Roadha Mihaaru
އަންހެނުން ކޮމިޓީގެ އެލަވަންސް މި މަހު ބޮޑުވާނެ

އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ އެލަވަންސް މި މަހުން ފެށިގެން ބޮޑުވާނެ

18 ޖެނުއަރީ 2022

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް މި މަހުން ފެށިގެން ދެ ގުނަ ބޮޑުވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް މި މަހުން ފެށިގެން ދެ ގުނަ ބޮޑުވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަނީ އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް މި އަހަރުން ފެށިގެން ބޮޑުކުރަން ނިންމައިފަ އެވެ.

އެކަން އެންމެ ފުރަތަަމަ އިއުލާން ކުރެއްވީ ތ. ކިނބިދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިދިޔަ މޭ މަހު އިންތިހާބުކުރި އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 3،000ރ. ލިބެ އެވެ. އޭގެ ތެރެއިން 2،000ރ. އަކީ ފިކްސްޑް އެލަވަންސެވެ. ބާކީ 1،000ރ. ކަނޑައަޅާފައިވަނީ ކޮމިޓީގެ ބައްދަލުވުންތަކަށެވެ. އެއީ ހަތަރު ބައްދަލުވުމަށް، ކޮންމެ ބައްދަލުވުމަކަށް 250ރ. އެވެ.

ކޮމިޓީގެ މެމްބަރަކަށް ފިކްޑްސް އެލަވަންސްގެ ގޮތުގައި 1،000ރ. އަދި ހަތަރު ކޮމިޓީގެ ބައްދަލުވުމަށް ކަނޑައަޅާފައިވާ 1،000ރ. އާ އެކު ޖުމުލަ 2،000ރ. ލިބޭނެ އެވެ.

ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ފަސް ޕަސެންޓް ދެނީ އަންހެނުންގެ ކޮމިޓީތަކަށެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެއްގޮތަށް ކޮމިޓީގެ އެލަވަންސްތައް ހަމަޖެއްސުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.

އެ އެންގުމާ އެއްގޮތަށް މި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.