Roadha Mihaaru
ރާއްޖޭގައި މުބާރާތް ބާއްވާތީ ހާއްސަ އަޒުމެއް އެބައޮތް

ރާއްޖޭގައި މުބާރާތް ބާއްވާތީ ހާއްސަ އަޒުމެއް އެބައޮތް: ރަފާ

24 އެޕްރީލް 2022

ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާތީ މުބާރާތުގައި ކާމިޔާބު ހޯދަން ހާއްސަ އަޒުމެއް އެބައޮތްކަމަށް، ޓީޓީގެ ތަރި އައިޝަތު ރަފާ ނާޒިމް މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާތީ މުބާރާތުގައި ކާމިޔާބު ހޯދަން ހާއްސަ އަޒުމެއް އެބައޮތްކަމަށް، ޓީޓީގެ ތަރި އައިޝަތު ރަފާ ނާޒިމް މިއަދު ބުނެފި އެވެ.

އަންނަ މަހު 9-12 އަށް ރާއްޖޭގައި ބާއްވާ، މުބާރާތަށް ގައުމީ ޓީމު ވަމުންދާ ތައްޔާރީތަކާއި ރާއްޖެއިން މުބާރާތް އިންތިޒާމު ކުރުމަށް ކުރަމުންދާ މަސައްކަތް މީޑިއާއާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ރަފާ ބުނީ، ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް މުބާރާތަކީ ރާއްޖެއިން އަބަދު ވެސް މެޑަލް ހޯދުމަށް ޓާގެޓްކޮށްގެން ތައްޔާރުވާ މުބާރާތެއް ކަމަށެވެ.

މުބާރާތް ރާއްޖޭގައި ބާއްވާތީ ދިވެހި ސަޕޯޓަރުންގެ އެހީ ޓީމަށް މުހިންމުކަން، ދެކުނު އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕުން 2016 ގައި ރިހި މެޑަލް ހޯދި ޓީމުގައި ހިމެނުނު ރަފާ ފާހަގަ ކުރި އެވެ.

"ރާއްޖޭގައި މިމުބާރާތް އޮންނާތީ ރަފާ އުންމީދު ކުރަނީ ޓީޓީ އަށް ލޯބިކުރާ އެންމެންނާ ޓީޓީ އަށް ޝައުގުވެރިކަން ހުރި އެންމެން ހަމަ ޓައިމްކޮޅެއް ސެކްރިފައިޒް ކޮށްލައިގެން ރަފާ މެންނަށް ސަޕޯޓްކޮށްދޭން އަންނާނެ ކަމަށް،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ރަފާ ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީޓީއޭއެމުން ވަނީ ކޮރޮއޭޝިއާގެ ދެ ކުޅުންތެރިންނާއި އެގައުމުގެ ކޯޗެއް ރާއްޖެ ގެނެސްފަ އެވެ. ރަފާ ބުނީ މުބާރާތަށް ތައްޔާރުވާއިރު މީގެ ކުރިން މެޗުތައް ކުޅެލަން ފުރުސަތު ނުލިބޭ ކަމަށެވެ. ނަމަވެސް ކްރޮއޭޝިއާ އިން ގެނައި ކުޅުންތެރިންނާއެކު މެޗުތައް ކުޅުމުން ވަރަށް ބޮޑު ތަޖުރިބާއެއް ލިބިގެންދާ ކަމަށް ރަފާ ބުންޏެވެ.

ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި އަންހެން ޓީމުގައި ހިމެނުނު ރަފާ ބުނި ގޮތުގައި މުބާރާތުގައި ވާދަކުރާ އިންޑިއާ އަކީ އެންމެ ވަރުގަދަ ޓީމެވެ. އެކަމަކު ރާއްޖެ އަށް މުބާރާތުގައި ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ވަރުގަދަ ޓީމުތަކެއް އެއަންނަނީ މުބާރާތަށް އެކަމަކު ވެސް ވަރަށް ސްޕެސިފިކް ގޯލްތަކާއެއްކޮށް ރަފާ މެން ޕްރެކްޓިސް ކުރަމުން މިދަނީ، އެޓްލީސްޓް ސިލްވާ މެޑަލްއެއް ހޯދަން އުންމީދު މިކުރަނީ،" އޭނާ ބުންޏެވެ.

ރަފާ ވާދަ ކުރާނީ މުބާރާޓުގެ ޖޫނިއާ ކެޓަގަރީގަ އެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ބޫޓާން ފިޔަވައި އަނެއް ހަ ގައުމުން މުބާރާތުގައި ވާދަކުރާނެ އެވެ.