Roadha Mihaaru
އެމްޑީޕީގެ ކުރިމަގަށް މި ފެނުނީ ސާފު މަންޒަރެއް؟

އެމްޑީޕީގެ ކުރިމަގަށް މި ފެނުނީ ސާފު މަންޒަރެއް؟

26 ސެޕްޓެމްބަރ 2021

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިއްޔެ އެ ޕާޓީގެ މެމްބަރުން ދައްކައިދިނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެއިން އެ ބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ނަތީޖާއާ އެކު ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިއްޔެ އެ ޕާޓީގެ މެމްބަރުން ދައްކައިދިނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެއިން އެ ބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ނަތީޖާއާ އެކު ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ނަތީޖާ ވަރަށް ސާފެވެ. އެ ނަތީޖާ އިން ވަރަށް ގިނަ ވާހަކަތަކެއް ވެސް ބުނެދީފި އެވެ. އެއް ވާހަކައަކީ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ފުރިހަމަ ބާރާ އެކު ނޫނީ އެމްޑީޕީގެ ގައުމީ މަޖިލިސް ދެން ނުހިނގާނެ ކަމެވެ. އަދި ހަމަ އެހެންމެ، މިއޮތްހާ ދުވަހަކު ވާނެ ނުވާނެ އެއްޗެއް ނޭނގި ތިބެ ނަގަމުން ދިޔަ ވޯޓުތައް ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޮޅަށް އޮއްސާލާނެ ކަމެވެ. ހަމަ އެހެންވެ، ޕާޓީގެ ބާރުގަދަ ރައީސް އަދި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ ބާރު ދޫވެއްޖެ ކަމެވެ.

ޕާޓީގެ ރައީސް ނަޝީދަށް އޮތް ތާއީދު ފަނޑުވުން ދާކަމަށް ބުނުމުގެ ފުރުސަތު މިހާރު ބޮޑުވެއްޖެ އެވެ. މިދިޔަ ދުވަސްތަކުގައި އެ ޕާޓީގެ ތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ބޮޑެތި ހިޔާލު ތަފާތުވުންތަކާއި އެ ދެ ބޭފުޅުންނަށް ތާއީދު ކުރާ މީހުން އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ކޯޅުނު ކޯޅުމުގެ ނަތީޖާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުން ކުރި ހޯއްދެވުމެވެ. ނަތީޖާ ބުރަވަނީ އެގޮތަށް ކަމަށް ވުމަކީ އެމްޑީޕީގައި އެންމެ ތާއީދު ބޮޑު އަދި އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ ނަޝީދަށް ވަރުގަދަ މެސެޖެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިއްޔެ ވޯޓު ލަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިއްޔެ ވޯޓު ލަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ތެރޭގައި "ފެކްޝަންގެ ކުޅިގަނޑު" ފެށުނު ފަހުން މިިދިޔަ ދުވަސްތަކުގައި ބޭއްވި ގައުމީ މަޖިލީހުގެ އެކި ވޯޓުތަކާއި ބައްދަލުވުންތަކުގެ ކޯރަމަށް ބަލައި އެއް ބަޔަކު އޭރު ބުނީ އެއީ ހަގީގީ ބޮޑު މަންޒަރު ނޫން ކަމަށެވެ. ދެ ބޭފުޅުން ދެކެ ޖެހިލުންވުމާއި ކޮންމެ ކޮޅަކަށް ވޯޓެއް ދިނަސް ކުރިމަތިވާނެ އުނދަގުލާއި ގޮންޖެހުންތަކަށް ބަލައި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތިބީ ދުރުގަ އެވެ. އަސްލު ކަންކަން ފެންނާނީ އެތެރޭގެ އިންތިހާބެއްގެ ނަތީޖާ ނުކުންނަ ގޮތަކުން ކަމަށް ގަބޫލުކުރި މީހުންނަށް އަސްލު ވާނުވާ މިހާރު ވަނީ ފެނިފަ އެވެ.

ނަޝީދަށް މަރުދޭ އަދި ގައުމީ މަޖިލީހުގައި ބަސް ނުވިކޭ، ވޯޓު ނުދެވޭ މީހުން ބުނަމުން އައީ އެ މަނިކުފާނުގެ ހަގީގީ ސަޕޯޓް އޮތީ ގްރާސްރޫޓްގައި ކަމަށެވެ. ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދައްކާ ވާހަކައަކުން ނުވަތަ ދޭ ވޯޓަކުން ނަޝީދުގެ ސަޕޯޓް ނުފެންނާނެ ކަމަށް އެ މީހުން ދެކެ އެވެ. އެފަދަ "މާލަމް"ތަކުގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ނުފޫޒާއި ބާރެވެ. އެހެންވެ ގްރާސްރޫޓުން ނުކުމެ، އެ މީހުންގެ އަޑު އިއްޔެގެ އިންތިހާބުން އިއްވިއިރު އެމްޑީޕީގެ އެތެރޭގެ ހާލަތު ސާފެވެ. ނަމަވެސް ސުވާލަކީ ނަޝީދު މި ހިސާބުން ގެއްލުނީ ހެއްޔެވެ؟ ނަޝީދާ ހެދި "މޮޔަވާ" ސަޕޯޓަރުން ބޭނުންވި ފަދަ އިންތިހާބެއް ބާއްވައި ވޯޓުފޮށިން ނަތީޖާ ނެރެދީފި އެވެ.

ނަމަވެސް އިއްޔެގެ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތަށް ބަލަމާ ހިނގާށެވެ. އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލަައިގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަން ނަޝީދު ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ހަ މަސް ވެއްޖެ އެވެ. އިންތިހާބުގެ ކެމްޕެއިނުގެ ކަންކަން ކުރިއަށް ގެންދިޔައީ އެ މަނިކުފާނު ފިޒިކަލީ އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވެ އެވެ. ރާއްޖެ އިން ބޭރުގައި ހުންނަވައިގެން "ސައިލެންޓް" ކެމްޕެއިނެއް ނުކުރައްވާ ވާހަކައެއް ނޫނެވެ. ނަޝީދު ރާއްޖޭގައި ހުންނެވި ނަމަ އެ މަނިކުފާނުގެ ކޮޅަށް މި އަށް ވުރެ ރަނގަޅަށް ނަތީޖާ އެބުރޭނެކަން މާޒީން ސާފެވެ. އެއީ ކެމްޕެއިން ކުރައްވަން ދަންނަ، އެކަމުގައި މޮޅެތި އުކުޅުތައް ގެންގުޅުއްވާ ބޭފުޅެކެވެ. ނަޝީދުގެ ކެންޑިޑޭޓުންނާ އެކު، "ދޮރުންދޮރަށް" ހިންގެވި ނަމަ އަދި މާ ތަފާތުވާނެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިއްޔެ ވޯޓު ލަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިއްޔެ ވޯޓު ލަނީ. -- ފޮޓޯ: މިހާރު

ނަޝީދު ރާއްޖޭގައި ނެތް ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި "ޓެކްޓިސް" ބޭނުންފުޅު ކުރެއްވި އެވެ. ނަޝީދުގެ ތާއީދު އޮންނާނީ ބަރުލަމާނީ ނިޒާމާއެކު ތިބި ކެންޑިޑޭޓުންނަށް ކަން ވަރަށް ކުރީކޮޅު އިއުލާނު ކުރެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ބަރުލާނީ ނިޒާމު ގެންނަ މޫޑެއްގައެއް ނޫނެވެ. އެހެންވެ، ދެ ލީޑަރުން ވެސް ކުޅުއްވީ ދެ ޓީމަކަށް ކަން ވަރަށް ސާފެވެ.

އިންތިހާބުގައި މިހާތަނަށް ގިނަ ގޮނޑިތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވި ކަމަށް އެ މަނިކުފާނުގެ ފެކްޝަނުން ބުނާއިރު، އޭގެ ތެރޭގައި ވާދަކުރެއްވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގައި ރައީސްގެ ފަޅީގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ. އިންތިހާބުން ރައީސް ބޮޑު ކާމިޔާބީއެއް ހޯއްދެވީ ސަރުކާރުގެ އާރާއި ބާރާއި ނުފޫޒު ކުރިއަށް ނެރުއްވައިގެން ކަމަށް ނަޝީދުގެ ފެކްޝަނުންގެ މީހުން ބުނަނީ އެހެންވެ އެވެ. ސަރުކާރުގެ ބާރު އޮތިއްޔާ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ބަޔަކަށް ފުރިހަމަ ކާމިޔާބެއް ލިބޭނެ އެވެ. މި ސަބަބުތަކާ ހެދި ރައީސްގެ ފެކްޝަނަށް ކާމިޔާބުވީ އެހެންވެ ކަމަށް ބުނުމުގެ ފުރުސަތު ނެތެކޭ ނޫނެވެ.

ނަމަވެސް އެމްޑީޕީ ދެބައިވެފައިވާ މި ދަނޑިވަޅުގައި މިއީ އެ ޕާޓީގެ ސިޔާސީ ކުރިމަގު ކުރަހައިދޭ އިންތިހާބަކަށް ނޫނީ ނުވާނެ އެވެ. ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބާއި ޕާޓީގެ އެތެރެ ހަމަޔަކަށް އަޅުވަން ވެސް ލިބުނު ފުރުސަތެކެވެ. ފުރިހަމަ ކޮންޓްރޯލް އޮތް ބޭފުޅަކާ އެކު ކުރިއަށް ދާން ކޮށުނު މަގެކެވެ. އެކަމަކު ނަޝީދުގެ ސިޔާސީ ކުރިމަގު ދެން ވާނެ ގޮތެއް އަދިއެއް ނޭނގެ އެވެ.

ނަޝީދުގެ ތާއީދު ގެއްލެމުންދާތާ ކަމަށް ތުންތުންމަތިންނާއި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުންނާއި ގައުމީ މަޖިލީހުގެ ނިންމުންތަކުން އެންމެ އާދައިގެ މީހާ އަށް ވެސް ސާފުވަމުން ދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީގެ އެންމެ މުހިންމު ނިންމުންތައް ނިންމާ ތަނަކީ ގައުމީ މަޖިލިސް ކަމަށް ވާއިރު އެ މަޖިލީހުގެ 145 މެމްބަރުންގެ ތެރެއިން 100 އަށް ވުރެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައްޔިތުންގެ މަޖިލީޙުގައި ތިއްބަވާ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީ ވެސް އެ މަނިކުފާނާ އެކުގަ އެވެ. މީގެ މާނައަކީ އެމްޑީޕީގެ "ފްރެޝް" އިންތިހާބަކަށް ފަހު ވެސް މި ފަސް އަހަރުގެ "ގޭމް" ކުޅުއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމެވެ. އެކަމަކު، އެކަން ބުރަވާނީ އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކުގެ މައްޗަށެވެ. ރައްޔިތުން ބޭނުންވާ އުންމީދުތައް ހާސިލު ކޮށްނުދެވި، އިގްތިސޯދީ ގޮތުން ކުރިމަގު ބަނަވެއްޖެ ނަމަ ރައީސްގެ ސިޔާސީ ކުރިމަގެއް ނޯންނާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަންގެ ކޯޅުންގަނޑުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ބަލިވުން ނުވަތަ ބަލި ގަބޫލުފުޅު ކުރެއްވުމަކީ އެމްޑީޕީގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އިއްޔެގެ އިންތިހާބުގެ ނަތީޖާ ރަނގަޅު ގޮތުގައި ބަލައިގަތް ނަމަވެސް ނަޝީދުގެ ސިޔާސީ ކުރިމަގު ބޮޑަށް ސާފުވާނީ އެ މަނިކުފަނު ބޭސްފަރުވާ އަށް ފަހު ރާއްޖެ ވަޑައިގެން ކަންކަން ކުރައްވާ ގޮތަކުންނެވެ. ސިޔާސީ ކަންކަން ނިންމަވަން މަޖިލިސްތަކުގެ ރިޔާސަތުގައި އިށީންނެވުމުންނެވެ. ބަލަން ތިބެމާ ހިނގާށެވެ!