންނަ ގުޅުން އަބަދުވެސް އެ ގޮތުގައި އޮންނަ ކަމެވެ. އެހެންވެ، އެހެން ކެންޑިޑޭޓުންނަކީ ގޮންޖެހުމެއް ކަމަށް ވެސް ނުބަލަ އެވެ. މީހުންގެ މީހެއްގެ ގޮތުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމުންނެވެ.