Roadha Mihaaru
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި

ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި

18 އެޕްރީލް 2022

ފަލަސްތީނުގެ އެންމެހައި ރައްޔިތުން، އަލް ގުދުސް ނުވަތަ ބައިތުލް މަގްދިސްގައި ހުންނަ އަލް މަސްޖިދުލް އަގްސާ އަށް ޖަމާވެ، މުސްލިމުންގެ ތިން ވަނަ ހަރަމްފުޅުގައި، އިޒްރޭލު ސިފައިންނާއި ފުލުހުން ހިންގާ އުދުވާނީ އަމަލުތައް ހުއްޓުވުމަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ އެންމެހައި ރައްޔިތުން، އަލް ގުދުސް ނުވަތަ ބައިތުލް މަގްދިސްގައި ހުންނަ އަލް މަސްޖިދުލް އަގްސާ އަށް ޖަމާވެ، މުސްލިމުންގެ ތިން ވަނަ ހަރަމްފުޅުގައި، އިޒްރޭލު ސިފައިންނާއި ފުލުހުން ހިންގާ އުދުވާނީ އަމަލުތައް ހުއްޓުވުމަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުގެ ސަލާމަތީ ބާރުތައް މަސްޖިދުލް އަގްސާ އަށް ވަދެ ހިންގަމުން ދަނީ ވަރަށް އުދުވާނީ އަމަލުތަކެއް ކަމަށާއި އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. މިދިޔަ ހުކުރު ދުވަހު އިޒްރޭލް ސިފައިން ވަނީ އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފަ އެވެ.

އިޒްރޭލުގެ ސިފައިންނާއި ފުލުހުން އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ވެސް މިހާރު އަންނަނީ، އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ތިބެގެން، ފަލަސްތީނު މީހުންނަށް ހަމަލާ ދެމުންނެވެ. އިއްޔެ ވެސް ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ފުލުހުން އަގްސާ މިސްކިތަށް ވަދެ، އެ މިސްކިތުގައި އަޅުކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ގެއްލުންދީ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

"އެކަން ހުއްޓުވުމަށްޓަކައި ކޮންމެ އަގެއް އަދާކުރަން ޖެހުނު ކަމަށް ވިޔަސް، އިޒްރޭލުގެ މި އުދުވާނީ އަނިޔާވެރި އަމަލުތައް އެ ގޮތުގައި ދެމިގެން ދާކަށް، ފަލަސްތީނު ރައްޔިތުން ދުލެއް ނުކުރާނެ،" ނަބީލް އަބޫ ރުދައިނާ ވިދާޅުވި އެވެ.

އަލް ގުދުސްގައި އޮންނަ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވެސް އިއްޔެ ވަނީ، އަގްސާ މިސްކިތުގެ ހިމާޔަތުގައި ވީހާ ގިނަ ބަޔަކު އަލް ގުދުސަށް ޖަމާވުމަށް ގޮވާލައިފަ އެވެ.

އިޒްރޭލުން އަގްސާ މިސްކިތުގައި ހިންގާ އުދުވާންތައް ކުށްވެރި ކުރައްވަމުން، ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އިއްޔެ ވިދާޅުވީ މަސްރަހު ހޫނުކުރަނީ އިޒްރޭލުން ކަމަށެވެ. އަދި އަލް އަގްސާ މިސްކިތުގެ ބައިނަލްއަގުވާމީ ހައިސިއްޔަތާއި އެ މިސްކިތުގެ ތާރީޚީ ހައިސިއްޔަތަށް ވެސް އިޒްރޭލުން އިހްތިރާމް ކުރަންޖެހޭނެ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ގާނޫނީ ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށް ވެސް އަބްދުﷲ ރަސްގެފާނު ގޮވައިލެއްވި އެވެ.

ޖޯޑްންގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަގްސާ މިސްކިތުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކަކީ، އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.

އިޒްރޭލު ސިފައިންނާއި ފުލުހުން އިއްޔެ އަގްސާ މިސްކިތަށް ވަދެ، އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް، ކަރުނަގޭހާއި ސްޓަން ގްރެނޭޑާއި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިން ހަމަލާ ދީފައިވެ އެވެ. ފަލަސްތީނުގެ އެތައް މުސްލިމުންނެއް ގުރުއާން ކިޔަވައި ނަމާދުކުރަން ތިއްބައި، ބާރުގެ ބޭނުންކޮށް މިސްކިތުން ފައްސައިލުމަށް ފަހު، ޔަހޫދީ ވަޒަންވެރިން މިސްކިތަށް ވަދެ އެތަނުގެ ތެރޭގައި ޔަހޫދީ ކިޔެވެލިތައް ކިޔަވައި އަޅުކަން ކުރުމަށް ފުރުސަތު ފަހިކޮށްދިނެވެ.

އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ މީހުން އަގްސާ މިސްކިތަށް ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް މަގު އަމާންކޮށްދިނުމުގެ ގޮތުންނެވެ.

އިޒްރޭލާއި ޖޯޑްންއާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާގެ ދަށުން، އަގްސާ މިސްކިތުގެ އެންމެހައި ކަންތައް ރާވައި ހިންގާނީ، ޖޯޑްން އިން ހިންގާ ވަގުފް ފަންޑެއްގެ ބެލުމުގެ ދަށުން އަދި އިޒްރޭލުގެ ސަލާމަތީ އިންތިޒާމުތަކާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އަގްސާގެ ކަންތައް ހިންގުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި، އަގްސާ މިސްކިތުގެ ގޯތިތެރޭގަ އާއި މިސްކިތުގެ ތެރޭގައި އަޅުކަން ކުރުމަށް ޔަހޫދީން ވަނުމަކީ މަނާކަމެކެވެ.

އޭގެ ބަދަލުގައި ޔަހޫދީންނަށް އަޅުކަމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ހުޅަނގު ފާރު ނުވަތަ ބުރާގު ފާރު ކައިރީގަ އެވެ.