Roadha Mihaaru
މަސްއޫދަށް ހަމަލަދިންކަން ސާބިތެއް ނުވި

މަސްއޫދަށް ހަމަލަދިންކަން ސާބިތެއް ނުވި

22 އެޕްރީލް 2022

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް އަދި ހެއްކެއްގެ ގޮތުގައި 10 ވަރަކަށް މިނިޓްގެ އެ ވީޑިއޯ ތަހުގީގަށް ހުށަހެޅިޔަސް ހަމަލަދިން ކަމަށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް އަދި ހެއްކެއްގެ ގޮތުގައި 10 ވަރަކަށް މިނިޓްގެ އެ ވީޑިއޯ ތަހުގީގަށް ހުށަހެޅިޔަސް ހަމަލަދިން ކަމަށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މަސްއޫދު ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ހަމަލަދިނީ އަނބިކަނބަލުންނާއެކު ފޮނަދޫގެ ބޯޅަދަނޑު ކައިރިން ސައިކަލެއްގައި މިދިޔަ އަހަރުގެ އޮގަސްޓް ތިނަވަނަ ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ވަޑައިގަންނަވަނިކޮށެވެ.

"އަހަރެންގެ ސައިކަލާ އަރާ ހަމަކޮށްފައި އޭނާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރިތަނާ ދިފާއުވާން އަތް ނެގީމާ އަހަރެންގެ އަތުގައި ޖެހުނީ،" މަސްއޫދު އޭރު ވިދާޅުވެފައި ވެ އެވެ.

އޭނާގެ އަތަށް ލިބުނު ޒަހަމްތަކަށް އޭނާ ފަރުވާ ވެސް ހޯދި އެވެ.

މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑީއޯ އޭރުގައި ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، ހަމަލަދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން އަޑުގަދަ ކުރައްވާ އަޑު ވެސް އިވެ އެވެ. އަދި ހަމަލަދޭ މީހާ ވެސް އެ ވީޑިއޯ އިން އެނގޭ ވަރުވެ އެވެ.

ނަމަވެސް ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އިއްވެވި ހުކުމުގައި ބުނީ، މަސްއޫދަށް ތޫނު އެއްޗެހިން ހަމަލަދިން މައްސަލައިގެ ދައުވާ ރައްދުވާ ފޮނަދޫ، ދިލްކުސާގޭ އަހުމަދު ޝަމީމް އެ ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށާއި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.

މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް

މަސްއޫދަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް

ދައުވާ ސާބިތު ކުރުމަށް 11 ހެއްކަކު ދައުލަތުން ހުށަހެޅިއިރު އޭގެ ތެރޭގައި ބައެއް ފުލުހުންނާއި ޑޮކްޓަރަކު ހިމެނެ އެވެ. ފުލުހުންގެ ނަންތައް ހުށަހެޅީ މަސްއޫދުގެ ގައިގައި ޖަހަން ޝަމީމް ހޫރާލި ދަގަނޑުބުރިން މަސްއޫދުގެ އަތުގައި ޖެހުމުން ޒަހަމްވިކަން ސާބިތު ކޮށްދިނުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކުރި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް" އަކީ ސައްހަ އެއްޗެއްކަން ސާބިތު ކުރުމަށް ވެސް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ދައުލަތުން ހުށަހެޅި އެވެ.

ހަމަލަދިން ވަގުތު މަސްއޫދުގެ ސައިކަލްގެ ފަހަތުގައި އިންނެވި އަނބިކަނބަލުން ނެންގެވި ވީޑިއޯ ތަހުލީލުކޮށްފައިވާއިރު، މަސްއޫދަށް ޝަމީމް ހަމަލަދޭ މަންޒަރާއި އެ އަށް ފަހު ޝަމީމް ފިލައިގެން ދާ މަންޒަރު ފުޓޭޖުން ފެންނާތީ ފުލުހުން ތައްޔާރުކުރި މޮބައިލް ފޮރެންސިކް ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރަން ވެސް ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ނަން ޝަރީއަތަށް ހުށަހެޅި އެވެ.

ފޮނަދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް: އޭނާގެ ހުކުމް އައީ މަސްއޫދަށް ދިން ހަމަލާގެ މައްސަލަ ސާބިތުނުވާ ކަމަށް.

ފޮނަދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް: އޭނާގެ ހުކުމް އައީ މަސްއޫދަށް ދިން ހަމަލާގެ މައްސަލަ ސާބިތުނުވާ ކަމަށް.

ވީޑިއޯ އެނަލައިޒް ކުރި ފުލުސް މީހާ ބުނެފައި ވަނީ އެ ވީޑިއޯގައި ތުހުމަތު ކުރެވޭ މީހާ އާއި ސާމްޕަލް ފޮޓޯ އަޅާކިޔާއިރު އެއްގޮތް ހަތަރު ސިފައެއް ފާހަގަ ކުރެވުނު ކަމަށެވެ.

ނަމަވެސް އިސް މެޖިސްޓްރޭޓް ފާހަގަކުރައްވާފައިވާ ގޮތުން ނަމަ އެ ވީޑިއޯ ނަގާފައިވާ ފޯނު ފުލުހުން ހުޅުވާފައި ވަނީ ކޯޓް އަމުރަކާ ނުލަ އެވެ. ނުވަތަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ހ) (ށ) އާ ހިލާފަށް ކަމަށް ވާތީ އެ ހެކި ޝަރީއަތަށް ބަލައެއް ނުގަނެ އެވެ.

ދައުވާ ރައްދުވާ ފަރާތުން ހުށަހެޅި ހެކިން މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ މަސްއޫދަށް ހަމަލަދިން ކަމަށް ބުނާ ރޭގައި އެ ވަގުތު ޝަމީމް އުޅުނީ ގޭގައި ބެޑްރޫމް ސެޓެއް ރޭވުމުގެ ކަންތައްތަކުގައި ކަމަށާއި ގެ އިން ބޭރަށް އޭނާ ނުދާ ކަމަށެވެ. އަދި މަސްއޫދަށް ބަޔަކު ހަމަލަދިން ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރުނު އިރު ވެސް ޝަމީމް ހުރީ ގޭގައި ކަމަށް ދިފާއީ ހެކިން ބުނެފައި ވެ އެވެ.

ފޮނަދޫގައި ވިޔަފާރި ކުރައްވަމުން ގެންދަވާ މަސްއޫދުގެ ކާރުގައި ވެސް 2020 ވަނަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައި ވެ އެވެ. އެ މައްސަލައިގެ ތުހުމަތު ވެސް މަސްއޫދު ކުރަނީ ހަމަލަދިން ޝަމީމަށް ކަމަށް ވާއިރު، ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ވެ އެވެ.