Roadha Mihaaru
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް

އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް

25 އެޕްރީލް 2022

އިޒްރޭލް ސިފައިން ރޭ ދަންވަރު ލުބްނާންގެ ދެކުނު ސަރަހައްދަށް ބޮޑުބަޑިން ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލް ސިފައިން ރޭ ދަންވަރު ލުބްނާންގެ ދެކުނު ސަރަހައްދަށް ބޮޑުބަޑިން ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިޒްރޭލުން ރައްދުގައި ހަމަލާތަކެއް ދޭން ޖެހުނީ، ލުބްނާނުގެ ދެކުނު ސަރަހައްދުގެ ތެރެއިން، އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. ނަމަވެސް ލުބްނާނުގެ ތެރެއިން ފޮނުވާލި ރޮކެޓްތައް ވެއްޓުނީ މީހުން ވަޒަންވެރިނުވާ ހުސް ބިންތަކަކަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.

އިޒްރޭލުން ރޭ ދަންވަރު ދިން ބޮޑުބަޑީގެ ބައެއް ހަމަލާތައް އަމާޒުކުރީ، ލުބްނާންގެ ދެކުނު ސަރަހައްދުގައި އޮންނަ ހުސް ބިންތަކަކަށެވެ. އަދި ބައެއް ހަމަލާތައް، ލުބްނާންގެ ދެކުނު ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކަށް ވެސް އަމާޒުކުރި ކަމަށް އިޒްރޭލުން ބުނެ އެވެ.

ލުބްނާންގެ ނޫސްތަކުން ބުނާ ގޮތުގައި އިޒްރޭލުން ބޮޑުބަޑީގެ ހަމަލާތައް ދޭން ފެށުމާ އެކު، އެ ގައުމުގައި ތިބޭ އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރު (ޔުނިފިލް)ގެ ސިފައިން ވަނީ، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގެ ގިނަ ސަރަހައްދުތަކެއްގައި އިންޒާރުގެ ބަރުގޮޅު އަޅައިފަ އެވެ. އަދި ލުބްނާން ސަރުކާރުން ވަނީ އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވައިފަ އެވެ.

ދެ ފަރާތުން ބަދަލުކުރި މި ހަމަލާތަކުގައި އެއްވެސް ފަރާތަކުން ފުރާނައަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ލުބްނާންގެ ތެރެއިން އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދިނީ، ހަނގުރާމަވެރި ކޮން ޖަމާއަތަކުން ކަމެއް ވެސް މިހާތަނަށް ޔަގީނެއް ނުވެ އެވެ. އަދި ލުބްނާންގައި ހަރަކާތްތެރިވާ އިޒްރޭލާ ދެކޮޅުވެރި އެއްވެސް ޖަމާއަތަކުން، މިހާތަނަށް މި ހަމަލާގެ ޒިންމާއެއް ނުއުފުލަ އެވެ.

ލުބްނާންގެ ތެރެއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް މި ދިނީ، އިޒްރޭލު ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށް އަގްސާ މިސްކިތަށް ވަދެގަނެ، އެ ތަނުގައި އަޅުކަމުގައި ތިބި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ހަމަލާދީ އެތައް ބަޔަކު ޒަޚަމްކޮށްލައި، އެތައް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ކަމާ ގުޅިގެން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވެސް މިހާރު ވަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅު ހަރަކާތްތައް އިތުރުވެފަ އެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ޔަހޫދީ ސިފައިން، މުސްލިމުންގެ ތިން ވަނަ ހަރަމްފުޅަށް ގަދަކަމުން ވަދެގަނެ އަޅުކަމުގައި ތިބި މުސްލިމުންނަށް ހުރަސް އެޅުމާ ގުޅިގެން، ފަލަސްތީނުގެ ބިންތަކުގައި މިހާރު ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްތީނުގެ 16 މީހަކު ޝަހީދުވެ އިޒްރޭލުގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.