Roadha Mihaaru
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން

އިޒްރޭލުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފި: ފަލަސްތީން

31 މެއި 2022

ގުދުސްގައި އިޒްރޭލުގެ ހަރުކަށި ޔަހޫދީން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހިނގާލުމާއި، އެ ކަމާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލް ސިފައިންނާއި ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކަކީ، ހުރިހާ ރަތް ރޮނގެއް އިޒްރޭލުން ހުރަސްކުރުން ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ގުދުސްގައި އިޒްރޭލުގެ ހަރުކަށި ޔަހޫދީން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހިނގާލުމާއި، އެ ކަމާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލް ސިފައިންނާއި ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކަކީ، ހުރިހާ ރަތް ރޮނގެއް އިޒްރޭލުން ހުރަސްކުރުން ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވި ގޮތުގައި، ހަރުކަށި ޔަހޫދީން ގުދުސްގައި ބޭއްވި ދިދައިގެ ހިނގާލުމަށާއި، ހައްދުފަހަނައެޅި ޔަހޫދީން އަގްސާ މިސްކިތަށް ވަދެ އެ ތަނުގެ ހުރުމަތް ކެނޑުމަށް ހުއްދަ ދިނުމަކީ އިޒްރޭލުން ހެދި ވަރަށް ބޮޑެތި ގޯސްތަކެކެވެ. އޭގެ އިތުރުން އެ ދެ ކަންތަކާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ އާންމުންނަށް ކުރި އަނިޔާތަކަކީ ވެސް، އިޒްރޭލުން ހެދި ގޯސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ގައުމީ ދިދަތައް ހިފައިގެން ގުދުސްގެ މަގުތަކުގައި، މިދިޔަ އާދީއްތަ ދުވަހު ޔަހޫދީން ހިނގާލުމެއް ބޭއްވީ، އިޒްރޭލް ސިފައިން، ގުދުސްގެ އިރުމަތީ ސަރަހައްދު ހިފި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. "ގުދުސްގެ އެއްބައިވަންކަމުގެ ދުވަސް"ގެ ނަމުގައި އިބްރީ ކަލަންޑަރުން ފާހަގަކުރާ އެ ދުވަސް މި އަހަރު ދިމާވީ މިދިޔަ އާދީއްތަ ދުވަހާ އެވެ.

ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނީ، ހަރުކަށި ޔަހޫދީންތަކެއް އާދީއްތަ ދުވަހު ހެނދުނުން ފެށިގެން އެކި ވަގުތުތަކުގައި އެކި ބައިބަޔަށް މަސްޖިދުލް އަގްސާގެ ތެރެއަށް ވަނުމުންނެވެ. ހަރުކަށި ޔަހޫދީން މަސްޖިދުލް އަގްސާ އަށް ވަންނަން ފެށުމާ އެކު، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ހަތިޔާރާއެކު އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ގޮސް، އެ ތަނުގައި ތިބި ފަލަސްތީނުގެ މުސްލިމުން އެ ސަރަހައްދުން ނެރެ ފައްސައިލި އެވެ.

އޭގެ އިތުރުން މިސްކިތުގެ އެތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް ދޮރުތައް ތަޅުލައި ބަންދުކުރި އެވެ. އެއަށް ފަހު، ހަރުކަށި ޔަހޫދީން އަގްސާ މިސްކިތުގެ ހަރިންމަ ތެރޭގައި އެމީހުންގެ ދީނީ ކިޔެވެލިތައް ކިޔަވައި އަޅުކަންކޮށް އުޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

އާދީއްތަ ދުވަހު މެންދުރު ފަހު ގުދުސްގެ މަގުތަކުގައި ޔަހޫދީން ބޭއްވި ދިދައިގެ ހިނގާލުމުގައި ބައިވެރިވި މީހުންތައް، ގުދުސްގެ މަގުތަކުގައި ހިނގަމުން ދިޔައީ، މިއުންމަތުގެ މާތް ނަބިއްޔާ އަށް ހަޑިހުތުރު އެއްޗެހި ގޮވައި، އަރަބިންގެ ހަލާކަށް އެދި ދުއާ ކުރަމުންނެވެ. އޭގެ އިތުރުން، އެ ވަގުތު މަގުތަކުގައި އުޅުނު ފަލަސްތީނު މީހުންނަށް އަނިޔާކޮށް ހަމަލާދިނެވެ.

"ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަގްސާއާ ދެކޮޅަށް ތަކުރާރުކޮށް ހިންގާ އުދުވާނީ އަމަލުތަކާއެކު، އިޒްރޭލުން އެވަނީ ބައިނަލްއަގުވާމީ ހުރިހާ މުއާހަދާތަކާ ޚިލާފުވެ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި. އެ މީހުން އެ މަސައްކަތް ކުރަނީ، އަލް މަސްޖިދުލް އަގްސާގެ ތާރީޚީ ހައިސިއްޔަތާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، އަގްސާ މިސްކިތުގެ މައްޗަށް ކަނޑައަޅަން،" ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ އިއްޔެ ވިދާޅުވި އެވެ.

ގުދުސް އާއި އަގްސާ މިސްކިތުގެ ތެރޭގައި ހަރުކަށި ޔަހޫދީން ހިންގި އުދުވާނީ އަމަލުތަކާ ދެކޮޅަށް ނުކުތް ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލު ސިފައިންނާއި، ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތަކުގައި، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވި އެވެ.

އިޒްރޭލް ސިފައިން ޖެހި ބަޑީގެ އުންޑަ އަރައިގެންނާއި، މުގުރުން ތެޅުމުންނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ފަލަސްތީނުގެ 160 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޒުވާނުންނާއި އަންހެނުން ވެސް ހިމެނެ އެވެ.

އިޒްރޭލް ސިފައިންނާއި ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި ހަރުކަށި ޔަހޫދީން ބޭއްވި ދިދައިގެ ހިނގާލުން ކުރިއަށް ގެންދިޔައިރު، ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ވަދެ، މީހުންނަށާއި ތަކެއްޗަށް ގެއްލުން ދީފަ އެވެ. ޔަހޫދީ ވަޒަންވެރިން އެފަދަ އަމަލުތައް ހިންގަނީ، ފިސްތޯލަ ފަދަ ހަތިޔާރާއި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ފަދަ ތަކެތި ހިފައިގެން ތިބެ ކަމަށްވާތީ، އެމީހުންނާ ދެކޮޅަށް، ފަލަސްތީނު މީހުންނަށް މާ ބޮޑު ކަމެއް ނުކުރެވެ އެވެ.