Roadha Mihaaru
ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން

ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން: ލަވްރޯވް

26 އެޕްރީލް 2022

އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އެކުލަވާފައިވާ އަސްކަރީ ގުޅުން، ނޭޓޯ އިން މިހާރު ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އެކުލަވާފައިވާ އަސްކަރީ ގުޅުން، ނޭޓޯ އިން މިހާރު ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.

ލަވްރޯވް ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ޚާއްސަ ހަރަކާތްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޭނުން ކުރުމަށް، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ، އޭގެ ޒާތަށް ބަލާއިރު ނޭޓޯ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމެވެ.

"އެ ހަތިޔާރުތަކަކީ ޔޫކްރޭންގައި އަސްކަރީ ޚާއްސަ ހަރަކާތްތައް ހިންގާ ރަޝިޔާ ސިފައިންނަށް ހަމަލާ ދިނުމަށް ސީދާ ބޭނުންކުރާނެ ހަތިޔާރުތަކެއް. ނޭޓޯ، އޭގެ ޒާތަށް ބަލާއިރު، މިހާރު އެދަނީ ދެ ވަނަ ފަރާތެއް މެދުވެރިކޮށް ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން. އަދި ދެ ވަނަ ފަރާތަށް ހަތިޔާރު ދެމުން އެބަދޭ. ކޮންމެ ގޮތަކަށް ކުރިޔަސް ހަނގުރާމަ ވާނީ ހަނގުރާމަ އަށް،" ލަވްރޯވް ވިދާޅުވި އެވެ.

ލަވްރޯވް މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔޫކްރޭނަށް އިތުރު ހަތިޔާރު ނުފޮނުވުމަށް ރަޝިޔާ އިން ވަނީ އެމެރިކާ އަށް އިންޒާރުކޮށްފަ އެވެ. ރަޝިޔާ އިން އިއްޔެ ބުނި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓުވުމުގެ ގޮތުން، ރަޝިޔާ ސިފައިން ވަނީ، ޔޫކްރޭނަށް ހަތިޔާރު އެތެރެ ކުރުމަށް ބޭނުންވާ ރޭލު މަގުތަކަކަށް ހަމަލާދީ ހަލާކުކޮށްލައިފަ އެވެ.

ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްލީ ޔޫކްރޭންގެ ހުޅަނގާއި މެދުތެރޭގައިވާ ހަ ރޭލު މަގެއް ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ. ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިން އެންމެ ފުރަތަމަ ހިފި ޚެރްސޯން ސަހަރުގެ ކައުންސިލް އިމާރާތް އިއްޔެ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އެ ސަހަރުގެ މޭޔަރު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، އެއްގަމާއި ކަނޑާއި ވައިގެ މަގުން ދޭން ފެށި ހަމަލާތަކުގައި އެންމެ ފުރަތަމަ އަމާޒު ހިފީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށެވެ. އެކަމަށްޓަކައި، ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ވަން ރަޝިޔާގެ ލަޝްކަރު މަސްދުވަސް ވަންދެން ހަނގުރާމަ ކޮށްގެން ވެސް، އެކަން ކާމިޔާބުނުވުމުން، ރަޝިޔާ ސިފައިންގެ ހަމަލާތައް ވަނީ، ޔޫކްރޭންގެ އިރުމައްޗާއި ދެކުނަށް ބަދަލުކޮށްފަ އެވެ.