Roadha Mihaaru
ނެޓްފްލިކްސް އަށް ދެ މިލިއަން ކަސްޓަމަރުން ގެއްލެނީ

ނެޓްފްލިކްސް އަށް ދެ މިލިއަން ކަސްޓަމަރުން ގެއްލެނީ

20 އެޕްރީލް 2022

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ސަބްސްކްރައިބާސް ނުވަތަ ކަސްޓަމަރުން ގެއްލޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފި އެވެ.

ނެޓްފްލިކްސް އިން އެ ކުންފުނީގެ ހިއްސާދާރުންނަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ މި އަހަރު ފުރަތަމަ ކުއާޓާގައި އެކަނި ވެސް 200،000 ސަބްސްކްރައިބާސް ގެއްލިފައިވާ ކަމަށެވެ.

"އަހަރެމެންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ،" އެ ސިޓީގައި ބުންޏެވެ.

"ކޮވިޑްއާ ގުޅިގެން 2020 ގައި އާމްދަނީ އިތުރުވެފައި، މިދިޔަ އަހަރު އާމްދަނީ ދަށްވުމުން، ބޮޑަށް ބެލެވެނީ އަހަރެމެންގެ އާމްދަނީ އިތުރުވީ ކޮވިޑްގެ ސަބަބުން ކަމަށް."

މިދިޔަ ޖެނުއަރީ މަހު ނެޓްފްލިކްސް އިން ބުނި ގޮތުގައި، 2021 ވަނަ އަހަރު ނިމުނުއިރު އެމީހުންގެ 221.84 މިލިއަން ސަބްސްކްރައިބާސް ތިއްބެވެ. އެކަމަކު، "ބްރިޖަޓަން" ގެ ދެ ވަނަ ސީޒަނާއި "ދަ އެޑަމް ޕްރޮޖެކްޓް" ކަހަލަ ވަރުގަދަ ކޮންޓެންޓުތަކެއް ގެނެސްދިން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެމީހުންގެ ޖުމްލަ ސަބްސްކްރައިބާސްގެ އަދަދު 221.64 މިލިއަނަށް ވަނީ ދަށްވެފަ އެވެ.

އެ މައުލޫމާތު އާންމުވުމާ އެކު އިއްޔެ ނެޓްފްލިކްސްގެ ހިއްސާގެ އަގު ވެސް ވަނީ 348.42 ޑޮލަރަށް ވެއްޓިފަ އެވެ. އެއީ 22 ޕަސެންޓްގެ ދަށްވުމެކެވެ.