Roadha Mihaaru
އިޒްރޭލުން އަނެއްކާވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި

އިޒްރޭލުން އަނެއްކާވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި

21 އެޕްރީލް 2022

އިޒްރޭލު ސިފައިން ރޭ ދަންވަރު އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، އެ ތަނުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔެވުމުގަޔާއި އިއުތިކާފްގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެލައިފި އެވެ.

އިޒްރޭލު ސިފައިން ރޭ ދަންވަރު އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، އެ ތަނުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔެވުމުގަޔާއި އިއުތިކާފްގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެލައިފި އެވެ.

ފަލަސްތީނުގެ ނޫސްތަކުން ބުނާ ގޮތުގައި އިޒްރޭލު ސިފައިންނާއި ފުލުހުން ރޭ ދަންވަރު އަގްސާ މިސްކިތަށް ވަދެގަނެ އެ ތަނުގެ ތެރޭގައި އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިޖެހި އެވެ. އަދި މިސްކިތުގެ އެތެރޭގައި ތިބި ފަލަސްތީނު މީހުންތައް، ބާރުގެ ބޭނުންކޮށް މިސްކިތުން ބޭރަށް ނެރުނެވެ.

އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމުގެ އިތުރުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރޭ ދަންވަރު ވަނީ، ގާޒާގެ ދެކުނު ސަރަހައްދާއި މެދުތެރޭގައި ހުރި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ބައެއް ތަންތަނަށް ހަމަލާ ދީފަ އެވެ.

އިޒްރޭލު ސިފައިންނާއި ފުލުހުން އަގްސާ މިސްކިތުގެ ހުރުމަތް ކަނޑަމުންދާ މައްސަލައިގައި، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވަނީ ވަރަށް ބޮޑަށް އިޒްރޭލަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބާރުގެ ބޭނުންކޮށް އަގްސާ މިސްކިތުގެ ތެރެއަށް ވަދެގަތުމުން އެ މިސްކިތަށް ލިބިގެންވާ އިސްލާމީ ހައިސިއްޔަތު ބަދަލުކޮށްލެވިދާނެ ކަމަށް އިޒްރޭލުން ގަބޫލު ކުރާނަމަ، އިޒްރޭލު އޮތީ ވަރަށް ބޮޑު ވަހުމެއްގެ ތެރޭގައި ކަމަށެވެ.

"މީގެ ކުރިން ކަލޭމެން ބޭއްވި ދިދައިގެ ހިނގާލުން ނާކާމިޔާބު ކޮށްލި ފަދައިން، އަގްސާ މިސްކިތަށް ތިޔަ އަރައިގަންނަ އަރައިގަތުން ވެސް އަހަރެމެން ނާކާމިޔާބު ކޮށްލާނަން. އަހަރެމެން އަދި މިތިބީ ހަނގުރާމައިގެ ވަރަށް ކުރީކޮޅުގައި. ޔަހޫދީ ވަޒަންވެރިން ހިންގާ އުދުވާނީ އަމަލުތަކުގެ އަގު އިޒްރޭލުން އަދާކުރަންޖެހޭނެ. އަގްސާ މިސްކިތުގައި އަޅުކަންކުރާ ފަލަސްތީނު ރައްޔިތުން، އެ މިސްކިތުގެ ދިފާއީ އައްޑަނައިގެ ގޮތުގައި ސާބިތުވެ ތިބޭނެ،" އިސްމާއީލް ހަނިއްޔާ ވިދާޅުވި އެވެ.

އިޒްރޭލު ސިފައިން ގާޒާ އަށް ރޭ ދިން ހަމަލާތައް އަމާޒުކުރީ ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކެއް ހުރި ސަރަހައްދުތަކަށެވެ. އެހެންކަމުން އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެ އެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ކަމަށްވެ އެވެ.

ރައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ، އިޒްރޭލަށް އަމާޒުކޮށް ރޮކެޓްތަކެއް ފޮނުވާލައިފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ހަތަރު ރޮކެޓެއް، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައިގެ ތެރޭގައި ވަނީ ގޮއްވާލައިފަ އެވެ. އޭގެ އިތުރުން އެއް ރޮކެޓް، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ނަމަވެސް، މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އިޒްރޭލުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގެންދަނީ، އަގްސާ މިސްކިތުގެ ހުރުމަތް ކަނޑައި، ހަތިޔާރާއެކު މިސްކިތުގެ ތެރެއަށް ވަދެ، އަޅުކަމުގައި ތިބޭ ފަލަސްތީނު މީހުންނަށް ހަމަލާދީ ޖެއްސުން ކުރަމުންނެވެ. އިޒްރޭލު ސިފައިން މިސްކިތުގެ ތެރެއަށް ދިން ހަމަލާތަކުގައި މިހާތަނަށް 160 އަށް ވުރެ ގިނަ، ފަލަސްތީނު ރައްޔިތުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ މީހުން އަގްސާ މިސްކިތަށް ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް މަގު އަމާންކޮށްދިނުމުގެ ގޮތުންނެވެ. ޔަހޫދީން އަގްސާ މިސްކިތަށް މިފަހަރު ވަނީ، ޔަހޫދީންގެ އީދުލް ފުސްހު ފާހަގަކުރުމުގެ ގޮތުންނެވެ. ޔަހޫދީންގެ އީދުލް ފުސްހަކީ، ފިރްއައުނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް، ބަނީ އިސްރާއީލު ވަންހައިގެ މީހުން މިސްރުން ފައިބައިގެން ދިޔުން ފާހަގަކުރާ މުނާސަބަތެވެ. އީދުލް ފުސްހު ފާހަގަކުރުން އޮންނަނީ ކޮންމެ އެޕްރީލް މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށެވެ.

އިޒްރޭލާއި ޖޯޑްންއާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާގެ ދަށުން، އަގްސާ މިސްކިތުގެ އެންމެހައި ކަންތައް ރާވައި ހިންގާނީ، ޖޯޑްން އިން ހިންގާ ވަގުފް ފަންޑެއްގެ ބެލުމުގެ ދަށުން އަދި އިޒްރޭލުގެ ސަލާމަތީ އިންތިޒާމުތަކާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އަގްސާގެ ކަންތައް ހިންގުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި، އަގްސާ މިސްކިތުގެ ގޯތިތެރޭގަ އާއި މިސްކިތުގެ ތެރޭގައި އަޅުކަން ކުރުމަށް ޔަހޫދީން ވަނުމަކީ މަނާކަމެކެވެ.

އޭގެ ބަދަލުގައި ޔަހޫދީންނަށް އަޅުކަމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ހުޅަނގު ފާރު ނުވަތަ ބުރާގު ފާރު ކައިރީގަ އެވެ.