Roadha Mihaaru
ވެކްސިން ނުޖެހިއަސް ޖޮކޮވިޗަށް ވިމްބެލްޑަންގައި ކުޅެވޭނެ

ވެކްސިން ނުޖެހިއަސް ޖޮކޮވިޗަށް ވިމްބެލްޑަން ދިފާއުކުރުމުގެ ފުރުސަތު

27 އެޕްރީލް 2022

ލަންޑަން (އޭޕްރީލް 27) - މުބާރާތުގައި ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ވެސް މުބާރާތުގައި ވާދަ ކުރެވޭނެ ގޮތަށް ހަމަޖެއްސުމުން، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް އިނގިރޭސިވިލާތުގައި ބާއްވާ ވިމްބެލްޑަން އޯޕަން ޓެނިސް މުބާރާތް ދިފާއު ކުރުމުގެ ފުރުސަތު ފަހި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 27) - މުބާރާތުގައި ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ވެސް މުބާރާތުގައި ވާދަ ކުރެވޭނެ ގޮތަށް ހަމަޖެއްސުމުން، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް އިނގިރޭސިވިލާތުގައި ބާއްވާ ވިމްބެލްޑަން އޯޕަން ޓެނިސް މުބާރާތް ދިފާއު ކުރުމުގެ ފުރުސަތު ފަހި ވެއްޖެ އެވެ.

މިހާތަނަށް ހަ ފަހަރު ވިމްބްލަޑަން މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް، 34، މި އަހަރު ބޭއްވި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ގައި ވާދަކޮށްފައެއް ނުވެ އެވެ. މުބާރާތުގައި ވާދަކުރަން އޭނާ އޮސްޓްރޭލިއާ އަށް ދިޔުމުން ވެސް ވެކްސިން ނުޖަހާ އެ ގައުމަށްށް އެތެރެ ނުވެވޭތީވެ، އެ ގައުމުން އޭނާ ޑީޕޯޓް ކޮށްލި އެވެ.

ވިމްބެލްޑަންގެ އޯލް އިންގްލެންޑް ލޯން ޓެނިސް ކްލަބުގެ ޗީފް އެގްޒެކެޓިވް ސެލީ ބޯލްޓަން ނިއުސް ކޮންފަރެންސެއްގައި ވިދާޅުވގޮތުގައި، އިނގިރޭސިވިލާތަށް އެތެރެވުމަށް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަނޑައަޅައިފައިވުމުން އަންނަ ޖޫން ގައި ބާއްވާ މުބާރާތަށް އަންނަ ފަރާތްތަކުން ވެކްސިން ނުޖަހާ ވެސް އެގައުމަށް އެތެރެ ވެވިދާނެ އެވެ.

ވެކްސިން ނުޖެހުމުގެ ސަބަބުން އޮސްޓްރޭލިއަން އޯޕަންގައި ވާދަ ނުކުރެވުމުގެ އިތުރަށް، ވެކްސިން ފުރިހަމަ ނުކޮށް އެމެރިކާއަށް ވެސް ދަތުރު ނުކުރެވޭތީވެ އޭނާއަށް ވަނީ އޭޓީޕީ މާސްޓާސް ދެ މުބާރާތް ކަމަށްވާ އިންޑިއަން ވެލްސް އާއި މަޔާމީ އޯޕަން ވެސް ގެއްލިފަ އެވެ. އަދި ކޮވިޑުގެ ވެކްސިނެއް ނުޖަހައިގެން މުބާރާތްތައް ޖެއްލުނު ކަމުގައި ވިޔަސް އެކަމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް އޭނާ ވަނީ މީގެ ކުރިން މީޑީއާގައި ބުނެފަ އެވެ.

މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗަށް ގިނަ މުބާރާތްތަކެއް ގެއްލުމުގެ ސަބަބުން އޭނާއަށް ވަނީ މިދޭތެރޭން، ވާދަވެރި ރަޝިއާގެ ޑެނީލް މެޑްވެޑޭވް އަށް ރޭންކިންގެ އެއްވަނަ ވެސް ގެއްލިފަ އެވެ. ނަމަވެސް ޖޮކޮވިޗް ވަނީ ފަހުން ވާދަކުރި މުބާރާތްތަކުގައި ނަތީޖާ ރަނގަޅުކޮށް އަލުން އެއްވަނައަށް ޖެހިލައިފަ އެވެ.

މިދިޔަ ހަފްތާ ޖޮކޮވިޗް ވަނީ މި އަހަރު އޭނާގެ ފުރަތަމަ ފައިނަލް ވެސް ކުޅެފަ އެވެ. އަމިއްލަ ގައުމުގެ ވެރިރަށް ބެލްގްރޭޑުގައި ކުޅުނު ސާބިއަން އޯޕަންގެ ފައިނަލަށް ދަތުރު ކުރި ނަމަވެސް، ފައިނަލުން ބަލިވީ ރޭންކިންގެ އަށްވަނައިގައި އޮތް، އެ ގައުމުގެ އަންޑްރޭ ރުބްލޭވް، 24، އަތުންނެވެ.

ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ވިއަސް، ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން، ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް ވިމްބެލްޑަން އިން ވަނީ ނިންމައިފަ އެވެ.