Roadha Mihaaru
ފަހު ވަގުތު ވެސްޓް ހޭމް ބަލިކޮށް ޗެލްސީ ހިންދެމިލައިފި

ފަހު މިނިޓުގައި ވެސްޓް ހޭމް ބަލިކޮށް ޗެލްސީ ހިންދެމިލައިފި

24 އެޕްރީލް 2022

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ހިތްހަމަޖެހުން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ހިތްހަމަޖެހުން ހޯދައިފި އެވެ.

ޗެލްސީ މި މެޗަށް ނުކުތުމުގެ ކުރިން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. އަދި ވެސްޓް ހޭމް ވެސް މިރޭގެ ކުރިން ލީގުގައި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައި ނުވާއިރު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

މި ހަފްތާގައި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ކުޅޭ ވެސްޓް ހޭމް އިން ކުޅެން ނުކުތީ މުހިއްމު ކުޅުންތެރިންނަށް އަރާމު ދޭން، ގިނަ ބަދަލުތަކަކާ އެކު އެވެ. ޑެކްލަން ރައިސް އާއި ޖަރޯޑް ބޯވެން އަދި މެނުއެލް ލަންޒިނީ އާއި ނިކޯލާ ވްލާސިޗް އަދި މިޝޭލް އެންޓޯނިއޯ ބެންޗުގައި އިންއިރު، އަނިޔާގެ ސަބަބުން އީސާ ޑިއޫޕް އާއި ކާޓް ޒޫމާ ޓީމަށް ނުނަގަ އެވެ.

ކަންޓޭ ފުރަތަމަ ހާފުގައި ދުރުން ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ކަންޓޭ ފުރަތަމަ ހާފުގައި ދުރުން ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެފިފައެއް ނުވެ އެވެ. ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި ޑިފެންޑަރު ޓްރެވޯ ޗަލޮބާ އަށް ހެދުނު ގޯހަކުން ވެސްޓް ހޭމް އަށް ވެސް ލިބުނު ފުރުސަތުތައް ކާމިޔާބެއް ނުވި އެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީން ތިން ހަމަލާއެއް ވެސްޓް ހޭމްގެ ގޯލަށް ފޮނުވާލި އެވެ. އެކަމަކު ޓިމޯ ވާނާ ފޮނުވާލި ތިން ހަމަލާ ވެސް ގޯލްކީޕަރާ ހަމައަށް ދިޔުމުގެ ކުރިން ދިފާއު ކުރީ ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން އެވެ. އެއަށް ފަހު ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލުމުން ދިފާއުކުރީ ތިއާގޯ ސިލްވާ އާއި ޗަލޮބާ ދެ ކުޅުންތެރިން ވެގެންނެވެ.

ޗެލްސީން މެޗުގައި ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ 67 ވަނަ މިނިޓުގަ އެވެ. ކަންޓޭ ފޮނުވާލި އެ ހަމަލާ ވެސްޓް ހޭމްގެ ޑިފެންޑަރު ބެން ޖޯންސަން ފައިގައި ޖެހުމުގެ ސަބަބުން ކީޕަރު ލޫކަސް ފަބިއަންސްކީ އަށް ބޯޅަ ހޯދަން މާ އުނދަގުލެއް ނުވި އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ފަބިއަންސްކީ ވަނީ ޗަލޮބާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނާ ދިމާލުން ދިފާއު ކޮށްފަ އެވެ.

ލުކާކޫ ހުސްކޮށް ކުރިއަށް އަރަނިކޮށް ޑޯސަން އޭރިއާ ތެރެއިން އޭނާ ގައިގައި ހިފެހެއްޓުމުން ވެއްޓެނީ: އެ ފައުލަށް ޗެލްސީ އަށް ވަނީ މެޗުގައި ޕެނަލްޓީއެއް ވެސް ލިބިފައި.-- ފޮޓޯ: އޭއެފްޕީ

ލުކާކޫ ހުސްކޮށް ކުރިއަށް އަރަނިކޮށް ޑޯސަން އޭރިއާ ތެރެއިން އޭނާ ގައިގައި ހިފެހެއްޓުމުން ވެއްޓެނީ: އެ ފައުލަށް ޗެލްސީ އަށް ވަނީ މެޗުގައި ޕެނަލްޓީއެއް ވެސް ލިބިފައި.-- ފޮޓޯ: އޭއެފްޕީ

މެޗު ނިމެން 20 މިނިޓަށްވެފައި ވަނިކޮށް ވެސްޓް ހޭމްގެ އަންޑްރީ ޔަރްމޮލެންކޯ އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ހަނި އޭންގަލުން އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ދިފާއު ކުރިއިރު، ރީބައުންސްވެފައި އައި ބޯޅަ ފޮނުވާލުމުން ވެސް މެންޑީ ދިފާއުކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް ޑޯސަން ފައިގައި ޖެހިފައި ބްލޮކްވި އެވެ. އެ ބޯޅަ ވާނާ އަށް ލިބުމުން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ޑޯސަން އޭނާއަށް ޖާގަ ނުދިނުމުން ގޯލާ އަމާޒުކޮށް ފޮނުވައެއް ނުލެވުނެވެ. އޭގެ މިނިޓެއް ފަހުން މާކޮސް އޮލޮންސޯ ނެގި ބޯޅައެއް ހޯދައި ހުސްކޮށް ހުރެ ވާނާ ފޮނުވާލުމުން ބޯޅަ ދިފާއުކުރީ ކީޕަރު ފަބިއަންސްކީ އެވެ.

މެޗު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް، ވެސްޓް ހޭމްގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ޑޯސަން، ޗެލްސީގެ ރޮމެލޫ ލުކާކޫ އަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ޖޯޖީނިއޯ މަޑުމަޑުން ފޮނުވާލި ބޯޅަ ކީޕަރު ފަބިއަންސްކީ ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.

ޑޯސަންގެ ފައުލަށް މެޗުގެ ރެފްރީ މައިކަލް އޮލިވާ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ފަހުން ވީއޭއާރު ބެލުމަށް ފަހު އެ ނިންމުން ބަދަލުކޮށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ޖޯޖީނިއޯ މެޗުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޖޯޖީނިއޯ މެޗުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ މޮޅު ކޮށްދިން ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި ޖަހައިދިނީ ވާނާގެ ބަަދަލުގައި ކުޅެން އެރި ކްރިސްޓިއަން ޕުލިސިޗެވެ. ޕުލިސިޗް މި ލަނޑު ޖެހީ އޮލޮންސޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ހަތަރު ވަނައިގައި އޮތް އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ތިންވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. މެޗުން ބަލިވި ވެސްޓް ހޭމް އޮތީ 33 މެޗުން ލިބުނު 52 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. އެ ޓީމުގެ ކުރީގައި، ލީގުގެ ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިހާތަނަށް ކުޅުނު 34 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.