27 އެޕްރީލް 2022
މެންޗެސްޓާ (އޭޕްރީލް 27) - ރެއާލް މެޑްރިޑްގެ މައްޗަށް 4-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ކައިރިއަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
މެންޗެސްޓާ (އޭޕްރީލް 27) - ރެއާލް މެޑްރިޑްގެ މައްޗަށް 4-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ކައިރިއަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
ސިޓީން ވަނީ މެޗު ފެށިގެން 95 ވަނަ ސިކުންތުގައި ރެއާލް ކޮޅަށް ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިދިޔަ ސީޒަނުގައި ޕެރިހުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ވެސް ފުރަތަމަ ލަނޑު ޖެހި ކެވިން ޑިބްރޭނާ އެވެ. ރިޔާދް މަހްރޭޒް ނަގައިދިން ބޯޅަ އޭނާ ވަނީ ކައިރީ ހުރި ޑެނީ ކާވަހާލް ހުރަސް އެޅުމުގެ ކުރިން ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ރެއާލް އަށް މެޗުގައި ހަމަލާއެއް ފޮނުވާ ނުލެވެނީސް 11 ވަނަ މިނިޓުގައި ސިޓީގެ ދެވަނަ ލަނޑު ޖެހީ ގެބްރިއެލް ޖީސަސް އެވެ. އޭނާ މި ލަނޑު ޖެހީ ޑިބްރޭނާ ނަގައިދިން ބޯޅައެއް ކައިރީ ހުރި ޑޭވިޑް އަލަބާ އަށް ލިބުމުގެ ކުރިން ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ތިން ދުވަސް ތެރޭ ޖީސަސް ސިޓީ އަށް ޖަހައިދިން ފަސްވަނަ ލަނޑެވެ. އޭނާ ވަނީ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި ވަޓްފޯޑް ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
ވިނީޝިއުސް ޖޫނިއާ، ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: އޭއެފްޕީ
ރެއާލްގެ ފުރަތަމަ ލަނޑު 30 ވަނަ މިނިޓުގައި އަލަބާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ޖަހައިދިނީ ކަރީމް ބެންޒެމާ އެވެ. އޭގެ ކުރިން ސިޓީ އަށް ވަނީ ތިންވަނަ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. މަހްރޭޒް އާއި ޑިބްރޭނާ ކުރިޔަށް އަރައި، ފިލް ފޮޑެން އަށް ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ބެންޒެމާގެ ލަނޑަށް ފަހު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ޑިފެންޑަރު ޖޯން ސްޓޯންސްގެ ބަދަލުގައި ކެޕްޓަން ފެނާންޑީނިއޯ ކުޅެން އަރުވައިފަ އެވެ. އަދި ހާފް ނިމުމުގެ ކުރިން ރެއާލް އަށް އެއްވަރުކުރަން ރޮޑްރިގޯ އަށް ލިބުނު ފުރުސަތުގައި އޭނާ ހުސް ކޮށް އަރައި ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު އެޑަސަން އެވެ.
ދެ ޓީމަށް ވެސް ޑިފެންޑަރުންގެ އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ދެވަނަ ހާފަށް އަލަބާގެ ބަދަލުގައި ނާޗޯ ފެނާންޑޭޒް ކުޅެން އަރުވައިފަ އެވެ. ނަމަވެސް ސިޓީ އިން ދިޔައީ ކެނޑިނޭޅި ރެއާލްގެ ޑިފެންސަށް ޕްރެޝަރު ކުރަމުންނެވެ.
ރެއާލްގެ ހާފު މެދަކާ ހަމައިން މަހްރޭޒް ހުސްކޮށް ބޯޅަ ހޯދައިގެން ހުސްކޮށް އަރައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ފޮޑެން ފޮނުވާލި ނަމަވެސް ގޯލަށް ވަނުމުގެ ކުރިން ދިފާއުކުރީ ޑެނީ ކާވަހާލް އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން 53 ވަނަ މިނިޓުގައި ފެނާންޑީނިއޯ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ފޮޑެން ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
ސިޓީ އިން އަލުން ދެ ގޯލުގެ ލީޑެއް ނެގިތާ ދެ މިނިޓު ވެސް ނުވަނީސް ރެއާލަށް ފަރަގު ކުޑަ ކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭނާ ވަނީ ސިޓީގެ ހާފް ތެރެއިން މެދުރޮނގާ ހިސާބުން ޓަޗް ލައިން ކައިރީ ހުރި ފެނާންޑީނިއޯ ކައިރިން ބޯޅަ ހޯދައި، ސިޓީގެ ޑިފެންޑަރުން ފަހަތަށް ފޭބުމުގެ ކުރިން އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އެއަށް ފަހު ސިޓީގެ ޒިންޗެންކޯ ތަނަވަސްކުރި ފުރުސަތެއްގައި ޑިފެންޑަރު އައިމެރިކް ލަޕޯޓް ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ.
ކެވިން ޑިބްރޭނާ (ވ)، ސިޓީ އަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނުމަށް ފަހު ފޮޑެން (ކ) އާއެކު އުފާފާޅުކުރަނީ. ސިޓީގެ ތިންވަނަ ލަނޑު ޖެހީ ފޮޑެން.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ހަތަރުވަނަ ލަނޑު 74 ވަނަ މިނިޓުގައި ޖަހައި ދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. އެޓީމުގެ ޒިންޗެންކޯ، ރެއާލްގެ ޓޯނީ ކްރޫޒް ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓުމާ އެކު ގެއްލެން ދިޔަ ބޯޅަ ހޯދައި ބެނާޑޯ ސިލްވާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓު ފަހުން މަހްރޭޒް ވަނީ އޭރިއާ ތެރެއިން ރެއާލްގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާފައި ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ހަނި އޭންގަލުން ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ވެސް ބީޓް ވެފައި ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.
ރެއާލް މެޑްރިޑުގެ ތިންވަނަ ލަނޑު 82 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބެންޒެމާ އެވެ. އޭނާ މި ޕެނަލްޓީއަކީ ސިޓީގެ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކަށް ބެންޒެމާ ބޮލުން އެރި ވަގުތު، އެ ބޯޅައަށް މަސައްކަތްކުރި ސިޓީގެ ޑިފެންޑަރު ލަޕޯޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ބެންޒެމާ ކާމިޔާބުކުރީ ޕެނަންކާ ކިކަކުންނެވެ.
މިއީ ބެންޒެމާ މި ސީޒަނުގައި ޖެހި 41 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ޖެހި 14 ވަނަ ލަނޑެވެ. މިއާ އެކު އޭނާ ވަނީ ބެޔާން މިއުނިކުގެ ރޮބާޓް ލެވަންޑޯސްކީ ފަހަތަށްޖައްސާލައި މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރިޔަށް ޖެހިލައިފަ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ރެއާލުން މިހާތަނަށް 11 ލަނޑު ވަނީ ޖަހާފަ އެވެ. އޭގެ ތެރެއިން ނުވަ ލަނޑު ޖެހީ ބެންޒެމާ އެވެ.
ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މި ދެޓީމު ބައްދަލުކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މެޑްރިޑްގަ އެވެ.. ފުރަތަމަ ލެގުގެ ކުރިން އަންޗެލޮޓީ ވަނީ، ފުރަތަމަ ލެގުން އަސްލު ނަތީޖާ ނުނިކުންނާނެ ކަމަށާއި، ސެމީ ފައިނަލުގެ ނަތީޖާ ނެރޭނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ކަމަށް ބުނެފަ އެވެ.
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ރެއާލް އަދި ސިޓީ ރަށުންބޭރުގައި، ފުރަތަމަމެޗު ކާމިޔާބު
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ފޯމް ގެއްލުނީ އަނިޔާ އާއި ސަސްޕެންޝަނާހެދި: ބެލިންހަމް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި