Roadha Mihaaru
އަންހެނުން ކޮމިޓީގެ މެމްބަރުންގެ އިނާޔަތްތައް ބޮޑުކުރަނީ

އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އިނާޔަތްތައް ބޮޑުކުރަނީ

18 އޯގަސްޓް 2021

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.

ތ. ކިނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު އެ ރަށުގެ މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރައްވައިފަ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.

މީގެ ތިން މަސް ކުރިން އިންތިހާބުކުރި އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 3،000ރ. ލިބެ އެވެ. އޭގެ ތެރެއިން 2،000ރ. އަކީ ފިކްސްޑް އެލަވަންސް އެވެ. ބާކީ 1،000ރ. ކަނޑައަޅާފައިވަނީ ކޮމިޓީގެ ބައްދަލުވުންތަކަށެވެ. އެއީ ހަތަރު ބައްދަލުވުމަށް، ކޮންމެ ބައްދަލުވުމަކަށް 250ރ. އެވެ.

ކޮމިޓީގެ ނައިބު ރައީސަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 2،500ރ. ހަމަޖައްސާފައި ވެ އެވެ. އޭގެ ތެރެއިން 1،500ރ. އަކީ ފިކްސްޑް އެލަވަންސް އެވެ. ކޮމިޓީގެ ހަތަރު ބައްދަލުވުމަށް ކަނޑައަޅާފައިވާ 1،000ރ.އާ އެކު، މުޅި ޖުމްލަ 2،500ރ. ލިބޭނެ އެވެ.

ކޮމިޓީގެ މެމްބަރަކަށް ފިކްޑްސް އެލަވަންސްގެ ގޮތުގައި 1،000ރ. އަދި ހަތަރު ކޮމިޓީގެ ބައްދަލުވުމަށް ކަނޑައަޅާފައިވާ 1،000ރ. އާ އެކު މުޅި ޖުމްލަ 2،000ރ. ލިބޭނެ އެވެ.

އަންހެނުންގެ ކޮމިޓީން މަހެއްގެ މައްޗަށް ކިތައްމެ ގިނަ ބައްދަލުވުން ބޭއްވި ނަމަވެސް އެލަވަންސް ދޭނީ ހަތަރު ބައްދަލުވުމަށެވެ.

ކިނބިދޫގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެއާއެކު، ކޮމިޓީގެ މެމްބަރުންގެ މުސާރައާ އިނާޔަތްތަކާ ގުޅުންހުރި ކަންބޮޑުވުންތައް ރައީސަށް ހިއްސާކުރައްވާފައި ވެ އެވެ.

އަންހެނުންގެ ކޮމިޓީން ވަނީ އިގުތިސާދީގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ރައީސްގެ އަރިހުގައި އެދިފަ އެވެ.

އެއާއެކު، ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ މުސާރަ އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އިގުތިސޯދީގޮތުން ހުރި ފުރުސަތުތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފަ އެވެ.