Roadha Mihaaru
އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ހަމަޖައްސަނީ

އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން ގާނޫނަށް އިސްލާހު ހުށަހަޅަނީ

28 އެޕްރީލް 2022

ކައުންސިލްތަކާ އެކު ލާމަރުކަޒީ ނިޒާމް ހިންގުމުގައި މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ދޭން ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކައުންސިލްތަކާ އެކު ލާމަރުކަޒީ ނިޒާމް ހިންގުމުގައި މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ދޭން ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

އެ އޮތޯރިޓީގެ ބައްދަލުވުމަކުން މިގޮތަށް ނިންމީ ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ހުށަހެޅުއްވި ހުށަހެޅުއްވުމާ މެދު މަޝްވަރާކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުމާ އެކު ކޮމިޓީތަކުގެ ކަންބޮޑުވުމަށް އިއްޔެ އުއްމީދެއް ވަނީ ލިބިފަ އެވެ.

ގާނޫނަށް ބަދަލު ގެނެސް އަންހެން ކައުންސިލަރުންނާއި ކޮމިޓީތައް އިންތިހާބުކުރި އަމާޒަަށް ދާން އަދިވެސް ހުރަސްތައް އެބަހުއްޓެވެ. މި ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަޖިލީހަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރިއިރު ވެސް ކޮމިޓީތަކުން އެލެވަންސަށް އެދޭކަން ބައެއް މެމްބަރުން ފާހަގަކުރައްވާފައިވެ އެވެ.

އަންހެނުންގެ ކޮމިޓީތަކަށް ގާނޫނުން ކަނޑައަޅާފައި އޮންނަނީ ސިޓިން އެލަވަންސެކެވެ.

މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ކުރިން ދެމުން އައީ 3،000ރ. އެވެ. ގާނޫނަށް އިސްލާހު ގެނެސްގެން މި އެލަވަންސް ވަނީ ދެ ގުނަ ބޮޑުކޮށްފަ އެވެ.

އިސްލާހާ އެކު ސިޓީ ކައުންސިލްތަކުގެ ކޮމިޓީ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.

ރަށު ކައުންސިލްތަކުގެ ރައީސަށް 6،000ރ. އާއި ނައިބު ރައީސަކަށް 5،500ރ. އާއި މެމްބަރަކަށް 5،000ރ. ވަނީ ކަނޑައަޅައިފަ އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ 3،000ރ. އެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި ބަދަލާ އެކު އިންތިހާބުކޮށްފައިވާ ކޮމިޓީތަކަށް އޮތީ ރަށާއި އަތޮޅު ތަރައްގީގައި ކުރިއަށް ވުރެން ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފަ އެވެ.

ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި، ރަށްވެހި ކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރުމާއި އެކި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމާއި އަންހެނުން އިތުރަށް ބާރުވެރިކުރުވާނެ ފަދަ ކަންކަން ކައުންސިލާ ގުޅިގެން މަގުފަހިކުރުން ހިމެނެ އެވެ.