Roadha Mihaaru
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް

ޖޮކޮވިޗް އަށްވަނަ ފަހަރަށް ވިމްބެލްޑަން ފައިނަލުން ޖާގަ ހޯދައިފި

09 ޖުލައި 2022

ލަންޑަން (ޖުލައި 9) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑުގެ އިންގްލެންޑްގެ ކެމަރަން ނޯރީ ބަލިކޮށް، ސާބިއާގެ ނޯވަކް ޖޮކޮވިޗް އަށްވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލަންޑަން (ޖުލައި 9) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑުގެ އިންގްލެންޑްގެ ކެމަރަން ނޯރީ ބަލިކޮށް، ސާބިއާގެ ނޯވަކް ޖޮކޮވިޗް އަށްވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ނުވަ ވަނައަށް ސީޑް ކޮށްފައިވާ ނޯރީއާ ދެކޮޅަށް ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ޖޮކޮވިޗް ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ސެޓްތައް ގެންދިޔައީ 2-6، 6-3، 6-2 އަދި 6-4 އިންނެވެ. މިއާ އެކު އެންމެ ފަހުން ބޭއްވި ތިން ވިމްބެލްޑަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޖޮކޮވިޗް ވަނީ އޯލް އިންގްލެންޑް ކްލަބުގައި އެންމެ ފަހުން އޭނާ ކުޅުނު 27 މެޗުން ވެސް މޮޅު ވެފަ އެވެ.

މާދަމާ ރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް ނުުކުންނާނީ، މުޅިން އަލަށް ގްރޭންޑް ސްލޭމް ސިންގަލްސް ފައިނަލަކަށް ދަތުރު ކުރި އޮސްޓްރޭލިއާގެ ނިކް ކީރިއޯސްއާ ދެކޮޅަށެވެ. ކީރިއޯސް އަށް ފައިނަލުން ޖާގަ ލިބުނީ، އޭނާއާ ދެކޮޅަށް ކުޅެން އޮތް، 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އަށް އަނިޔާވެގެން މުބާރާތް ދޫކޮށްލަން ޖެހުމުންނެވެ.

މާދަމާގެ ފައިނަލަކީ ޖޮކޮވިޗުގެ 32 ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. މިއީ މި އަހަރު ޖޮކޮވިޗް ކުޅޭ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. ކޮވިޑް-19 ވެކްސިން މައްސަލައިގައި އޮސްޓްރޭލިއަން އޯޕަންގައި އޭނާ އަށް ނުކުޅެވުނެވެ. އަދި ފްރެންޗް އޯޕަން އިން އޭނާ ކެޓީ ކުއާޓާ ފައިނަލުގައި ނަޑާލް އަތުން ބަލިވެގެންނެވެ.

އޭނާއާ އެއްވަރަށް؛ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވަނީ 31 ފައިނަލުގައި ކުޅެފަ އެވެ. އަދި މި ފައިނަލުގައި ޖޮކޮވިޗަށް 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން ހަތްވަނަ ފަހަރަށް ވިމްބެލްޑަން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހި ވެފަ އެވެ.

ވިމްބެލްޑަންގައި އެންމެ ކާމިޔާބު ފިރިހެން ސިންގަލްސް ކުޅުންތެރިއަކީ، އަށް ފަހަރު މުބާރާތް ކާމިޔާބުކުރި ފެޑެރާ، 40، އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ބަލިވި މެޗަށް ފަހު، ކަކުލުގެ ސާޖަރީއެއް ކުރުމަށް ފަހު އަދި އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭ ގޮތެއް ނުވެ އެވެ.

މިއަދު ކުޅޭ އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރާނީ ރޭންކިންގެ ތިންވަނައިގައި ސީޑް ކުރެވުނު ޓިއުނީޝިއާގެ އޮންސް ޖަބެއުއާ، އަދި 17 ވަނައަށް ސީޑް ކުރެވިފައިވާ ކަޒަކިސްތާނުގެ އެލީނާ ރައިބަކިނާ އެވެ. މިއީ މި ދެ ކުޅުންތެރިން ވެސް ގްރޭންޑް ސްލޭމް ސިންގަލްސް ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.