Roadha Mihaaru
މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލި މީހާ ދޫކޮށްލައިފި

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލި މީހާ ދޫކޮށްލައިފި

11 އޯގަސްޓް 2021

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ފޮނަދޫ ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ފޮނަދޫ ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ލ. ފޮނަދޫގައި އާއިލާއާއެކު ދިރިއުޅުއްވާ މަސްއޫދަށް ހަމަލަދިނީ އަނބިކަނބަލުންނާއެކު ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ވަޑައިގަންނަވަނިކޮށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ.

ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އޭނާގެ ކާރު ރޯކޮށްލިކަމުގެ ތުހުމަތު ވެސް ކުރެވޭ މީހާ އެވެ. އެ މީހާ މަސްއޫދަށް ހަމަލަދިން އިރު، ކާރުގައި ރޯކޮށްލި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމެ އެވެ.

މަސްއޫދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ސައިކަލާ އަރާ ހަމަކޮށްފައި އެ މީހާގެ އަތުގައި އޮތް ދަގަނޑުބުރިއަކުން ބޮލުގައި ޖަހަން ދިމާކުރި ނަމަވެސް އޭނާ ދިފާއުވާން އަތް ނެގުމުން ދަގަނޑު ގަނޑު ޖެހުނީ އަތުގަ އެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު އެ ރޭ ދަންވަރު 2:30 ހާއިރު ފުލުހުން ހައްޔަރުކުރި އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ހަތް ދުވަސް ފޮނަދޫ ކޯޓުން ދިން ނަމަވެސް މުއްދަތު ހަމަވާތީ މިއަދު އެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަސްއޫދު ވިދާޅުވި ގޮތުގައި އެ މީހާ ވަނީ އޭނާ އާއި އަނބިކަނބަލުންނަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޒާރު ދީފަ އެވެ. އެހެންވެ ރަށުގައި އުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މަސްއޫދު ވިދާޅުވެ އެވެ.

މަސްއޫދު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ދެ ފަހަރަށް އޭނާ އަށް އިންޒާރު ދީފައިވާއިރު، ފޮނަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނިމުނީ ސާބިތު ނުވެގެންނެވެ.