Roadha Mihaaru
ހިޔާ ފްލެޓްގެ ކުނި އުކައިދޭ އަގާ މެދު ވެސް ޝަކުވާ

ހިޔާ ފްލެޓްގެ ކުނި އުކައިދޭ އަގާ މެދު ވެސް ޝަކުވާ

20 އެޕްރީލް 2022

ހިޔާ ފްލެޓްތަކުގެ ކުނި އުކަން އަންނަ މަހުން ފެށިގެން ފީ ނަގަން ފަށާއިރު ވެމްކޯ އިން ނަގާ ފީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ ކުނި އުކަން އަންނަ މަހުން ފެށިގެން ފީ ނަގަން ފަށާއިރު ވެމްކޯ އިން ނަގާ ފީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ހިޔާގެ 25 ބުރީގެ ޓަވަަރުތަކުން ކުނި ނަގަން ވެމްކޯ އިން ނިންމާފައި ވަނީ އެ ސަރަހައްދުގައި އެ ކުންފުނިން ބަހައްޓާފައިވާ ޑަސްބިންތަކާ ހަމައަށް ކުނި ކޮތަޅު ނެރުމުން އެ ހިސާބުން ކުނި ގެންދާ ގޮތަށެވެ. އެކަމަށް ކޮންމެ ފްލެޓަކުން 150ރ. ދައްކަން ޖެހެ އެވެ.

އެކަމަކު ވެމްކޯ އިން މާލޭގައި ކޮންމެ އެޕާޓްމަންޓަކުން ވަކި ވަކިން ކުނި ނަގަން އަރާ ނަމަ، 150ރ. އަދި އިމާރާތުގެ ބޭރަށް ކުނި ނެރެފައި ބަހައްޓާ ނަމަ ނަގަނީ 100ރ. އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކުނި ނަގަން ފްލެޓަށް ނާރާ ނަމަ، 150ރ. އަކީ ބޮޑު އަގެއް ކަަމަށެވެ. އަދި އެ މީހުން ވެމްކޯގައި ރަޖިސްޓްރީ ވަނީ އެޕާޓްމަންޓުން ކުނި ނަގަން ކަމަށާއި އެޕާޓްމަންޓާ ހަމައަށް ކުނި ނަގަން ނާރާ ނަމަ އެ އަގު ނުދައްކާނެ ކަމަށެވެ.

"އެޕްލިކޭޝަން ލީ އެޕާޓްމަންޓުން ކުނި ކަލެކްޓްކުރުމަށް. އެކަން އެގޮތަށް ވެމްކޯއިން ނުކުރަންޏާ އަޅުގަނޑަށް ބިލްކޮށްގެން ނުވާނެ. ލާރި ބޭނުމިއްޔާ ފުރަތަމަ ހިދުމަތްދީ. 1،000 ފޫޓު ދުރުގައި ހުންނަ ޑަސްބިނަށް ކުނި އަޅާފައި އަދި ވެމްކޯއަށް 150ރ. ނުދެއްކޭނެ،" އަންނަ މަހުން ފެށިގެން ވެމްކޯ އިން ފީ ނަގަން ނިންމި ޚަބަރަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

އަނެއް ކަންބޮޑުވުމަކީ މާލެއިން ނަގާ އަގާއި ހިޔާ ފްލެޓްތަކުން ނަގާ އަގު ތަފާތުވުމެވެ. ހިޔާ ފްލެޓްތަކުގެ ބޭރަށް ކުނި ނެރެގެން، މާލޭގެ އެޕާޓްމަންޓްތަކުގެ މައްޗަށް އަރައިގެން ކުނި ނަގާ އަގާ އެއްވަރެވެެ.

"މާލޭ މީހުންގެ ގޭދޮށަށް ކުނި ނަގަންދެވޭ. އަހަރެމެން މި ޖެހެނީ ޑަސްބިނާ ހަމައަށް ގެންގޮސްފައި 150ރ. ދައްކަން. މިއީ އެ ބުނާ ހަމަހަމަ ކަމަކީ."

އެނގިފައިވާ ގޮތުގައި ވެމްކޯ އިން ނިންމާފައި ވަނީ ހިޔާގެ ކޮންމެ ޓަވަރެއްގެ ތިރީގައި ކުނި ނެގުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމަށެވެ.

ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަަދު އާޒިމް، "މިހާރު" އަށް ވިދާޅުވީ ހިޔާ ސަރަހައްދުން ކުނި ނެގުމުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު މާދަމާ އާންމުކުރާނެ ކަމަށެވެ.

މިދިޔަ މާޗު މަހުގެ ނިޔަލަށް ވެމްކޯގައި 25،700 ގޭބިސީއަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ހިޔާ ފްލެޓްތަކުން މިހާރު ކުނި އުކައިދެނީ، ފްލެޓްތަކުގެ ތިރީގައި ބަހައްޓާފައި ހުންނަ ވެމްކޯގެ ޑަސްބިންތަކަށް ކުނި އެޅުމުން ހިލޭ އެވެ.

މި ރޯދަ މަހު ހިޔާ ފްލެޓްތައް ކައިރި ވަނީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. ވެމްކޯ އިން ޑަސްބިން ބައްޓާފައި ހުއްޓަސް، ކުނިވާ ޒާތުގެ ކުނިތައް އުކާލުމުގައި ހަމައެއްލަމެއް ނޯވެ އެވެ. އެކި ތަންތަނަށް ކުނި އަޅައި ފުނި ޖެހުމުން ދޭތެރެއަކުން އެޗްޑީސީން ވެސް އެތަން ސާފުކުރެ އެވެ. މި ރޯދަ މަހު އެކަނި ވެސް އެޗްޑީސީން ވަނީ އެ ސަރަހައްދުން 150 އެއްހާ ޓަނުގެ ކުނި ނަގައިފަ އެވެ.

ހިޔާ ފްލެޓްތަކާ ގުޅޭ ޝަކުވާ ގިނަ އެވެ. އެންމެ ބޮޑީ ކުލި ބޮޑުކަމުގެ ޝަކުވާ އެވެ. ކުލި ކުޑަކޮށްދިނުމަށް އެދި ޕެޓިޝަން ހަދަމުން އަޔަސް އެޗްޑީސީން ވަނީ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.