Roadha Mihaaru
ވީއޭއާރުގެ ނިންމުމާއެކު ޗެލްސީ ފަހުވަގުތު ސަލާމަތްވެއްޖެ

ވީއޭއާރުގެ ނިންމުމާ އެކު ޗެލްސީ ފަހުވަގުތު ސަލާމަތް ވެއްޖެ

11 ފެބުރުއަރީ 2023

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޔާއޯ ފެލިކްސްގެ ގޯލަކާ އެކު ޗެލްސީ އިން ލީޑު ނެގި އެވެ. ނަމަވެސް ވެސްޓްހޭމުން ހާފު ނިންމާލީ ޗެލްސީ އިން އެޓީމަށް ގެނައި އިޓަލީގެ ވިންގް ބެކް އެމަސަން ޕަލްމިއޭރީ ޖަހައިދިން ގޯލުން ނަތީޖާ އެއްވަރު ކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ތޯމަސް ސޫޗެކް ގޯލެއް ޖެހި އެވެ. އެ ގޯލު ބަލައިގަންނަން ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ރިވިއު ބަލަން ގިނަ ވގުތުތަކެއް ހޭދަކުރުމަށް ފަހު ނިންމީ ސޫޗެކް ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. ސޫޗެކް ކުޅެން އެރީ ފުރަތަމަ ހާފުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އަށް އަނިޔާ ވުމުންނެވެ.

އެންޒޯ (މ)، ރެފްރީ ކައިރީ ޕެނަލްޓީއަކަށް އެޕީލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެންޒޯ (މ)، ރެފްރީ ކައިރީ ޕެނަލްޓީއަކަށް އެޕީލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު އެންމެ ފަހުން ޗެލްސީ ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރު ވެފަ އެވެ. ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަންނަން ޖެނުއަރީ މަހު ޗެލްސީން ވަނީ 323 މިލިއަން ޕައުންޑް (389.67 މިިލިއަން ޑޮލަރު) ހޭދަ ކޮށްފަ އެވެ. ނަމަވެސް ޓްރާންސްފާ ބާޒާރު ނިމުނު ފަހުން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޗެލްސީ މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. ލީގު ތާވަލް ގައި ޗެލްސީ އޮތީ 22 މެޗުން 31 ޕޮއިންޓް ހޯދައިގެން ނުވަވަނައިގަ އެވެ. ވިހި ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ 15 ވަނައިގަ އެވެ.

ފުރަތަމަ ހާފުގައި ފީލިކްސް ޗެލްސީ އަށް ލީޑު ނަގައިދިނީ 16 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުންނެވެ. މިއީ އޭނާ ޗެލްސީ އަށް ބަދަލުވެ ޖަހައިދިން ފުރަތަމަ ގޯލެވެ. މިދިޔަ މަހު ފުލަމް އާ ދެކޮޅަށް އެނާގެ ފުރަތަމަ މެޗުގައި ދެއްކި ރަތް ކާޑާ އެކު އޭނާ މި މެޗަށް ނުކުތީ ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު އެވެ.

ލީޑު ނެގުމުގެ ކުރިން ފީލިކްސް ގޯލެއް ޖެހި ނަމަވެސް އޮފްސައިޑް ވެގެން ގޯލު ބަލައެއް ނުގަނެ އެވެ. ލީޑު ނެގި ފަހުން ކައި ހަވާޓްޒް އިދިކޮޅު ކީޕަރު ލޫކަސް ފަބިއަންސްކީ ކައިރިން ނަައްޓާފައި ގޯލެއް ޖެހި އެވެ. އެކަމަކު އެ ފަހަރުވެސް ގޯލު ބަލައި ނުގަތީ އޮފްސައިޑް ވެގެންނެވެ.

އެމަސަން ވެސްޓް ހޭމަށް އެއްވަރު ކޮށްދިނީ 28 ވަނަ މިނިޓުގައި ޖަރޯޑް ބޯވެން ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަން ގައި ޗެލްސީ ދޫކޮށް ވެސްޓް ހޭމްގެ ޖޯޒީގައި އެމަސަން ކާލީގުގައި ކާޔާބު ކުރި ފުރަތަމަ ލަނޑެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގަ އެވެ.

މެޗުގެ ފަހު ވަގުތު ޗެލްސީގެ ކޮނޯ ގަލަގާ ފޮނުވާލި ހަމަލާއެއް އޭރިއާ ތެރެއިން ސޫޗެކްގެ އަތުގައި ޖެހުނު ކަމަށް އެޕީލް ކުރި ނަމަވެސް ރެފްރީ ކްރެއިގް ޕޯސަން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.