Roadha Mihaaru
މާބޮޑަށް ހަޑި ހާވައިފި، އަލުން އެއްވާވަރަށް ވުރެ ގޯސް

މާބޮޑަށް ހަޑި ހާވައިފި، އަލުން އެއްވާވަރަށް ވުރެ މާ ގޯސް!

26 އެޕްރީލް 2022

އެއްބަޔަކު އުފައްދާ ސުވާލަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިގެން އުޅޭ ހައިޖާނުގަނޑު އަންނަ މަހު އޮންނަ ޗެއާޕާސަންގެ އިންތިހާބަށް ފަހު ފިނިވެދާނެ ކަމާ މެދުގަ އެވެ. އެ ޕާޓީގެ މާޒީ އަށް ބަލައި ބައެއް މީހުން ބުނަނީ ކިތަންމެ ވަރަކަށް ތަޅާފޮޅާފައި ވެސް ބޭނުންވާ ގަޑީގައި އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ؛ ވަރަށް ބަދަހި ސަފެއް އޮންނާނީ އަތުރާލައިފަ އެވެ. އެ ސަފު ފޫއަޅުވާލާފައި ހިންޏަކަށް ވެސް ނުވަދެވޭ ވަރަށް ހުންނާނީ ބައްދާލައިފަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެއްބަޔަކު އުފައްދާ ސުވާލަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިގެން އުޅޭ ހައިޖާނުގަނޑު އަންނަ މަހު އޮންނަ ޗެއާޕާސަންގެ އިންތިހާބަށް ފަހު ފިނިވެދާނެ ކަމާ މެދުގަ އެވެ. އެ ޕާޓީގެ މާޒީ އަށް ބަލައި ބައެއް މީހުން ބުނަނީ ކިތަންމެ ވަރަކަށް ތަޅާފޮޅާފައި ވެސް ބޭނުންވާ ގަޑީގައި އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ؛ ވަރަށް ބަދަހި ސަފެއް އޮންނާނީ އަތުރާލައިފަ އެވެ. އެ ސަފު ފޫއަޅުވާލާފައި ހިންޏަކަށް ވެސް ނުވަދެވޭ ވަރަށް ހުންނާނީ ބައްދާލައިފަ އެވެ.

އަޅުގަނޑުގެ ވިސްނުމުގައި އެއީ އެމްޑީޕީގެ މާޒީ އެވެ. އެ މާޒީގައި ސިޔާސީ ގޮތުން ދިމާވި ކަންތައް ވެސް ތަފާތެވެ. ދިގު 30 އަހަރެއްގެ ވެރިކަން ނިންމުމާއި އޭގެ ފަހުން ވެރިކަން ލިބި، އެ ވެރިކަން ކުރު މުއްދަތެއްގައި އަތުން ބީވުމުން އަލުން ވެރިކަމަށް އަންނަން ކުރި މަސައްކަތެވެ. އާރާާއި ބާރުވެރިކަން ހޯދުމުގައި އޭރު އެމްޑީޕީން ގަދައަޅައި ނުކުރާކަށް ކަމެއް ނެތެވެ. ކުރިން އެމްޑީޕީ އަށް ހެއްދެވިނުހެއްދެވިއެއް ގޮވި މީހުން ވެސް ގެނެސް އެއީ އެއްބައެއްކަން ދެއްކި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިމަތިވި ދުއްތުރާތަކުން އަރައިގަނެ، އަބަދު މަގުމަތީގައި ނުތިބެ ސަރުކާރު ހިންގުމާ ހަވާލުވާން މުޅި އެމްޑީޕީ ކިޔަމުން އައީ އެކައްޗެކެވެ.

އޭރު ކިޔަމުން އައީ މި އަޒުމެއް ނުގުޑާނެ ލަވަ އެވެ. މި އޮޑިއެއް ނުފެތޭނެ ލަވަ އެވެ. ނަމަވެސް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަން ކޯޅުން ގޮސްފައިވާ ހިސާބަކީ މިއީ "ފެތެމުންދާ ސަރުކާރެއް" ކަމަށް މި ވެރިކަމުގެ އެންމެ މުހިންމު ބައިވެރިޔާ ކަނޑައެޅުއްވުމެވެ. އެންމެ ފަހުން މި ސަރުކާރުގެ "އޮޑި" ފެތިއްޖެ ކަމަށް ނަޝީދު އަމިއްލަފުޅަށް ކަނޑައެޅުއްވީ އެވެ. އެ މަނިކުފާނު އެންމެ ފަހުން ވިދާޅުވީ، "މި ވަގުތު މި ޕާޓީ އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ މި ޕާޓީ ނުފެތުން" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

އެ ހިސާބުން ދެން މައްސަލަ ވަރަށް ސާފެވެ. ނަޝީދަށް ވެގެން ވާ ނަމަ ނުވަތަ އެ މަނިކުފާނުގެ "ގަދަ ބާރު" އެމްޑީޕީގެ އެކިއެކި ގުނަންތަކުގައި މިހާރު އޮތް ނަމަ މި ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިވާން އޮންނާނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަޝީދު އެ ވިދާޅުވި އެއްޗެއްގެ މާނަ އެހާ ފުނެވެ. ނަޝީދުގެ ކުރިފުޅުމަތީގައި މި ސަރުކާރު ނިމިއްޖެ އެވެ. ފެއިލްވެއްޖެ އެވެ.

ނަޝީދުގެ އެންމެ ގާތްއެކުވެރިޔާ އަދި ކުޑައިރުން ފެށިގެން މިހާތަނަށް ހުރިހާ ވާހަކައެއް ހިއްސާ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރެއްވި ޒިންމާތަކުން ފާހެއް ނުވި އެވެ. ކަމަކާ މެދު މީހަކު ހިތްހަމަނުޖެހުނީމާ އެ ވާހަކަ ބުނާނެ އެންމެ ތިލަކޮށް އެމްޑީޕީގެ އެތެރޭގެ ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒުގެ ބާރުވެރިކަން އެހާ ކުރިއްސުރެ ދުއްވާލަން ނަޝީދު ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރެއްވި ސަބަބު މިއަދު އެބަ އެނގެ އެވެ. އޭނާ ވެފައި އެ ވަނީ ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން ބުނާ ގޮތުން ނަމަ އެ މީހުންނަށް ބޮޑު ބިރަކަށެވެ.

ނަޝީދުގެ އަމަލުތަކާއި އެ މަނިކުފާނާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2023 ގެ ރިޔާސީ އިންތިހާބު ކޮށްދިނުމަށް ނަޝީދު ދެން ނުކުމެވަޑައިގެންފާނެ ކަމަކަށް ހިތެއް ނުބުނެ އެވެ. އެ އަށް ވުރެ މާ ހަޑިކޮށް، މާ ހުތުރުކޮށް މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ހަވަރަށް" ދީފި އެވެ. ނަޝީދުގެ އެހެން އެޖެންޑާއެއް އޮތް ކަމަށް ފިކުރު ތަފާތުވާ މެމްބަރުންނަށް ވިދާޅުވާ ކެރޭނީ ކަންކަން ވަރަށް މައްޗަށް ދިޔައީމަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު މިފަދަ ރަސްމީ މާލަންތަކުގައި ހިނިފުޅުވެޑުވި ނަމަވެސް ސިޔާސީ ގޮތުން އެތެރޭގައި ހުރި "ހޫނުކަން" ބޮޑު.---ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު މިފަދަ ރަސްމީ މާލަންތަކުގައި ހިނިފުޅުވެޑުވި ނަމަވެސް ސިޔާސީ ގޮތުން އެތެރޭގައި ހުރި "ހޫނުކަން" ބޮޑު.---ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މިއަދު މި ރާއްޖޭގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތް ނަމަ ނަޝީދު އެ ވިދާޅުވާ ވާހަކަތަކުން ބާރު ލިބިގެން މި އަށް ވުރެ ދުރަށް ދަތުރަށް ކުރީހެވެ. އެ ހިސާބަށް ނުދާ ނަމަ އަންނަ އަަހަރުގެ ރިޔާސީ އިންތިހާބު ގާތްވަންދެން އިދިކޮޅުން ހިމޭނުން ތިބީ އެވެ. ނަޝީދުގެ ފަރާތްޕުޅުން ނުވަތަ މި ސަރުކާރު ބަދުނާމުކޮށް އެ ދައްކަވާ ވާހަކަފުޅުތަކުން ބާރު ލިބިގެން ފާޅުގައި އިދިކޮޅުން ނުކުންނަން އެންމެ ރަނގަޅު ދަނޑިވަޅަކީ އިންތިހާބު ގާތްވުމުންނެވެ. އެހެންވީމާ އަދި އެކަން ވެސް ބަލަން ތިބެމާ ހިނގާށެވެ. ސިޔާސީ ގޮތުން ނަޝީދަކީ ކޮންމެ ކަމަކަށް ވެސް މަގު ކޮށްޓަވަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. އިދިކޮޅާ އަޑިއަޑިން ގުޅިވަޑައިގެން ސިޔާސީ "ހިންޓްތައް" ނުދެއްވާނެ ކަމަށް ބެލެވޭކަށް ވެސް ނެތެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ހަފުލާއެއްގައި: ނަޝީދު ކުރައްވާ ކަމަކީ އިދިކޮޅަށް މަގު ދެއްކެވުން ކަމަށް އެ މަނިކުފާނާ ހިޔާލު ތަފާތު އެމްޑީޕީގެ މެމްބަރުން ބުނޭ.---ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ހަފުލާއެއްގައި: ނަޝީދު ކުރައްވާ ކަމަކީ އިދިކޮޅަށް މަގު ދެއްކެވުން ކަމަށް އެ މަނިކުފާނާ ހިޔާލު ތަފާތު އެމްޑީޕީގެ މެމްބަރުން ބުނޭ.---ފައިލް ފޮޓޯ: މިހާރު

ފެންނަ ފެނުމުގައި ނަޝީދަށް މަންޒަރު އައީ މާ ކުރިން ސާފުވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުކުމެވަޑައިގަތުމާއި މާ ކުރިން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ވަޒީރުކަމުން ބޭރުކޮށްލަން ސީދާ ނަޝީދު އިސްނެންގެވުމަކީ ހަމަ އިއްތިފާގެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ފައްޔާޒުގެ ބާރުވެރިކަން ޕާޓީގެ އެތެރޭގައި އޮތް ވަރު ބޮޑު ކަމުގެ ހެއްކަކީ މަޖިލީހުގެ ރައީސްގެ ގޮނޑީގައި ވެސް އިންނަވަމުން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި ސޮއި ޖައްސަވަން އާދޭސް ކުރައްވަމުން މަޖިލީހުގެ އިދާރާގެ އެއް ކުޑަ ދަށުން އަނެއް ކުޑަ ދަށުން ސީދާ ނަޝީދު މެމްބަރުންގެ އަރިހުގައި "ސަލާން" ޖެއްސެވުމެވެ. ނަޝީދު އެ ކަރުދާސްގަނޑު ހިއްޕަވައިގެން ވަޑައިގަތުމުން ދުނިޔޭ ލަދަށް ވެސް ސޮއި ލިބިދާނެ ކަމަށްޓަކަ އެވެ.

ނަޝީދަށް ވެގެން ވާ ނަމަ ނުވަތަ އެ މަނިކުފާނުގެ "ގަދަ ބާރު" އެމްޑީޕީގެ އެކިއެކި ގުނަންތަކުގައި މިހާރު އޮތް ނަމަ މި ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިވާން އޮންނާނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަޝީދު އެ ވިދާޅުވި އެއްޗެއްގެ މާނަ އެހާ ފުނެވެ. ނަޝީދުގެ ކުރިފުޅުމަތީގައި މި ސަރުކާރު ނިމިއްޖެ އެވެ. ފެއިލްވެއްޖެ އެވެ.

އެ ދުވަހު ވެސް ސީދާ ފައްޔާޒުގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުގައި ނުކުމެވަޑައިގަތެވެ. ނަޝީދަށް ދުލެއް ނުދެއްވި އެވެ. މިއަދު މި ފެންނަނީ ނަޝީދުގެ ތާއީދު އޮތް އިމްތިޔާޒު ފަހުމީއާ، އެ ފައްޔާޒު ވާދަކުރައްވާ ތަނެވެ. ހަގީގަތަކީ މި ކޯޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ކަމެވެ. ފައްޔާޒުގެ ބާރުވެރިކަން އެހާ ކުރިއްސުރެ ދުއްވާލަން ނަޝީދު ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރެއްވި ސަބަބު މިއަދު އެބަ އެނގެ އެވެ. އޭނާ ވެފައި އެ ވަނީ ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން ބުނާ ގޮތުން ނަމަ އެ މީހުންނަށް ބޮޑު ބިރަކަށެވެ. ފައްޔާޒު ހޮވިއްޖެ ނަމަ ނަޝީދު ޕާޓީން ބޭރުކޮށްލާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުން އެ ވިދާޅުވަނީ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަން މައިކް ޓެސްޓް ކުރައްވާއިރު ނަޝީދާއި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް އެ މައިކް މަސައްކަތް ކުރޭތޯ ޔަގީން ކުރައްވަން ބަލަހައްޓަވައިގެން.---ފައިލް ފޮޓޯ: މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަން މައިކް ޓެސްޓް ކުރައްވާއިރު ނަޝީދާއި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް އެ މައިކް މަސައްކަތް ކުރޭތޯ ޔަގީން ކުރައްވަން ބަލަހައްޓަވައިގެން.---ފައިލް ފޮޓޯ: މިހާރު

އެހެންވީމާ، ނަޝީދު ގެންދެވީ މާ ދުރަށް އެ މަނިކުފާނުގެ ދުރުމި އަޅުއްވަމުންނެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުޝިޔާރުކަމުން ކަމަށް ވިޔަސް ނަޝީދުގެ ދުރުމި ފޯކަސް ކުރެވޭ ގޮތެއް ނުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ހަގީގަތުގައި ގޮސްފައި އޮތީ ދުވަހަކު ވެސް ގޯސް ނުވާ ހިސާބަށެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކަށް ޒިނޭ އާއި ބަނގުރަލުގެ ތުހުމަތު ކުރެ އެވެ. ފާޅުގައި ވަގަށް ގޮވައި ހަދަނީ އެވެ. އެކަމަކު އެއް ޕާޓީއެކެވެ. އެއްވެސް ހެއްކެއް ނެތި ޒިނޭގެ ތުހުމަތު އަޅުވާ ހިސާބަށް ޕާޓީގެ ތެރެއިން ދިއުމަކީ މުޑުދާރު އަމަލެކެވެ. މިއީ ޑިމޮކްރެސީއޭ ބުނާ ނަމަ ދެން ކިޔާނެ އެއްޗެއް ނެތެވެ. މި ވަރުގެ ބަޔަކު ދެން އެކައްޗެއް ކިޔައި ނުކުމެދާނެ ކަމަކަށް ހަމަ ނުފެނެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފަދަ އެއް އިރެއްގައި ނަޝީދަކީ އެންމެ ވަރުގަދަ "ސިޔާސީ މުފައްކިރު" ކަމަށް ގަބޫލު ކުރެއްވި ބައެއް ބޭފުޅުން އެ މަނިކުފާނު ދޫކޮށްލައްވައިފި އެވެ. މިފަދަ ކިތަންމެ މެމްބަރުންނަކާ ނަޝީދާ އޮތް ގުޅުން ހީނަރުވެފައިވާތާ ވެސް އެތައް ދުވަހެކެވެ.

އަސްލަމްމެން އެމްޑީޕީގައި ތިއްބަވާތާ އުމުރު ހުސްވާއިރު ވެސް ސިޔާސީ ގޮތުން ނަޝީދު "އޮޅުވައިލާ" ކަމަށް ބުނެ އަސަލްމްގެ އައްޑޫ ސަޕޯޓަރުން ތިބީ ރުޅިގަދަވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަސްލަމް ނަގާނެ ކަމުގެ ހުވަފެން އެއްފަހަރު ފެނުނަސް އެ ގޮނޑި ފަހު ވަގުތު ގެއްލުނީ އެވެ. މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ނުލިބުނުތާ ނައިބު ރައީސްކަން ވެސް ނުދެއްވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުން ފެށުމުގެ ކުރިން ނަޝީދާއެކު އަސްލަމާއި އަފީފު މަޝްވަރާ ކުރައްވަނީ--.ފައިލް ފޮޓޯ:ނިޝާން އަލީ| މިހާރު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުން ފެށުމުގެ ކުރިން ނަޝީދާއެކު އަސްލަމާއި އަފީފު މަޝްވަރާ ކުރައްވަނީ--.ފައިލް ފޮޓޯ:ނިޝާން އަލީ| މިހާރު

މިފަދަ އެތައް ކަމެއްގެ ނުރުހުން އެމްޑީޕީގެ ތެރޭގައި އޮތުމުން އަލުން އެހާ ފަސޭހައިން އެއްކުރެވިދާނެ ކަމާ މެދު ޝައްކު އުފެދެނީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ކިތަންމެ ގާތް ދެ ބޭފުޅުން ކަމަށް ވިޔަސް މިއަދުގެ ސިޔާސީ މަސްރަހަށް މި އަންނަ ބަދަލާއެކު، އެ ގުޅުން ހީނަރުވެއްޖެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެ މަނިކުފާނުގެ ޒާތުގައި ވެސް ހިމޭން، މަޑުމައިތިރި ބޭފުޅެއް ކަމުން އަދި "ފަޓާސް" ނުގޮވަނީ އެވެ. ނަޝީދު ވިދާޅުވާހާ އެއްޗެއް ވިދާޅުވާން ދޫކޮށްލައްވައިގެން ހުންނަވާތީ އިވެނީ އެންމެ ބޭފުޅެއްގެ އަޑެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފާޅުގައި ނުކުމެވަޑައިގެން ރައްދު ދެއްވާ ނަމަ ކަންކަން ސާފުވީހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެއް އިރެއްގައި އެންމެ ގާތް އެކުވެރިޔާ ނަޝީދަށް ރައްދު ދެއްވުމުގައި އުޅުއްވަނީ މާ ފަހަތުގައި.--- ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެއް އިރެއްގައި އެންމެ ގާތް އެކުވެރިޔާ ނަޝީދަށް ރައްދު ދެއްވުމުގައި އުޅުއްވަނީ މާ ފަހަތުގައި.--- ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

މި އުޅެނީ ބާރު ހޯދުމުގެ ބޮޅެކެވެ. ކޮންމެހެން ކަންކަން ރަނގަޅު ކުރުމެއް ނޫނެވެ. ސަރުކާރުގެ އެތެރޭގައި ބައިވަރު ގޯސްތައް އެބަހުއްޓެވެ. އެކަމަކު، ކަންކަން ރަނގަޅު ކުރުމުގައި އެމްޑީޕީގެ އެތެރެއިން ފެންނަނީ ދެ ސަރުކާރެއް އުފެދިގެން އުޅޭ ތަނެވެ. ކުދިކުދި ކަންތައްތަކުގައި ވެސް ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި ޖައްސަނީ އިދިކޮޅު މީހުން ޖައްސާ ފެންވަރަށެވެ. ބައެއް ފަހަރު ހީވަނީ އެމްޑީޕީގެ އެތެރެއިން އިދިކޮޅު ޕާޓީއެއް ނެރެގެން އުޅޭ ހެންނެވެ. ރައްޔިތުންގެ މަޖިލީހާއި އެކި ޕޯޑިއަމްތަކުގައި ވެސް އެމްޑީޕީގެ މެމްބަރުންނަށް އޮތީ އިދިކޮޅުން ގެންގުޅޭ ސްޓްރެޓެޖީ ނެގެހެއްޓުމެވެ.

ކުރީގެ ރައީސް ނަޝީދު: މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވީ ގޮތް ހުސްވެފައި.

ކުރީގެ ރައީސް ނަޝީދު: މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވީ ގޮތް ހުސްވެފައި.

މި ފެންވަރަށް ވެއްޓިފައިވާ ބަޔަކު އަދި ހާއްސަކޮށް ނަޝީދު 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި ތިބޭނެ ކަމާ މެދު ހަމަ ޝައްކެވެ. އެހާ ވަރަށް ހަޑި ހާވައިފި އެވެ. މާޒީގައި ކަންތައް ވީ ގޮތާއި މިހާރުގެ ސިޔާސީ މަސްރަހު މާ ތަފާތެވެ. ކަންތައް ވެފައި ވަނީ ވެސް ތަފާތު ކޮށެވެ. ޗެއާޕަސަންގެ އިންތިހާބަށް ފަހު، އަނެއްކާ އަލުން ގުޅޭ ނަމަ އެ ކަން ވާނީ ވެސް ކޮންމެވެސް އެއްކޮޅަކުން ދޫދީގެންނެވެ. އެކަން އެހެން ވެއްޖެ ނަމަ އަދި މަސްރަހު ކިތަންމެ ގޮތަކަށް ބަދަލުވާނެ އެވެ.

އަންނަ އަހަރުގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރާނެ ބޭފުޅެއް ކަނޑައަޅަން ކިތަންމެ ގޮތްގޮތަށް އެ ޕާޓީ އަދި ފެންނާނެ އެވެ.